ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މި މަހުގެ 25 ވަނަ ދުވަހު މަރުވި ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފި އެވެ.
އަބްދުﷲގެ އާއިލާއިން "އަދަދު"އަށް މައުލޫމާތު ދިން ގޮތުގައި އަބްދުﷲގެ ހަށިގަނޑު މިއަދު ހެދުނު ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ.
އަބްދުﷲގެ އާއިލާއިން އޭނާގެ ޕޯސްޓްމޯޓަމް ހެދުން ހުއްޓުވާ ހަށިގަނޑު ހޯދުމަށް އެދި ހުށަހެޅި މައްސަލައިގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އިއްޔެ ސިވިލް ކޯޓުން ވަނީ ނިންމާފަ އެވެ.
މައްސަލައިގެ ފަސްފަހަތް
އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން އަދި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
މި މައްސަލާގައި، ފުލުހުންގެ ތެރެއިން އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލާފައިވެ އެވެ.













