ދައުރުގެ ފަހު އަހަރަށް 42 ބިލިއަނުގެ ބަޖެޓެއް ހުށަހަޅައިފި

ދައުރުގެ ފަހު އަހަރަށް 42 ބިލިއަނުގެ ބަޖެޓެއް ހުށަހަޅައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ބަޖެޓު ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަންނަ އަހަރަށް ބަޖެޓު ހުށަހަޅާފައި ވަނީ ރާއްޖެ އާއި ދުނިޔޭގެ އިގުތިސާދީ ދުވެއްޔަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު އެވެ.

މި ބަޖެޓަކީ ކޮވިޑާއި ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން އިގްތިސާދަށް ކުރިމަތިވި ހިރާސްތައް ކުޑަކޮށް، ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ހުށަހަޅާ ބަޖެޓެއް ކަމަށް ސަރުކާރުން ބުނެ އެވެ. އަދި، ރައީސްގެ ރިޔާސީ ވައުދުފުޅުތައް ފުއްދުމަށާއި، ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭނުގައި ހިމަނާފައިވާ ކަންކަން ތަންފީޒު ކުރުމަށް ބަޖެޓުގައި ޖާގަ ދީފައިވެ އެވެ.

ސަރުކާރުގެ ފަރާތުން ވަނީ މެދުރާސްތާގައި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ފިސްކަލް ސިޔާސަތު ތަންފީޒު ކުރުމަށް ގެންގުޅޭ އިންތައް ކަނޑައެޅުމަށް 2023-2025 އަށް ހަތަރު ފިސްކަލް އަމާޒެއް ވެސް ހުށަހަޅާފަ އެވެ. އެއީ؛

  • 2025 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ދަރަނި (ގެރެންޓީ ނުލައި) ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓަށް ތިރިކުރުން،
  • 2023 ވަނަ އަހަރުގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން ފަސް ޕަސެންޓަށްވުރެ ތިރިކޮށް، އެއަށްވުރެ އިތުރުނުވާނެހެން މެދު ރާސްތާގައި ހިފެހެއްޓުން،
  • އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަހަރަކަށް ފަހު އަހަރެއް ދަށަށް ދާނެ މިސްރާބުގައި ހިފެހެއްޓުން،
  • 2023 ވަނަ އަހަރުގެ ނިޔަލަށް ރިކަރަންޓު ހަރަދު ދައުލަތުގެ އާމްދަނީ (ހިލޭ އެހީ ނުހިމަނައި) އަށްވުރެ އިތުރުނުވާނެ މިންވަރަށް ތިރިކޮށް، ދުރު ރާސްތާގައި އެ މިންގަނޑުގައި ހިފެހެއްޓުމެވެ.

މި އަމާޒުތައް ހާސިލުކުރުމަށް އާމްދަނީ އާއި ހަރަދުގެ ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން، ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ރޭޓުތައް ބޮޑުކުރުމުގެ އިސްލާހު މިހާރު އޮތީ މަޖިލީހުގަ އެވެ. އެ އިސްލާހު ފާސްވުމާ އެކު ޖީއެސްޓީ އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 16 ޕަސެންޓަށް ބޮޑުވެގެންދާނެ އެވެ.

ހަމައެހެންމެ، ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން، ދައުލަތުން ދޭ ސަބްސިޑީ މިހާރަށްވުރެ އެފިޝިއެންޓުކޮށް، ސަބްސިޑީގެ ހަރަދުތައް ދެމެހެއްޓެނިވި މިންވަރަކަށް ގެނައުމަށް ސަބްސިޑީގެ ސިޔާސަތު މުރާޖާކުރަން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން، އާސަންދައިގެ އިސްރާފު ކުޑަކޮށް، ރާއްޖެއަށް އެތެރެކުރާ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްގެ އަގުތައް ކޮންޓްރޯލް ކުރަން ވެސް ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ: އަދަދު
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ: އަދަދު

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓަށް ދިއުމަށް ލޯންޗަށް އަރަނީ. -- ފޮޓޯ: އަދަދު

އިގްތިސާދީ ދުވެލި 7.6 ޕަސެންޓުގައި، އިންފްލޭޝަން 5.4 ޕަސެންޓުގައި

ކޮވިޑާ އެކު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 34 ޕަސެންޓު ދަށްވުމަށް ފަހު ފަތުރުވެރިކަން އަލުން ފަށައި 2021 އަދި 2022 ގައި ވެސް އިގްތިސާދު އަންނަނީ ހަލުވި ދުވެއްޔެއްގައި ކުރި އަރަމުންނެވެ. އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު އިގްތިސާދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ރާއްޖޭގެ އިގްތިސާދު ކޮވިޑުގެ ކުރިން ހުރި މިންވަރަށް މިއަހަރު ނިމެންވާއިރަށް ވާސިލުވާނެ ކަމަށް ބެލެވޭއިރު ޗައިނާ ފަތުރުވެރިން އަންނަ ފެށުމާ އެކު ފަތުރުވެރިކަމަށް ބޮޑު ދިރުމެއް އަންނާ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެހެން ނަމަވެސް، ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގެ އިގްތިސާދު ހީނަރުވަމުން ދިޔުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަށް ބެލެވެ އެވެ.

އަދި، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތަކެތީގެ އަގުތައް މަތިވުމާއި، ރާއްޖޭގެ ޓެކްސް ރޭޓުތައް މަތިކުރުމާ އެކު ވެސް އިންފްލޭޝަން 5.4 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ތެލުގެ އަގުތައް އިންތިހާއަށް ބޮޑުވުމާ އެކު، ރަސްމީ ރިޒާވަށް އަސަރުކޮށް މިއަހަރު ނިމޭއިރު ހުންނާނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ ރިޒާވް ދަށްވާނެ ކަމަށް ބެލެވޭ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ.

ހަރަދު 40.5 ބިލިއަނުގައި، އާމްދަނީ 32 ބިލިއަނުގައި

ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.

ދަރަނި 101 ބިލިއަނަށް، އުފެއްދުންތެރިކަމުގެ ނިސްބަތުން ދަށްވާނެ

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 8.459 ބިލިއަނުގައި ކަމަށްވާއިރު އެއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 8.1 ޕަސެންޓެވެ. އަދި، ޕްރައިމަރީ ޑެފިސިޓް 5.02 ބިލިއަނަށް ދަށްކުރެވި އުފެއްދުންތެރިކަމުގެ ނިސްބަތުން ފަސް ޕަސެންޓަށްވުރެ ދަރަނި ތިރިކުރުމަށް ކަނޑައަޅާފައިވާ އަމާޒަަށް އަހަރު ނިމުމުގެ ކުރިން ވާސިލުވެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެގޮތުން، ސަރުކާރުން އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކާ އެކު ޑެފިސިޓު އެވަރުގައި ހުރި ނަމަވެސް، އެ ފިޔަވަޅުތައް ނާޅައި ލަސްކޮށްފިނަމަ ބަޖެޓު ޑެފިސިޓު 14.4 ބިލިއަނަށް އިތުރުވާނެ ކަމަށް ސަރުކާރުން އޮތީ ލަފާކޮށްފަ އެވެ.

ބަޖެޓަށް ބޭނުންވާ ފައިނޭންސިންގެ 38 ޕަސެންޓު މިހާރު ވެސް ހޯދާފައިވާއިރު 11.453 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ. އެއީ ބަޖެޓު ޑެފިސިޓް ހަމަޖައްސުމަށާއި ލޯނުތަކަށް ދައްކަން ޖެހޭ 2.101 ބިލިއަން ރުފިޔާ ހިމެނޭހެންނެވެ. މިއާ އެކު، ދައުލަތުގެ ދަރަނި 101.953 ބިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ. އެއީ 9.2 ޕަސެންޓު އިތުރުވުމެކެވެ.

އެހެން ނަމަވެސް، ދަރަންޏަށް ވުރެ ބޮޑަށް އަންނަ އަހަރު ގައުމީ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށް ބެލޭވެއިރު އޭގެ ސަބަބުން އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 108.9 ޕަސެންޓަށް ދަށްވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި 2022 ނިމޭއިރު އެ އަދަދު ހުންނާނީ 111 ޕަސެންޓުގަ އެވެ. އަދި، ސަރުކާރުން އަންދާޒާކުރާ ގޮތުގައި، 2025 ގައި އެ އަދަދު 102.4 ޕަސެންޓަށް ތިރިކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox