އަބްދުﷲ ރަޝީދުގެ އާއިލާއިން އާދޭސް ކުރަނީ ހަށިގަނޑު ހަވާލުކޮށްދިނުމަށް

އަބްދުﷲ ގެ މަންމަ ނޫސްވެރިންނާ ވާހަކަ ދައްކަނީ: ބުނީ އަބްދުﷲ މަރުވިކަން ފުލުހުން ރަސްމީކޮށް ނާންގާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަބްދުﷲ ގެ މަންމަ ނޫސްވެރިންނާ ވާހަކަ ދައްކަނީ: ބުނީ އަބްދުﷲ މަރުވިކަން ފުލުހުން ރަސްމީކޮށް ނާންގާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މި މަހުގެ 25 ވަނަ ދުވަހު ގދ. ހޯނޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެެ ދަށުގައި ހުއްޓާ މަރުވި އެ ރަށު އަބްދުﷲ ރަޝީދުގެ އާއިލާއިން އޭނާގެ ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދިއްޖެ އެވެ.

އަބްދުﷲ ގެ އާއިލާއިން މިގޮތަށް އެދި އޭނާ މަރުވުމުގައި ފުލުހުން ވެފައިވާ އިހުމާލުތައް މީޑިއާތަކާ ހިއްސާކޮށްފައިވަނީ އަބްދުﷲ ގެ ހަށިގަނޑު މިވަގުތު އޮތް ގަލޮޅު މޯޗަރީ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އާދޭސް ކުރުމުންވެސް ފަރުވާ ނުދިން؛ ބުނީ ފޭކު ޖައްސަނީ ކަމަށް

އަބްދުﷲ ރަޝީދުގެ މަންމަ މަރިޔަމް އަހުމަދު ބުނި ގޮތުގައި އަބްދުﷲ މަރުވި ދުވަހު އޭނާ މެންދުރު ކާން ގެއަށް ނައުމުން ދަރިފުޅު ދިރިއުޅޭ ގެއަށް ދިޔަ އެވެ. މަރިޔަމް އެ ގެއަށް ދިޔަ އިރު އާދައިގެ ހެދުމުގައި ތިބި ދެ ފުލުހުން ބޭރުގައި ތިބި ކަމަށާއި އެ ގެއަށް ވަނުމަށް ފުލުހުން ފުރުސަތު ނުދިން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ބުނިން އަޅުގަނޑުގެ ދަރިފުޅު ކާން ނުގޮސްގެން ފޯނު ނުނަގައިގެންނޭ މި އައީ. ދެން އެ ދެމީހުން ބުނީ ތިމަންނަ މެންނަކީ ޕޮލިހުންނޭ މިވަގުތު އެ ގެއަކަށް ނުވަދެވޭނޭ،" އަބްދުﷲ ގެ މަންމަ ބުންޏެވެ.

އަބްދުﷲ ގެ މަަންމަ އަދި އާއިލާ
އަބްދުﷲ ގެ މަަންމަ އަދި އާއިލާ

އަބްދުﷲ ގެ މަަންމަ އަދި އާއިލާގެ މެންބަރުން ގަލޮޅު މޯޗަރީ ސަރަހައްދުގައި -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަބްދުﷲ ދިރިއުޅޭ ގެއިން ނެރެގެން ފުލުހުން އޭނާ ލޯންޗަށް ގެންދިޔައީ އެދުވަހުގެ މެންދުރުފަހު 3:50 ހާއިރު ކަމަށާއި ދަރިފުޅާ ބައްދަލުވާނެ ފުރުސަތެއްވެސް ނުލިބުނު ކަމަށް އަސަރާއެކު މަރިޔަމް ކިޔައިދިނެވެ.

"ލޯންޗަށް ލީތަނުން އޭނާގެ [އަބްދުﷲ ގެ] މޭގަ ރިއްސަން ފެށީ، ރިއްސާވަރުން އޭގަ [ލޯންޗުގަ] އޮވެގެން ހަމަ އެނބުރުނީ.. ދެން ތިމަންނަ ހޮސްޕިޓަލަށް ގެންގޮސްދޭށޭ ތިމަންނަ މި މަރުވަނީއޭ ބުނީމަ ޕޮލިހުން ބުނަނީ ތި ޖައްސަނީ ފޭކޭ،" އާދޭސް ކުރުމުންވެސް ފުލުހުން ފަރުވާ ދިނުމަށް ދެކޮޅު ހެދި ކަމަށް މަރިޔަމް ބުންޏެވެ.

އެ ސަރަހައްދަށް އެ ވަގުތު އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން ފިރުޝާން އާއި ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސްގެ އިތުރުން ހޯނޑެއްދޫ ސިއްހީ މަރުކަޒުގެ މެނޭޖަރުވެސް ދިޔަ ކަމަށާއި އެބޭފުޅުން ވެސް އަބްދުﷲ އަށް ފަރުވާ ދިނުމަށް އެދުނު ކަމަށް އަބްދުﷲ ގެ މަންމަ ވަނީ މިއަދު ބުނެފަ އެވެ. ނަމަވެސް ފުލުހުން އެބޭފުޅުންގެ އެދުމަށް ވެސް އިޖާބަ ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މަރުވިކަން އާއިލާއަށް ނާންގާ

އަބްދުﷲ ގެ މަންމަ ބުނި ގޮތުގައި އޭނާ މަރުވިކަން ފުލުހުން އާއިލާއަށް އަންގާފައެއް ނުވެ އެވެ. އެގޮތުން ހޯނޑެއްދޫ ބަނދަރުގައި ލޯންޗު ދޮޅު ގަޑިއިރު އޮތުމަށްފަހު ފުރިއިރު އަބްދުﷲ ގެ އަނގައިން ފޮނު ނުކުތުމުން ފުލުހުން ވަނީ އޭނާއަށް ސީޕީއާރުވެސް ދީފަ އެވެ. ދެން އޭނާ ރަށަށް ނުބާލައި ގޮވައިގެން މަޑަވެއްޔަށް ގޮސް އެ ރަށަށް ބާލާފައި ފުލުހުންގެ ޓީމު ފުރައިގެން ދިޔައީ ކަމަށް މަރިޔަމް ބުންޏެވެ.

އެކަމަކު އެ ވަރުވެގެން ދިޔައިރުވެސް، އެކަން އާއިލާއަށް ފުލުހުން އަންގާފައިނުވާކަން އޭނާ ފާހަގަކުރި އެވެ.

މަޑަވެލިން ކޮންމެސް މީހަކު ގުޅާފަ ބުނީ ކަލޭގެ ދަރިފުޅު މަރުވެއްޖެއޭ"

މަރިޔަމް ބުނި ގޮތުގައި އޭނާ އަދި އާއިލާގެ އެހެން މީހުން މަޑަވެއްޔަށް ދިޔައީ އެހިސާބުންނެވެ.

މާާލެ ގެނައީ ޕޯސްޓްމޯޓަމް ހައްދަން ކަމެއް ނޭނގޭ

އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމް ހެއްދުމަށް ކަން ނޭނގޭ ކަމަށްވެސް އޭނާގެ އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން އަބްދުﷲ ގެ އަންހެނުން އައިމިނަތު ލީނާ ބުނެފައިވަނީ އާއިލާއަށް ފުރަތަމަ ބެލެވުނީ ހަށިގަނޑު މާލެ ގެނައީ މާލޭގައި ތިބި އަބްދުﷲ ގެ އަންހެނުންނާއި ދަރިންނަށް މޫނު ދައްކާ ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

އަދި މާލެ ގެނައިރުވެސް ފުލުހުން އާއިލާއާ އެއްވެސް ވަރަކަށް މުއާމަލާތު ނުކުރާ ކަމަށް އޭނާ ބުންޏެވެ.

އަބްދުﷲ
އަބްދުﷲ

އަބްދުﷲ ގެ އަންހެނުން ލީނާ : ބުނީ ފުލުހުން މަރުވިކަމުގެ ލިޔުން ހިއްސާ ނުކުރާ ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

"ދެން އިއްޔެ އަންނަނީ ފުލުހުންގެ ކޯލެއް، ގުޅާފަ ބުނަނީ ތިމަންނަމެންނަށް ލިބިފައިވާ ގާނޫނީ ބާރުގެ ދަށުން ޕޯސްޓްމޯޓަމް ހައްދަން ނިންމައިފީމޭ. އަޅުގަނޑު ބުނިން ނެހެއްދޭނެއޭ އަޅުގަނޑުމެން ހުއްދައެއް ނުދޭނަމޭ،" ލީނާ ބުންޏެވެ.

އަބްދުﷲ ގެ ދޮށީ ދަރިފުޅު މަރިޔަމް ޒިފްނާ ރަޝީދު ވެސް ބުނީ އާއިލާއިން ހީކުރީ އޭނާގެ ބައްޕަގެ ހަށިގަނޑު މާލެ ގެންނަނީ އާއިލާއަށް ހަވާލުކޮށް ޖަނާޒާ ބޭއްވުމަށް ކަމަށެވެ.

"އަދި އަޅުގަނޑަކަށް ބައްޕަގެ މޫނެއް ނުފެނޭ، އެމީހުން ދައްކާކަށެއްވެސް ނޫޅޭ،" އަބްދުﷲ ގެ ހަތަރު ދަރިންގެ ތެރެއިން 18 އަހަރު ފުރިފައިހުރި ހަމައެކަނި ދަރިފުޅު ޒިފްނާ ބުންޏެވެ.

މީގެ އިތުރުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި އާދަމް ލަރީފު ބުނީ ފުލުހުން އެންމެ ފުރަތަމަ އާއިލާ ގާތު ބުނެފައިވަނީ މާލެ ގެނައުމަށްފަހު އަބްދުﷲ ގެ ހަށިގަނޑު ގެންދާނީ ސަހަރާއަށް ކަމަށެވެ. ނަމަވެސް މާލެ އައުމުން ގަލޮޅު މޯޗަރީއަށް ލުމަށްފަހު ފުލުހުން ވަނީ ހަށިގަނޑު ޕޯސްޓްމޯޓަމަށް ގެންދާނެ ކަމަށްބުނެ ބިރުދައްކާފަ ކަމަށްވެސް އޭނާ ތުހުމަތުކުރި އެވެ.

ޕޯސްޓްމޯޓަމް ހެދުމާ މުޅި އާއިލާވެސް ދެކޮޅު

މިއަދު ނޫސްވެރިންނާ ވާހަކަ ދެއްކި އަބްދުﷲ ގެ އާއިލާގެ ހުރިހާ މެންބަރުންވެސް ބުނީ އަބްދުﷲ ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެެއް ނެތް ކަމަށާއި އެކަމާ މުޅި އާއިލާވެސް ދެކޮޅު ކަމަށެވެ.

"ޕޯސްޓްމޯޓަމް އަކުން ނޭނގޭނެދޯ ބައްޕަ މަރުވެގެން ދިޔައިރު ޕޮލިހުން ބަލަހައްޓައިގެން ތިބި ކަމެއް،" އަބްދުﷲ ގެ ދަރިފުޅު ޒިފްނާ ބުންޏެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މި މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އެއްބަސްވެފައިވާ ކަަމަށްވެސް އާއިލާއިން ވަނީ މިއަދު ބުނެފަ އެވެ.

އެގޮތުން އަބްދުﷲ ގެ ބޭބެ އެއް ކަމަށްވާ އަހުމަދު ޝަރީފު ބުނީ އާއިލާގެ މެންބަރުންނާ އިއްޔެ މިނިސްޓަރު ބައްދަލުކޮށް ޕޯސްޓްމޯޓަމް ހަދަންޖެހެނީ ފުލުހުން ވެފައިވާ އިހުމާލެއް ހޯދަން ކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އާއިލާއިން މިކަމުގައި މައްސަލަ ޖައްސައި އަބްދުﷲ ގެ ހަށިގަނޑު ވަޅުނުލާ އިތުރަށް ބާއްވަން ބޭނުންނުވާކަން އޭނާ ވަނީ ތަކުރާރުކޮށްފަ އެވެ.

ނޫސްވެރިންނާ ބައްދަލުކުރުމަށްފަހު އާއިލާއިން މޯޗަރީއަށް ނުވަދެވޭނެ ކަމަށް ފުލުހުން ބުނި

އަބްދުﷲ ގެ އާއިލާއިން މޯޗަރީއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ
އަބްދުﷲ ގެ އާއިލާއިން މޯޗަރީއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ

އަބްދުﷲ ގެ އާއިލާއިން މޯޗަރީއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އަބްދުﷲ ގެ އާއިލާއިން ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށްފަހު އަނބުރާ މޯޗަރީއަށް ވަންނަން ދިއުމުން ފުލުހުން ވަނީ އެކަމަށްވެސް ދެކޮޅު ހަދާފަ އެވެ. ނަމަވެސް މޯޗަރީގެ ދެ ދޮރު ބަންދުކޮށް މަގުމަތީގައި އާއިލާގެ މެންބަރުން އެތައް އިރަކު ބޭތިއްބުމުން އާއިލާގެ މެންބަރުން ވަނީ މޯޗަރީއަށް ގަދަކަމުން ވަދެގަނެފަ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ވިދާޅުވީ މިވަގުތު އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށެވެ.

ހާދިސާ ހިނގި ގޮތް

އަބްދުﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. އޭނާގެ އިތުރުން އަދި ދެ މީހަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އަބްދުﷲ ރަޝީދު ފަރުވާއަށް ގެންދިއުމުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ގދ. ހޯނޑެއްދޫ ކައުންސިލުން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

".. އަދި މީގެ އިތުރުން ލޯންޗު ތެރޭގައި އޭނާ މެޔަށް ތަދުވާ ކަމަށް ބުނަމުން ދިޔަ ކަމަށާއި އެހެން ނަމަވެސް ފުލުހުން މި ކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާ ކަން ވެސް ފާހަގަ ކުރެވެ އެވެ." ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝް ސޮއިކުރައްވައި ނެރުނު ބަޔާނުގައިވެ އެވެ.

މި މައްސަލާގައި، ފުލުހުންގެ ތެރެއިން އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހޯނޑެއްދޫ ކައުންސިލުން ގޮވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox