ކުރެއްދޫ ރިސޯޓްގައި މިދިޔަ އަހަރު ކުޅުނު 1.2 މިލިއަން ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މެޗުން މޮޅުވުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ފައިސާ ގެއްލިފައިވާ ކަމަށް ދެކެވޭ ވާހަކަ އެފްއޭއެމުން ދޮގުކޮށްފި އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ ހާއްސަ ދައުވަތަކަށް ކުރެއްދޫ ރިސޯޓްގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 29 ވަނަ ދުވަހު ކުޅުނު އެކްސިބިޝަން މެޗުގެ ޖުމްލަ އަގަކީ 1.2 މިލިއަން ރުފިޔާ އެވެ.
މިއީ އެއް މެޗަށް ބަލާނަމަ ރާއްޖޭގައި މިހާތަނަށް ކުޅުނު އެންމެ އަގުބޮޑު ފުޓްބޯޅަ މެޗެވެ. އެ މެޗުން ކުރެއްދޫ ޓީމު އަތުން ގައުމީ ޓީމު މޮޅުވީ 7-1 އިންނެވެ.
އެ މެޗުގެ ފައިސާ އެފްއޭއެމަށް ލިބިފައިވާތާ އަަހަރެއްހާ ދުވަސްވާން ގާތްވެފައިވާއިރު، އަދިވެސް ކުޅުންތެރިންނަށް އެއްވެސް ލާރިއެއް ލިބިފައިނުވާތީ އެ ފައިސާ ގެއްލިފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމަކު، އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ފައިސާ ގެއްލިފައިނުވާ ކަމަށް އެފްއޭއެމްގެ ރަސްމީ މީޑިއާ ގްރޫޕެއްގައި ވިދާޅުވެފަ އެވެ.
އަގުބޮޑު މެޗަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމް ބެހިފައިވާ ގޮތަށް ބަލާއިރު، އުއްޗުގެ ކުރެއްދޫގެ ފަރާތުން ހުށަހެޅި ފަސް ލައްކަ ރުފިޔާ އާއި އެސްޓީއޯގެ ފަރާތުން ފަސް ލައްކަ ރުފިޔާ އާއި ދިރާގުން ދިން އެއް ލައްކަ ރުފިޔާ އަދި ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ދޭން ނިންމި އެއް ލައްކަ ރުފިޔާ އެވެ.
މީގެ އިތުރުން ސަން ފްރަންޓާއި ލޮޓަސްގެ ފަރާތުން ވެސް ވަނީ އެ މެޗުގައި ހާއްސަ ހަދިޔާތަކެއް ދީފަ އެވެ.
ޖަވާޒް، މިއަދު ވިދާޅުވީ ވިލާ ޓްރެވަލްސް އެންޑް ޓުއާސް އިން ލިބެންޖެހޭ ފައިސާ ފިޔަވައި، ދެން ހުރި ފައިސާ ލިބިފައިވާ ކަމަށާއި އަންނަ ހަފްތާގައި ލިބިފައިހުރި ފައިސާ ކުޅުންތެރިންނަށް ދޭނެ ކަމަށެވެ.
މާނަ އަކީ ގައުމީ ޓީމަށް ބަހާނީ މިހާތަނަށް ލިބިފައިވާ 1.1 މިލިއަން ރުފިޔާ އެވެ. ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް މި ފައިސާ ބަހައިފިނަމަ ކޮންމެ މީހަކަށް 40،000 ރުފިޔާ ލިބޭނެ އެވެ.
މީގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ވަނީ އެކި ފަހަރު މަތިން އެ މެޗުގެ ފައިސާގެ ކަންކަމާ ބެހޭ މައުލޫމާތު ގައުމީ ޓީމުގެ އޮފިޝަލުން މެދުވެރިކޮށް އޮޅުންފިލުވަން މަސައްކަތް ކޮށްފަ އެވެ.
ޖަވާޒް ވިދާޅުވީ އެ މެޗުގެ ފައިސާ ކުޅުންތެރިންނަށް ދިނުން ލަސްވި އަނެއް ސަބަބަކީ އެ މެޗު ކުޅުނުތާ ހަފްތާއެއްހާ ދުވަސް ފަހުން ސްރީ ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ގައުމީ ޓީމުގެ ނަތީޖާތަށް ދަށްވުން ކަމަށެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ލަންކާގެ ކޮލަމްބޯގައި ކުޅުނު ފޯ ނޭޝަންސް ކަޕަކީ ގައުމީ ކޯޗުކަމާ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ހަވާލުވި ފަހުން ކުޅުނު ފުރަތަމަ މުބާރާތެވެ.
އެ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ހަތަރު ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް 4-4 އިން ލަންކާއާ އެއްވަރުވިއިރު، ދެ ވަަނަ މެޗުގައި ބަންގްލަދޭޝް އަތުން ވަނީ 1-0 އިން ބަލިވެފަ އެވެ. މިއީ 18 އަހަރު ތެރޭ ގައުމީ ޓީމުން ބަންގްލަދޭޝް އަތުން ސީނިއާ ފުޓްބޯޅައިގައި ބަލިވި ފުރަތަމަ ފަހަރެވެ.
ފަހު މެޗުގައި ރާއްޖެ ވަނީ ސީޝެލްސްއާ 0-0 އިން އެއްވަރުވެފަ އެވެ.
މި ފަހުން ގައުމީ ޓީމުގެ ކުޅުންތެރިން އަގުބޮޑު މެޗުގެ ފައިސާ ނުލިބޭތީ އެކަމުގެ ޝަކުވާ އިތުރަށް ކުރަން ފެށި ސަބަބަކީ މިހާރު ފުޓްބޯޅަ ސީޒަން ނިމިފައިވާއިރު، އާ ސީޒަން ފެށޭނެ ޔަގީން ތާރީހެއް އަދި ނޭނގޭތީ މާލީ ގޮތުން ދަތި ހާލަތަކާ ކުރިމަތިލާން ޖެހިފައިވުމެވެ. އަދި ނިމިދިޔަ ސީޒަނުގައި ކްލަބުން ލިބެން ޖެހޭ މުސާރަ ވެސް ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނަށް ލިބިފައިނުވާތީ އެވެ.












