ރ، ދުވާފަރު އަނަދު ޖަމިއްޔާއާ ގުޅިގެން އެފްއޭއެމުން ކުރިއަށްގެންދިޔަ އޭއެފްސީ ކޯޗިން ސީ ލައިސަންސް ކޯހަކީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ކުރިއަށްދިޔަ އެންމެ އިންތިޒާމްތައް ރަނގަޅު ކޯހޭ ބުނެވިދާނެ ކަމަށް ކޯހުގެ އިންސްޓްރަކްޓަރު، ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
މިދިޔަ މަހުގެ 21 އިން ފެށިގެން ރޭގެ ނިޔަލަށް ދުވާފަރުގައި ކުރިއަށްދިޔަ އޭއެފްސީ ސީ ލައިސަންސް ކޯހުގައި އެ ރަށުގެ ޒުވާނުންގެ އިތުރުން ރ. އަތޮޅުގެ އެކި ރަށްތަކުން ދެ ޖިންސުގެ 18 މީހުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅެފައިވާ ކުޅުންތެރިން ވެސް ހިމެނެ އެވެ.

ކޯހުގައި ޝާޒްގެ އިތުރުން އިންސްޓްރަކްޓަރަަކަށް ބައިވެރިވީ، ކްލަބް ގްރީން ސްޓްރީޓްސްގެ ހެޑް ކޯޗު އަލީ ނިސްތާރު މުހައްމަދު އެވެ.
ޝާޒް ބުނީ އޭއެފްސީ ސީ ލައިންސް ކޯސް ރަށްރަށުގައި ހިންގާ މައިގަނޑު މަގުސަދަކީ އެފްއޭއެމުން މިހާރު، އަތޮޅު ތެރޭގެ ފުޓްބޯޅަ ޑިވެލޮޕްކުރަން ކުރާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އަދި ރަށްރަށުގައި ކޯޗިން ކޯސް ހިންގުމުގެ މި ކަމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ވަރަށް ބޮޑު ވިސްނުންފުޅަކާ އެއްކޮށް އަތޮޅު ފުޓްބޯޅަ ޑިވެލޮޕް ކުރުމުގެ ވިސްނުމުގައި، ފުޓްބޯޅައިގެ ފެންވަރު ވެސް ރަނގަޅުކުރަން އެފްއޭއެމް ކޯޗާސް އެޑިއުކޭޝަން ޑިޕާޓްމަންޓުން ކުރިއަށްގެންދާ ކަމެއް ކަން ޝާޒް ފާހަގަކުރި އެވެ.
ދުވާފަރުގައި ކޯސް ކުރިއަށްދިޔައިރު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ގިނަ ކަންކަމެއް ކުރިއަށްދިޔަ އެވެ. އޭގެ ތެރެއިން ގިނަ ކަންކަމަކީ ރަށްރަށުގައި މި ފަދަ ކޯސްތައް އެންމެ މާހައުލާ ގުޅޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސާފައި ހުރުމެވެ.
ޝާޒް ވެސް ވަނީ އެކަން ފާހަގަކޮށް، ކޯހުގެ އިންތިޒާމާ ގުޅޭ ކަންކަން ހަމަޖައްސައިދީފައިވާ ގޮތަށް ތައުރީފުކޮށްފަ އެެވެ.
"ދެން، ކޯހުގެ އިންތިޒާމްތަކަށް ބަލާއިރުގައި ހަގީގަތުގައި ރާއްޖޭގެ އަތޮޅުތަކުގައި ބޭއްވުނު ކޯސްތަކަށް ބަލާލާއިރުގައި މި ކޯހަކީ އެންމެ އިންތިޒާމްގެ ފެންވަރު އެންމެ ރަނގަޅު ކޯހޭ ދެންނެވިދާނެ. އެއީ ހުރިހާ ގޮތަކުން ވެސް އިންތިޒާމް ކޮށްފައި ހުރި ފެންވަރަށް ބަލާލާއިރުގައި ކޯސް ފެށުމުން ފެށިގެން ނިމެންދެން ކޮށްފައިހުރި މަސައްކަތަށް ބަލާއިރު ވަރަށް ކާމިޔާބު ކޯހެކޭ ދެންނެވިދާނެ،"
ޝާޒް ބުނީ ރަށްރަށުގައި ކޯސް ހިންގިއިރު، މީގެ ކުރިން ފެނިފައިވާ ކަންތައްތައްތަކުގެ އިތުރުން ދުވާފަރުގައި އިތުރު ކަންކަން ވެސް ތަޖުރިބާކުރަން ފުރުސަތު ލިބުނު ކަަމަށެވެ.
ކޯހުގެ އިންތިޒާމްތަކާއި ދެން ހުރި ކަންކަން ހަމަޖައްސައިދީފައިވާ ގޮތް ފުރިހަމަކަން ފާހަގަކޮށް، ކޯޗު ނިސްތާރު ވަނީ އަނަދު ޖަމިއްޔާ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އަނަދު ޖަމިއްޔާގެ ރައީސް އަދި ދުވާފަރު ދާއިރާ މެމްބަރު، އިސްމާއިލް އަހުމަދު، އެ ދާއިރާގައި ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކުރި އެވެ.












