ސަރުކާރުން އެފްއޭއެމަށް އެއްބާރުލުން ދޭނީ "ބަސް އަހާނަމަ": މަހުލޫފް

ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ މާޗް މަހު ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ކުޅިވަރާބެހޭ ވަޒީރު މަހުލޫފް (ކ).-- ފޮޓޯ: އަދަދު

ބަންގްލަދޭޝާ ދެކޮޅަށް މިދިޔަ މާޗް މަހު ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް (ވ) އާއި ކުޅިވަރާބެހޭ ވަޒީރު މަހުލޫފް (ކ).-- ފޮޓޯ: އަދަދު

ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށާއި ސަރުކާރުން އެފްއޭއެމަށް އެއްބާރުލުން ދޭނީ "ބަސް އަހާނަމަ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، މިއަދުގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މަހުލޫފާ ސުވާލުކުރެއްވިއިރު، ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ސޯޝަލް މީޑިއާ އާއި އެެހެނިގެން ގޮތްގޮތުން ބަލާއިރު އިންތިހާ އަށް ދަށްކޮށް އޮތްއިރު، އެކަންކަން ހައްލުކުރަން މިނިސްޓަރު ކުރައްވަނީ ކޮންމެ ކަމެއްތޯ އެވެ.

ޖަވާބުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ ފުޓްބޯޅަ މައްސަލައިގައި ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް ކަމަށާއި އެކަމަކު، މި ވަގުތު ހާލަތުގެ ގޮތުން ހުންނަން ޖެހިފައިވަނީ ކަންތައް ހިނގާގޮތް ބަލަން ކަމަށެވެ.

"މިއަދު ވެސް އަޅުގަނޑު ނުކުމެ އެފްއޭއެމްއާ ތަޅައިގަނެގެން ނުކުންނަ ނަތީޖާ އަކީ ކްލަބްތަކުން ވޯޓު ނުދެންޏާ ވާނެ އެއްވެސް ކަމެއް ނެތް. އެއީ، މިއަދު އެ މަސައްކަތް އަޅުގަނޑު ފެށިޔަސް ވާނެ ގޮތް. އިނގޭތޯ، ކްލަބްތަކުގެ ވޯޓަކުން އަންނަނީ އެފްއޭއެމްގެ ރައީސް، ކްލަބްތަކުން ބޭނުންވެއްޖިއްޔާ މިއަދު ވެސް އެކަން ވެސް ކުރެވެން އެބައޮތް. އެކަމަކު، ކްލަބްތަކަކުން އަޅުގަނޑަކަށް އަދިވެސް ނުފެނޭ، ތިހުރިހާ ކަންބޮޑުވުންތައް ހުރިހާ ޝަކުވާތައް، ހަންގަ ސްޓްރައިކަށްދާ ވާހަކަ އާއި މި ހުރިހާ އެއްޗެއް އެބަފެނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެފްއޭއެމުން ސަރުކާރާ އެކުގައި ކުރިއަށްދާނަމަ ދެ ފަރާތުން އެކުގައި މަސައްކަތްކޮށް ނަތީޖާ ނެރެވެން ޖެހޭނެ ކަމަށެވެ.

"ސަރުކާރުން، އަޅުގަނޑުމެން އެފްއޭއެމަށް ދޭންޖެހޭ އެހީތެރިކަން އެއްބާރުލުން ދޭނީ އަޅުގަނޑުމެންގެ ވެސް ބަސް އަހާ، އަޅުގަނޑުމެން ބޭނުންވާ ގޮތަށް އޭގައި ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ ކަމަށް ވާނަމަ، މި ސަރަހައްދުގައި އިންޑިއާ، ސްރީ ލަންކާ، ބަންގްލަދޭޝް އިންތިހާ އަށް ފުޓްބޯޅަ ކުރިއަރުވަން ހިފާލާފައި ތިބޭތަން ފެންނަނީ އޭގެ ނަތީޖާ އެ ދަނީ ފެންނަމުން، އޭގެ ކޮންމެ ޓީމަކުން މިއަދު އަޅުގަނޑުމެންގެ ޖޫނިއާ ޓީމުތައް ކޮޅަށް މިއަދު ހަތަރު ގޯލު ނޫނީ ފަސް ގޯލު ޖަހަމުން އެބަދޭ. ބައިވަރު މަސައްކަތްތައް ކުރަން އެބަހުރި،" މަހުލޫފް ވިދާޅުވި އެވެ.

މީގެ ކުރިން މިނިސްޓަރު މަހުލޫފްގެ ސަޕޯޓް އޮތް ކަމަށް ދޭހަވާ ގޮތަށް، 2019 ވަނަ އަހަރު ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބުން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް މަސައްކަތްކުރި އެވެ. އެކަމަކު، އެހެން ކްލަބްތަކުގެ ތާއީދު އެކަމަށް ނުލިބެ އެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާ ހިސާބުގައި އަޅުގަނޑު ވަކިން އިތުރަށް އެފްއޭއެމާ ވެސް މި މައްސަލައިގައި ސީރިއަސްކޮށް ވާހަަކަ ދައްކާނަން، އިންތިހާ އަށް ކަންބޮޑުވާ ކަންކަން އެބަހުރި،" މަހުލޫފް ވިދާޅުވި އެވެ.

ޔޫތު މިނިސްޓަރު މަހުލޫފް (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް.-- ފޮޓޯ: ވީ

މި ސަރުކާރުން ވަނީ އެފްއޭއެމާ ގުޅިގެން 2023/2024 ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ގޮތުން ރަށްރަށުގައި ޓާފް ދަނޑުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން މި ސަރުކާރުގެ ދައުރުގެ ތެރޭގައި 100 ޓާފް ދަނޑު އަޅާނެ ކަމަށް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދިރުވުމަށްޓަކައި ބައިވަރު ވަސީލަތްތައް ގާއިމްކުރަމުންދާއިރު އޭގެއިން ރަނގަޅު ނަތީޖާއެއް ނުނެރެވޭތަން ފެނުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށެވެ.

"ބައިވަރު މައްސަލަތަކެއް ނުކުތީމަ އެއީކީ، ރަނގަޅު ގޮތެއް ނޫން، އެއީ ކަމުދާ ގޮތެއް ނޫން، އެހެން ހުރިހާ ބޭފުޅުންގެ ހުރި ކަންބޮޑުވުން އަޅުގަނޑުގެ ވެސް އެބަހުރި،" މަހުލޫފް

މި ފަހުން ރާއްޖޭގެ ގައުމީ އަންހެން ޓީމު ސާފް ވިމެންސް ޗެމްޕިއަންޝިޕާއި ރާއްޖޭގެ 20 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 20 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ނެރުނު ނަތީޖާތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ ފުޓްބޯޅަ ޓީމުތައް ރާއްޖޭން ބޭރަށް ގޮސް ނެރޭ ނަތީޖާތަކުގެ ފާޑުކިޔުން އޭނާ އަށް ވެސް އަމާޒުވާ ކަމަށެވެ.

"މި ފަހުން ސައުދީ އަރަބިއްޔާ އިން ރާއްޖެ ކޮޅަށް ޖެހި 11 ގޯލު. އަޅުގަނޑެއް ނުފޮނުވަން އެ ޓީމެއް އިނގޭތޯ، އަޅުގަނޑެއް އެ ޓީމުގެ ޓިކެޓެއް ވެސް ހަމައެއް ނުޖައްސަން، އަޅުގަނޑުމެން މިހާރު ވަރަށް ސާފުކޮށް ނިންމާފައި އޮންނާނެ، އެއްވެސް ކުޅިވަރަށް ޓީމެއް ވެސް ދާން ޖެހޭނީ ރަނގަޅަށް ތައްޔާރުވެސް ވެގެން،" މަހުލޫފް ވިދާޅުވި އެވެ.

"އެހެން ނޫނިއްުޔާ އެ ހަރަދު އަޅުގަނޑަށް ރަނގަޅު ކޮންމެ ވެސް ރަށަކަށް އެ ފައިސާ ހަރަދުކޮށް އެ ރަށުގައި އެ ޕްރޮގްރާމްތަކެއް ހިންގަން. ފުޓްބޯޅަ ޓީމެއް ދާއިރު ގިނަ ފަހަރު ހަ ލައްކަ ނޫނީ ހަތް ލައްކައެއްހާ ރުފިޔާ ޓިކެޓަށް އެކަނި ހަރަދުވާނެ،"

މަހުލޫފް ވިދާޅުވީ މިހާރު ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ބަދަލުކުރަން ހަ ވަރަކަށް އަހަރު ނަގާނެ ކަމަށެވެ. އަދި އެކަން ކުރަން ބަލާއިރު އެންމެ ބޮޑު ތަފާތެއް ދެއްކެން އޮތީ ސަރުކާރުން ރަށްރަށުގައި ގާއިމްކުރާ ފުޓްބޯޅަ ފެސިލިޓީތަކުގެ ބޭނުން ރަނގަޅަށް ކޮށްގެން ކަމަށާއި އޭގެ ތެރެއިން އުފެދޭ ހުނަރުވެރި ކުޅުންތެރިންނަށް ފުރުސަތު ތަަަނަވަސްކޮށްދީގެން ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox