ގައުމީ ސައިބާ ސެކިއުރިޓީ އެވެއާނެސް މަސް ފާހަގަ ކުރުމަށް ޓެކްނޮލަޖީ މިނިސްޓްރީއިން ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމަވައިފި އެވެ.
އޮކްޓޯބަރު މަހު ފާހަގަ ކުރާ ގައުމީ ސައިބާ ސެކިއުރިޓީ އެވެއާނެސް މަސް ފާހަގަ ކުރުމުގެ ގޮތުން މުޅި މަހަށް ބަހާލެވިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އެންވާރަމަންޓު، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އިން ވަނީ ޝެޑިއުލެއް އެކުލަވާލައިފަ އެވެ.
އެ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ ބުރާސްފަތި ދުވަހު ކްރޮސް ރޯޑްސް މޯލްޑިވްސްގަ އެވެ. އެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވާނެ އެވެ.
އެ ހަރަކާތްތަކާއި ގުޅޭގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ޓެކްނޮލަޖީ މިނިސްޓްރީގެ އޮފިޝަލަކު ބުނީ އެ ހަރަކާތްތަކުގެ ދަޝުން ހޭލުންތެރިކަމުގެ 20 އަށްވުރެ ގިނަ ސެޝަންތައް ރާވިފައިވާ ކަމަށާއި އެ ސެޝަންތަކުގައި ސަރުކާރުގެ އޮފިޝަލުންނާއި ކުންފުނިތަކާ ކަމާބެހޭ ދާއިރާތަކުގެ ބޭފުޅުންގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވާނެ ކަމަށެވެ.
މި އަހަރުގެ ސައިބާ ސެކިއުރިޓީ އެވެއާނެސް މަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ތީމެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އެ ތީމްތަކަކީ ކުޑަކުދިންގެ ސައިބާ ސޭފްޓީ، ފިސިން އަދި ޕާސަނަލް ސެކުއިރިޓީ، ރެންސޮމްވެއާ އަދި މަލްވެއާ ޕްރެވެންޝަން، އަދި އީ ކޮމާސް ސޭފްޓީ އެވެ.
މިނިސްޓްރީއިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ސައިބާ ސެކިއުރިޓީއާ ބެހޭ އެކި ޕެނަލް މަޝްވަރާތަކާއި ހޭލުންތެރިކަމުގެ ސެޝަންތައް ހިމެނެ އެވެ. އެގޮތުން މާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަސް އަދި ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އިތުރުން ކްރޮސްރޯޑްސް މޯލްޑިވްސްގައި މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ ސެޝަންތަކާއި މަޝްވަރާތަކުގައި ދުނިޔޭގެ ޓެކްނޮލަޖީ އަދި ސައިބާ ސެކުއިރިޓީގެ އިސް ކުންފުނިތަކުގެ އޮފިޝަލުން ބައިވެރިވާނެ އެވެ. އެގޮތުން ސިންގަޕޫރުގެ ސައިބާ ސެކިއުރިޓީ ފާމެއް ކަމަށްވާ ވެލްޗްމެން ކީން އާއި މަޝްހޫރު ޓެކްނޮލަޖީ ކުންފުނިތައް ކަމަށްވާ މެޓަ އަދި މައިކްރޮސްފްޓުގެ އިތުރުން މާސްޓާކާޑުގެ އޮފިޝަލުވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޭގެ އިތުރުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް، އޫރިދޫ މޯލްޑިވްސް އަދި ވިމެން އިން ޓެކް އެމްވީ އިންވެސް މި ހަރަކާތްތަކުގެ ތެރެއިން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.








