މެޑްރިޑް (ސެޕްޓެމްބަރު 29) - ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި ފެންވަރު ސާބިތުކޮށްދީފައިވާ ސްޕެއިނުގެ ފޯވާޑް ފެނާންޑޯ ލޮރެންޓޭ، ސްޕެއިނާއި ޔޫރަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ހިލޭ ކުޅެދޭން ތައްޔާރަށް ހުރި ކަމަށް ބުނެފި އެވެ.
މިދިޔަ ސީޒަނަށް ފަހު އެއްވެސް ކްލަބަކާ ނުގުޅި ހުރި ފޯވާޑް، ލޮރެންޓޭ، 37، ދާދި ފަހުން ސްޕެއިންގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރެއާލަކީ އަބަދުވެސް އޭނާ ވަރަށް ޝައުގުވެރިވާ ކްލަބެއް ކަމަށެވެ.
"ރެއާލް މެޑްރިޑުން އަހަރެން ބޭނުންވިއިރު، އަހަރެން ހުރީ އެތުލެޓިކްގެ (އެތުލެޓިކް ބިލްބާއޯ) ކޮންޓްރެކްޓްގައި. އެ ވަގުތު ރެއާލަށް އަހަރެންގެ ސޮއި ހޯދެން އޮތް ގޮތަކީ އެތުލެޓިކްއާ އެކު ހެދިފައި އޮތް ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ ފައިސާ ދެއްކުން. އެކަމަކު، އެ ގޮތަށް ރެއާލުން ބޭނުމެއް ނުވި، ދެން އޮފާކުރި ޔުވެންޓަސް އަށް އަހަރެން ބަދަލުވީ،" ލޮރެންޓޭ ބުންޏެވެ.
"ހާލަތު މިހާރު މި އޮތީ އެހެން ގޮތަކަށް، މިހާރު ވެސް ކާލޯ (ރެއާލްގެ ކޯޗު އަންޗެލޮޓީ) އަހަންނަށް ގުޅާފައި ރެއާލަށް އަންނަން ބުންޏަސް އަހަރެން އުފަލުން ދާނަން، ބެންޒެމާގެ ރިޒާވް އޮޕްޝަނަކަށް ހުންނަން، ރެއާލަށް ހިލޭ ކުޅެދޭން ވެސް އަހަރެން ތައްޔާރު،"

ނަޕޯލީގެ މެޗެއްގެ ތެރެއިން ލޮރެންޓޭ: އަންޗެލޮޓީއާ އެކު ނަޕޯލީގައި މަސައްކަތް ކުރި ލޮރެންޓޭ ހުރީ ރެއާލުން އޮފާއެއް ލިބިއްޖެނަމަ ގަބޫލުކުރާގޮތަށް.
ލޮރެންޓޭ ވަނީ މީގެ ކުރިން އަންޗެލޮޓީގެ އިރުޝާދުގެ ދަށުން އިޓަލީގެ ނަޕޯލީ އަށް ކުޅެފަ އެވެ.
ސްޕެއިނުގެ ބަސްކޯނިއާ އިން 2003 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ލޮރެންޓޭ، ފާހަގަވާން ފެށީ 2004 ވަނަ އަހަރު ބިލްބާއޯ އަށް ބަދަލުވި ފަހުން، ކެރިއަރުގައި ހޯދަން ފެށި ކާމިޔާބުތަކާ އެކު އެވެ.
އެކި ކޯޗުންނާ އެކު ކުރިއެރުން ހޯދައި، ތޭރަ އަހަރު ބިލްބާއޯގައި ހޭދަކުރުމަށް ފަހު 2013 ވަނަ އަހަރު ލޮރެންޓޭ ޔުވެންޓަސް އަށް ބަދަލުވި އެވެ. އެ ޓީމުގައި ދެ އަހަރު ހޭދަކޮށް، ދެން ގުޅުނީ ސްޕެއިނުގެ ސެވިއްޔާއާ އެވެ. އޭގެ ފަހުން، 2016-2017 ވަަނަ ސީޒަނުގައި ކުޅުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ސްވަންސީ ސިޓީ އަށެވެ. ސްވަންސީ އަށް ފަހު ޖެހިގެން އައި ދެ ސީޒަން ހޭދަކުރީ، މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި ޓޮޓެންހަމް ހޮޓްސްޕާސްގަ އެވެ.
ނަޕޯލީ އަށް 2019 ވަނަ އަހަރު ސޮއިކުރުމަށް ފަހު އެ ޓީމަށް ދެ ސީޒަން ކުޅެދިން ލޮރެންޓޭ މިދިޔަ އަހަރުގެ ޖެނުއަރީގައި ދޮޅު އަހަރުގެ ކޮންޓްރެކްޓެއްގައި އުދިނޭޒީ އަށް ސޮއިކުރި އެވެ. އެހެން ނަމަވެސް ސީޒަން ނިމުމުން އޭނާ ދޫކޮށްލަން އުދިނޭޒީން ނިންމި އެވެ.
މިދިޔަ ސީޒަނުގައި ލޮރެންޓޭ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ކުޅުނީ ސްޕެއިނުގެ އެއިބާ އަށެވެ. މިދިޔަ ސީޒަން ނިމުމުން ކޮންޓްރެކްޓް ހަމަވިގޮތަށް ލޮރެންޓޭ ހުރީ ޓީމަކާ ނުގުޅި އެވެ.
ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކުރި ލޮރެންޓޭ ވަނީ ސްޕެއިން ގައުމީ ޓީމާ އެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.












