އިގުތިސާދީ ބޮޑު ކާރިސާއެއް ކުރިމަތިވެފައިވާ އަވަށްޓެރި ސްރީ ލަންކާއަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ކްލައިމެޓް ވުލްނަރަބުލް ފޯރަމް (ސީވީއެފް) އިން ބާއްވާ މަޝްވަރާތަކަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ އެގައުމަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިރޭ ބުނި ގޮތުގައި، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ލަންކާ ސަރުކާރުން ބާއްވާ މަޝްވަރާތަކަކީ އެ ގައުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
ލަންކާއަށް ބޭރުގެ އެހީ ހޯއްދަވަން ނަޝީދު މަސައްކަތް ފެށްޓެވީ އެގައުމުން އެދިގެންނެވެ.
ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް އެ މަނިކުފާނާ ހަވާލުކުރެއްވީ އެގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަ ސިންހަ، ބޮޑުވަޒީރަކަށް ހުންނެވި އިރުގަ އެވެ.
އަވަށްޓެރި ސްރީ ލަންކާއަކީ ނަޝީދުގެ ސިޔާސީ މަސައްކަތްތަކުގައި ވަރަށް ކުރިއްސުރެ ބޮޑެތި އެހީތައް ވަމުން އަންނަ ގައުމެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި އެމްޑީޕީ ފުރަތަމަ އުފެއްދީ ވެސް ލަންކާގަ އެވެ.

ލަންކާ އަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރަނިލް، ނަޝީދާ ހަވާލުކުރެއްވުމުން ސޯޝަލް މީޑިއާގައި ލަންކާގެ ބައެއް މީހުން ތައުރީފު ކުރި އިރު އަނެއް ބައިމީހުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ލަންކާގައި އެވަރުގެ ބޭފުޅަކު ނެތީތޯ ބައެއް މީހުން ސުވާލު އުފެއްދި އެވެ.












