ކޯޗު ސުޕުން، މުހިންމު މޮޅުގެ ކްރެޑިޓް ދިނީ ކުޅުންތެރިންނަށް

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ޓީމަށް އިރުޝާދު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ޓީމަށް އިރުޝާދު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭގައި ރޭ ފެށި ސައުތު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތް، ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި، ނޭޕާލް އަތުން ތާރީހީ މޮޅެއް ހޯދުމަށް ފަހު ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު، ސްރީ ލަންކާގެ ސުޕުން ވިމާލް ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރު ފާހަގަކޮށް ޝުކުރު އަދާކޮށްފި އެވެ.

މީގެ ތިން އަހަރު ކުރިން ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުގައި ރާއްޖެ ވަނީ ނޭޕާލް އަތުން ބަލިވެފަ އެވެ. އޭގެ ބަދަލު ހިފުމެއްގެ ގޮތުގައި ދެކިގެން ނުކުމެ، ރާއްޖޭން ރޭ ވަނީ ފަހު ވަގުތާ ހަމައަށް ހިތްވަރުކޮށް، ނޭޕާލް އަތުން 51-47 އިން ތާރީހީ މޮޅެއް ހޯދައިފަ އެވެ.

މިއީ ރާއްޖޭން ނޭޕާލްގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

Advertisement

ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމަށް ލޯ މެޑަލް ހޯދައިދިން ކޯޗު ސުޕުން ރޭގެ މެޗަށް ފަހު "އަދަދު" އަށް ދިން އިންޓަވިއުގައި ބުނީ ހާލަތު ހުރި ގޮތަށް ބަލާއިރު، ރާއްޖޭގެ ޓީމުގެ އަސްލު ފެންވަރުގައި ރޭގެ މެޗުގައި ނުކުޅެވުނު ކަމަށެވެ.

"އަހަރެެމެން އިންޑިއާ ކަހަލަ ޓީމުތަކާ ފްރެންޑްލީ މެޗުތައް ކުޅުނުއިރު، މި އަށް ވުރެން މާ ރަނގަޅަށް ކުޅުނު، އަހަރެން ދެކޭ ގޮތުގައި މިއީ އަހަރެމެންނަށް ކުޅެވޭނެ ލެވަލަށް ބަލާއިރު 10 ވަރަކަށް ޕަސެންޓް، މިވީ ގޮތަކީ ފަސް ވަރަކަށް ކުޅުންތެރިންނަށް މިދިޔަ ދުވަސްތަކުގައި ހުން ޖެހިގެން ޕްރެކްޓިސް ނުކުރެވުނު، އެހެންވެ، އެ މީހުންނަށް އެންމެ ރަނގަޅަށް ނުކުޅެވިވެސް މި މޮޅު ލިބުނީމަ ކްރެޑިޓް ދޭނީ ކުޅުންތެރިންނަށް،" ގައުމީ ފިރިހެން ޓީމަށް ވެސް ކުރިން ކޯޗުކޮށްދިން ސުޕުން ބުންޏެވެ.

ސުޕުން ބުނީ ހަތަރު ގައުމުގެ މެދުގައި ލީގު އުސޫލުން މި ފަހަރުގެ ސާބާ ވިމެންސް ޗެމްޕިއަންޝިޕް ރޭވިފައި އޮތަސް އެންމެ ފުރަތަމަ ހުރިހާ ސަމާލުކަމެއް ބެހެއްޓީ ނޭޕާލް މެޗަށް ކަމަށެވެ. އެކަމަކު، ނޭޕާލް މެޗަށް އައިއިރު، ޓީމުގެ ކުޅުންތެރިންނަށް ދިމާވި ހާލަތަށް ބަލައި، ޓީމު ރޭވީ މެޗުން މޮޅުވެވޭނެ ގޮތަށް ކުރެވޭނެ ހުރިހާ ކަމެއް ބައްޓަން ކުރުމުގެ ވިސްނުމުގައި ކަމަށެެވެ.

"އަހަރެމެންނަށް އެނގޭ އަހަރެމެން ފުލް ކޯޓުގައި ކުޅުންތެރިއަކަށް ކުޅުންތެރިއެއް ޖެހިގެން ކުޅެފިއްޔާ އަހަރެމެން މި މެޗުގައި ބޮޑު ތަފާތަކުން މޮޅުވެވޭނެކަން. އެކަމަކު، ކުޅުންތެރިންގެ ބަލި ހާލަތު ހުރިގޮތަށް ބަލާފައި އަހަރެން އެހާ ބޮޑު ލޯޑެއް ކުޅުންތެރިންނަށް މެޗުގެ ކުރީކޮޅުގައި ނުދިނީ. އެހެންވެ، އަހަރެމެން މަޑުކުރީ މެޗުގެ ފަހު ވަގުތުގައި ވިޔަސް ނަތީޖާ ނެރެން ހުރި ހިތްވަރެއް ލާން،" މެޗު ދިޔަ ގޮތަށް އިޝާރާތްކޮށް ދެކޭ ގޮތް ސުޕުން ހިއްސާކުރި އެވެ.

"އަހަރެމެންގެ ކުޅުންތެރިން 100 ޕަސެންޓް ފިޓްކޮށް ހުރެ ކުޅުނުނަމަ ބޮޑު ތަފާތަކުން މި މެޗު ކާމިޔާބު ކުރާނެ. މިއީ އެ ފެންވަރަށް ބަލާނަމަ 20 ޕޮއިންޓުގެ ފަރަގަކުން ވެސް މޮޅުވާނެ މެޗެއް،"

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭގެ މެޗަކީ ބައިނަލްއަގުވާމީ ލެވަލްގައި ގައުމީ އަންހެން ބާސްކެޓް ޓީމުން ރަސްމީ މެޗެއްގައި އަމިއްލަ ފަސްގަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. ޓީމުގެ ކުޅުންތެރިން ވެސް ވަނީ ރޭގެ ތާރީހީ މޮޅުގައި ސަޕޯޓަރުން އިސް ރޯލެއް ކުޅުނު ކަމަށް ބުނެފަ އެވެ.

ސުޕުން ބުނީ ޓީމުގެ އަސްލު ފެންވަރުގައި ނުކުޅެވުނު އެއް ސަބަބަކީ ގައުމީ ލެވަލްގައި އަމިއްލަ ގައުމުގައި އަލަށް ކުޅެން ޖެހުމުން އެ ދިމާވި ޕްރެޝަރަށް ހޭނެން ނެގި ވަގުތު ކަމަށެވެ.

"އަހަރެމެންނަށް އަމިއްލަ ގައުމުގައި ފުރަތަމަ ފަހަރަށް މި ކަހަލަ މެޗެއް ކުޅުމުގެ ޕްރެޝަރު ވެސް ދިމާވި. އަހަންނެއް ދުވަހަކު ވެސް ނުދެކެން މި ވަރަށް މި ޓީމުގެ ފްރީ ތުރޯ ޝޮޓްތައް ކާމިޔާބުނުވެދިޔަތަން. އަހަރެމެން އިންޑިއާ އާއި ތައިލެންޑްގައި ކުޅުނުއިރު، ކޮންމެ މެޗެއްގައި ވެސް އަހަރެމެންނަށް ފެނޭ ފްރީ ތުރޯ އިން އެކަނި ވެސް 12 ޕޮއިންޓަށް ވުރެން ގިނައިން ސްކޯކުރާތަން. އޭރު ފަސް ބޯޅައިން ތިނެއް އެތެރޭގައި އިންނާނީ. އެކަމަކު މި މެޗުގައި އެކަމެއް ނުފެނުނު،" ފިރިހެން ގައުމީ ޓީމަށް މާލޭގައި ބޭއްވި ސާބާ މުބާރާތުގައި ކޯޗުކޮށްދިން ސުޕުން ބުންޏެވެ.

ރޭގެ މޮޅާ އެކު މި ފަހަރުގެ މުބާރާތުގައި ރަނގަޅު ކާމިޔާބެއް ހޯދުމުގެ ފަހި ފުރުސަތެއް ރާއްޖެ އަށް އެބައޮތެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަތަރު ގައުމު ކަމަށްވާތީ ކުރިއަށް އޮތް ދެ މެޗުގައި ރާއްޖެއިން ނެރޭ ނަތީޖާއަށް ބަލައި ރާއްޖެ އަށް ރަން މެޑަލް ވެސް އަދި ރިހި މެޑަލް ވެސް ހޯދުމުގެ ފުރުސަތު އެބައޮތެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

"ކުރިއަށް އޮތް ދެ މެޗުގައި އަހަރެމެން ވަރަށް ރަނގަޅު ކުރަން ޖެހޭ ޝޫޓިން، އަހަންނަށް ނޭނގޭ މި މެޗުގައި އެހާ ޝޫޓިން ދަށްވި ސަބަބެއް. ކުރިން އަހަރެމެން ތުރީ ޕޮއިންޓަށް އެއްލާ ބޯޅައިގެ ތިން ބޯޅައިން ދޭއް ވަރު ގިނަ ފަހަރު އެތެރެއަށް ވެއްޓޭނީ. އެކަަމަކު، މި ފަހަރު ތިން ޕޮއިންޓް ހޯދުން މިވީ ވެސް އުނދަގޫ ކަމަކަށް. އެއީ ދެން ހުރި މެޗުތަަކަށް ރަނގަޅު ކުރަން ޖެހޭ ކަމެއް. ސްރީ ލަންކާ ބަލިކުރަންޏާ މި ކަންކަމަށް ހައްލެއް ހޯދަން ޖެހޭ،" ޓީމުގައި ރަނގަޅު ކުރަން ހުރި ކަންތައްތަކަށް އިޝާރާތްކޮށް ސުޕުން ބުންޏެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭން ވަނީ އިންޑިއާ އާއި ތައިލެންޑްގައި ކޭމްޕް ކޮށްފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ނޭޕާލްގެ ކޯޗު ބިކްރަމް ޝާހީ އެ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މުހިންމު ވަގުތުގައި ގޯސް ހެދުނު: ނޭޕާލް ކޯޗު

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އަތުން ނޭޕާލް ބަލިވުމަކީ މެޗު ދިޔަ ގޮތަށް ބަލާއިރު، އެ ޓީމުގެ ކޯޗު ބިކްރަމް ޝާހީ އަށް ބަލައިގަންނަން އުނދަގޫ ކަމަކަށެވެ.

މެޗަށް ފަހު "އަދަދު އަށް ދިން އިންޓަވިއުއެއްގައި ބިކްރަމް ބުނީ މުހިންމު ވަގުތުތަކުގައި އެ ޓީމަށް ގޯސް ހެދުން ވެގެންދިޔައީ ބަލިވުމުގެ މައިގަނޑު ސަބަބު ކަމަށެވެ.

"ފަހަރެއްގައި ވެދާނެ (ދިވެހި) ސަޕޯޓަރުންގެ ޕްރެޝަރުން ކަމަށް ފަހު ކުއާޓަރުގައި އަހަރެެމެން އަތުން މެޗު ދިޔައީ. އަހަރެމެން މި ކުޅެނީ މުބާރާތުގެ ހޯސްޓާ ދެކޮޅަށް. އެހެންވީމަ ޔަގީނުންވެސް ސަޕޯޓަރުންގެ އެޑްވާންޓޭޖް އެ ޓީމަށް އޮންނާނެ. އެ ހުރިހާ ކަމަކަށް ވުރެން އިތުރަށް ވެސް މި މެޗުގައި ރާއްޖެ އަށް ފަސޭހަވީ ފަހު ކޮޅުގައި އަހަރެމެން ހެދި ގޯސްތަކެއްގެ ސަބަބުން،" ޒުވާން ކުޅުންތެރިން ހިމެނޭ ސްކޮޑަކާ އެކު މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ނޭޕާލްގެ ކޯޗު ބިކްރަމް ބުންޏެވެ.

ކުޅުމަށް ބަލާއިރު، ރޭގެ މެޗުގައި ނޭޕާލްގެ ފަރާތުން ރަނގަޅު ކަންކަން ފެނުނު ކަމަށް ބިކްރަމް ވަނީ ބުނެފަ އެވެ. މެޗެއްގައި އެންމެ މުހިންމު ކަންކަން ރަނގަޅަށް ކުރަން ޖެހޭނީ ފަހު ކުއާޓަރުގައިކަން ފާހަގަކޮށް ބިކްރަމް ބުނީ އެ ފަދަ ވަގުތުގައި ނޭޕާލްގެ ކުޅުންތެރިން އަތުން ގެއްލިގެންދިޔަ ބޯޅަތަކަކީ ވާދަވެރި މެޗެއްގައި ފެންނަން ޖެހޭ ކަންކަމެއް ނޫން ކަމަށެވެ.

"ފަހު ކުއާޓަރުގައި އަހަރެމެންނަށް ގޯސްތަކެއް ހެދިގެން މި މެޗުން މި ބަލިވީ. ގޯސްތަކެއް ހެދުނު ހިސާބުން ދެން މެޗުގެ ތެރެއަށް ވަނުން ވީ ވަރަށް އުނދަގޫ ކަމަކަށް،" ބިކްރަމް ބުންޏެވެ.

"ޑިފެންސް ބޯޅަތަކުގައި ފަހު ކުއާޓަރުގައި އަހަރެމެން ކުރަން ނުޖެހޭ ގިނަ ކަންތައްތަކެއް ކުރި، ދެން ހުރި މެޗުތަކުގައި މި ކަންކަން ތަކުރާރުވެއްޖިއްޔާ ކާމިޔާބު ހޯދަން އުނދަގޫވާނެ. މެޗުގައި ރަނގަޅަށް ކުރި ކަންތައްތައް ދެން ހުރި މެޗުތަކުގައި އިތުރަށް ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރަންވާނެ. އެއީ މީގެ އޮތް ގޮތަކީ،"

ނޭޕާލުން ވަނީ 2016 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން 77-36 އިން މޮޅުވެފަ އެވެ. އެކަމަކު، މި ފަހަރު މި ވަނީ ރާއްޖޭގައި ބަލިވެފަ އެވެ.

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ 20:30 ގައި ކުޅޭ މެޗުގައި ބޫޓާން ބައްދަލުކުރާނީ ލަންކާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox