ކަތީބުގެ އަންހެނުންނަށް ހިތްޖެހުމާއި ހެދި ވަރިތޮޅި

ސިހުރު ހަދާ މަންޒަރު ދައްކުވައިދޭ ގޮތަށް އޭ.އައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

ސިހުރު ހަދާ މަންޒަރު ދައްކުވައިދޭ ގޮތަށް އޭ.އައި ބޭނުންކޮށްގެން ކުރަހާފައިވާ ތަސްވީރެއް

ކުރީގެ ބަޔާ ގުޅޭ

ކަންވެރިކަލޭގެ އަތުން އިޝާރާތްކޮށް ދުރަށް ޖެހިލަން އަންގަމުން، ތިމަން އެ ދެމަރިފިން ނިދާފައި ތިބި އެތެރޭން ދާ ދިމާ ފުރާޅު މައްޗަށް އެއްލާނަމެވެ. އެއްލާ އަޑު އިވުމުން ކަލޭމެން ގޮސް ދެނާށި ވަކިވެފަ އޮތްތަން ބަލާށެވެ. އަދި ދެ ކުރަފި ދަނީ ދެކޮޅަށްތޯ ބަލާށެވެ. ދޭތި އެއްކޮށް ގޮސްފިނަމަ މަސައްކަތް ނާކާމިޔާބު ވާނެއެވެ. ދޭތި ދެކޮޅަށް ގޮސްފިނަމަ މަސައްކަތް ކާމިޔާބުވީ އެވެ. ކޮންމެ ގޮތެއް ވިޔަސް، ނަމަ ނަމަ ކަލޭމެން ދެން މިރޭ ތިމަންނައާއި ބައްދަލު ނުކުރާށެވެ. އެއަށްފަހު ބޮލުގައި ފޮށާއޮޅާލައި، މަސައްކަތް ފެށިއެވެ. ކޮންމެއަކަސް ނާށި އެއްލާ އަޑުއަހަން ތިއްބާ، ފުރާޅުމަތިން އެނބުރެމުން އައިސް ބިންމައްޗަށް ޖެހުނު އަޑު އިވުނެވެ. ސިއްރުސިއްރުން ގޮސް ޓޯޗު ބައްތިން އަލިކޮށްލިއިރު ދެކުރަފި ދެކޮޅަށް ހިނގާލާފައި ދާތަން ފެނުނެވެ. ދެން އެތަކެތި މީހަކަށް ނުފެންނަ ގޮތަށް އެއްފަރާތަކަށް އެއްލާލުމަށްފަހު އެމީހަކު ޖެހުނު ދިމާއަކުން ގަސްތަކުތެރެއަށް ވަދެއްޖައީމެވެ.

މާބޮޑު ހިޔާލެއް ފިކުރެއް ނެތި ފައިދޮވެލައިގެން އަރާ އޮށޯތުމާއިއެކު އިސާހިތަކު ނިދިއްޖެ އެވެ. ހޭލުވުނީ މީހަކު ހެނދުނުގެ ނާސްތާއަށް ގޮވާ އަޑަށެވެ. އަވަސް އަވަހަށް ތެދުވެ ތައްޔާރުވެލައިގެން ނާސްތާއަށް ނުކުތްއިރު ބައެއް ރަޙުމަތްތެރިން ތިއްބެވެ. ފުރަތަމައިންވެސް ރަޙުމަތްތެރިންގެ ފަރާތުން ލިބުނު ހަބަރަކީ ރޭގެ މަސައްކަތް ކާމިޔާބުކަމުގެ ވާހަކަ އެވެ. އެހެންކަމުން ނާސްތާއަށް ދާންޖެހޭނީ އެހެން ގެއަކަށް ކަމުގަ އެވެ.

Advertisement

ކަންކަމުގައި ކުޅަދާނަ މީހުން އަދިވެސް އެބަތިއްބޭ ހިތަށް އެރިއެވެ. މުޅި ރަށުތެރޭގައި އެކީ އެއްއަޑަކަށް އޮތީ އެއަޑެވެ. ރަށުތެރެއިން ކާޅެއް ކޮވެއްޔެއް ގޮވާލިޔަސް އިވެނީ ކަތީބުގެ ދެމަރިންގެ ވަރީގެ އަޑެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ. އެ ކައިވެންޏަކީ އާދައިގެ، ކައިވެންޏެއް ނޫނެވެ. ރަސްމަތިފުށުން ދެމެމުން އައި ކަތީބެއްގެ ދަރިއެއްގެ ކައިވެންޏެކެވެ. ކަތީބުން މުދިމުންގެ ކައިވެންޏަކީ އާދައިގެ ކައިވެންޏަކަށް ނުވާއިރު، ވަރިވެސް ވަކި ކުޑައެއް ނުވާނެތާއެވެ.

އަވަސް އަވަހަށް ނާސްތާ ކޮށްލައިގެން ޖެހިގެން އޮތް ރަށަށް ފުރުމަށް ތައްޔާރުވީމެވެ. ނުކުންނަންވީރު ދަތުރުއެރެހެއްޓުމަށް ކަތީބާއި ކަމުވޮށިގެނވާ މީހުން އައިސްތިއްބެވެ. އެންމެ ކުރީގައި ހުންނެވީ ކަތީބެވެ. ކަތީބުގެ އޯގާތެރިކަމާއި މެހުމާންދާރީގެ ފުރިހަމަކަމަށްޓަކައި ޝުކުރު އަދާކޮށް ސަލާމް ގާލާންކޮށް ނިމުނު އިރުވެސް ކަތީބާއި ހަތަރުކަޅި ހަމަކޮށްލުމުގެ ހިތްވަރެއް މިއަދަކު ނުލިބުނެވެ.

ކޮންމެއަކަސް ކަތީބުގެ އޯގާތެރިކަމަށް "ވަރުގަދަ" ތެޔޮހަމެއް ދިނުމަށްފަހު ޖެހިގެން އޮތް ރަށަށް ފުރައިފީމެވެ. އާދައިގެ ދަތުރަކަށްފަހު ރަށަށް ކައިރިކޮށް ފާލާން މައްޗަށް ފައިބާ މީހަކަށްފަހު މީހަކާ ސަލާމް ކުރަމުން ދިޔައިމެވެ.

ކުއްލިއަކަށް ހުރި ފިޔަވަޅު މައްޗަށް ހުއްޓުން އެރީ ކުރިމަތިން ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވީމަ އެވެ. ލުއިލުއި ހިނިތުންވުމަކާއި އެކު ކުރިމަތީގައި ހުރީ ފާތުމައެވެ. ފާތުމަ އެހާއަވަހަށް މިރަށަށް އައިސް އެހެރީ ކިހެނެއްބާއޭ ހިތަށްއެރިއެވެ. މީ ހަމަ އަނެއްކާ ފާތުމަބާއެވެ. ބާރުގަދަ އިސްތިރި ވަރިތޮޅި ހެދުމުން މީސްމީހުންގެ ސިފައިގައި ޖިންނި ސައިތޯނުން އައިސް ބައްދަލުކުރާ ވާހަކަ ކިޔާތީ އަހަމެވެ. ދިއްކޮށްލި އަތުގައި ހިފާ ސަމާލް ނުކޮށް ދޫކޮށްލެވޭހާ ހިތްވަރެއް ނުލިބުނެވެ. އަހަރެންނަށް ބުނެވުނުހާވެސް އެއްޗަކީ މިރަށުގައިތޯ ކުރެވުނު ސުވާލެވެ. މި ސުވާލަށް މާބޮޑު ސަމާލުކަމެއް ދިނުމެއް ނެތި މިރޭ ބައްދަލުކޮށްލަން ބޭނުން ވާހަކަ ފާތުމަ ބުނެލިއެވެ.

ޖެހެމުންދާ ހަވީރުގެ ސާފު ފިނިވައިރޯޅީގެ ފިނިކަމެއް މިއަދަކު ނުލިބެއެވެ. އިރުއޮއްސޭ މަންޒަރުގެ ކުލަތަކެއް އަދި އެކުލަތަކުގެ ދަޅަތަކުގެ ރަންދޯދިތަކެއް މިއަދުކު މިހިސާބަކަށް ނުފޯރައެވެ. އަހަރެންނަށް މިކުރެވުނީ ކޮންފަދަ ކަމެއްކަމާއި މެދު ވިސްނާލާން ޖެހިއްޖެ އެވެ. އަމުދުން އަހަރެންނާ ބައްދަލު ކުރަން ފާތުމަ މިރަށް އައިސް ހުރުމުން، މިކަމުގެ ބޮޑުކަމާއި ނުރައްކާތެރިކަން ވިސްނާލާން ޖެހުނުވެ. ފާތުމައާ އަހަރެން ބައްދަލު ކުރާނީތޯ ނުވަތަ މިހާ ހިސާބުން ނުވާކަމަކަށްހަދާ ނިންމާލާނީތޯ ހިތާހިތާ ކުރެވޭ ސުވާލުގެ ޖަވާބަކަށް ވީ "ކަނޑުފަތައިފަ" އައިސް ހުރި އަންހެން ކުއްޖަކާ ބައްދަލު ނުކުރުމަކީ އަދި މާ ނުރައްކާ ކަމަކަށް ނުވެނުދާނެ ކަމެވެ.

ސާދަފަނަރައިގެ ތޫނު ނަލަ ހަނދުވަރުގައި ރަށްފުށުގެ ސާފު ދޮންވެލި ތުނޑިއެއްގައި އެއްފުރައިގެ ހުސްހަށިބައި އަންހެން ކުއްޖަކާއެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަކީ ގިނަގިނައިން ލިބޭނެ ފުރުސަތެއް ނޫނެވެ. އަރައިގެން އަންނަ ހަނދާ ފިނިފިނި ވައިރޯޅިއާއި ދުރަށް މާދުރަށް ގޮސް ގެއްލިދާ ތަރިތައް ހެކިކޮށް ލޯބީގެ ވައުދުތައް ވެލަން އަހަރެންވެސް ބޭނުންވެ އެވެ. އެކަމަކީ އިސްތިރި ވަރިތޮޅިން ފެށިގެން އައި ކަމަކަށްވާތީ އެއީ އިންސިއެއް ކަމެއް ޖިންނިއެއް ކަމެއް ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. އެހެންކަމުން ބައްދަލުވުން ބާއްވާނީ ގޭދޮށުގައެވެ.

ބައްދަލު ކުރަން ހަމަޖެހިފައިވާ ވަގުތަށް ފާތުމަ އަ އެވެ. ވާހަކަ ދިގެއް ނުކުރަމެވެ. އަހަރެން ބުނެދިނީ އަހަރެންނަށް ކައިވެނި ކުރެވެން ނެތް ވާހަކަ އެވެ. އަހަރެންނަކީ ދަތުރުކުރަމުންދާ މުސާފިރެއް ކަމެވެ. ދަތުރުވެރިންނާ ކައިވެނި ކުރުމަކީ ބުއްދިވެރި ކަމެއް ނޫންކަމެވެ. މީހަކާ އިންނަންޏާ އަދިވެސް އަވަހަށްވެސް ކަތީބާ އިނުމަށެވެ. އެހިސާބުން އެނބުރި އަވަހަށް ގެއަށް ވަދެއްޖައީމެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ ޖެހިގެން އޮތްރަށަށް ދިޔުމަށްޓަކައި ގެއިން ނުކުތީމެވެ. އެހެން ރަށްތަކެކޭ އެއްފަދައިން ހިނގަމުން ދިޔަމަގުގެ ފެހިކަން ވަކި ކުޑައެއް ނޫނެނެވެ. މަގުމަގުމަތީގެ ފިނިކަން ވަކި ކުޑައެއް ނޫނެވެ. އެކަމަކު މިއަދުގެ މަންޒަރު ތަފާތެވެ. މުޅިމަގުގައިވަނީ ތޫނު ފުއްޓަރު ގާތަކާ އެކުވެފައިވާ ފައިއަޅާލަން އުނދަގޫ ހޫނު ހިރަފުސް ހިމޭން ވެލިގަނޑެވެ. ދެފަރާތުގައި ހެދިފައި ހުރީ ކަށިކޮޔޮގަސްތަކުގެ ފަތްތަކާއި ކަށިކުނބުރު ގަސްތަކުގެ ވަކިތައް ހީވަނީ މަގު ބައްދައިފާނެހެންނެވެ. އޭގެ ބިއްދޮށުން ހުރި ނިކަގަހުގައި ފުއްކޮށްގެން ފިޔައެލުވާލައިގެން އެއިން ކޮވެލި ލަސްލަހުން އަޑުގެ ކޮޅަށް، ފޫހި ގޮތަކަށް ގޮވަގޮވާފައި ބުނާ ކަހަލައެވެ. "ކަލޭމެން މިރަށްރަށަށް ނާރާށެވެ. މާ ބޭފުޅުވެގެން އައިސް ތިޔަ ކުރީ ކޮންފަދަ ބޮޑު ކަމެއް ހެއްޔެވެ. ނުލާހިކު ރީތިކޮށް، ބަޔަކަށް އުނދަގުލެއް ނުކޮށް ދިރިއުޅެމުން އައި ކުށެއްނެތް މައުސޫމް ދެމަފިރިންގެ ދިރިއުޅުން ފުނޑުފުނޑު ކޮށްލިއިރު އެއްޗެކޭ ހިތަކަށް ނާރާހެއްޔެވެ؟ ކިތައް ރަށުން ކިތައް އާއިލާއަށް ވާނުވާ ނާނގާ ކިތައް ކަންތައް ކޮށްފައި ކަލޭމެން ހުންނާނެބާއޭ، އެމީހުންގެ އިއްޒަތާ ގަދަރު ވެއްޔާ މޮޑެލުމަށްފަހު، ނޭނގޭ ކަމަށް ހަދާފައި ފުރައިގެން ދިޔައިމާ އެ ނުކުރާކަމަކަށް ވާނޭކަމަށް ކަލޭ ހީކުރަނީ ހެއްޔެވެ؟ ކަލޭ ތިޔަ ކުރީ ކިހާވަރެއްގެ ފާފައެއްކަން ކަލެއަށް ނޭނގި ހުންނާނެހޭ. ފެއްސޭށެވެ. މިތަނުން ކަލޭ ފެއްސިގެން އަވަހަށް ދާށެވެ."

އޭގެ ފަހުން އަހަރެން އެފަދަކަމެއް ނުކުރަން އަޒުމު ކަނޑައަޅާ ތައުބާވީމެވެ. މިހާރު "އަދުތޯ މާދަން" ވެފައި ހުއްޓަސް، އިސްތިރި ވަރިތޮޅިއަށް ނަފުރަތު ކުރިޔަސް، ވައިނުބައި ދަތުރެއްގައި ބެހިގެން ބޮޑުތިލަދުން މައްޗަށް ނޭރިޔަސް، އަދިވެސް އަހަރެންގެ ހިތުން މިކަމެއް ނުފިލައެވެ.

ނޯޓު: މި ވާހާކައަކީ މީގެ އަހަރުތަކެއް ކުރިން އަހަރެންކުރި ދަތުރެއްގެ މަތީގައި ދިމާވި މީހަކު، ކިޔައިދިން ވާހަކައެކެވެ. އޭނަ ބުނި ގޮތުގައި މިއީ ސިއްރެކެވެ. މި ވާހަކަ ލިޔުމުގެ ހުއްދަ ދިނީ ދާދި ފަހުންނެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox