ސާބާ ޗެމްޕިއަންޝިޕް: އަންހެން ބާސްކެޓްބޯޅައިގެ ދިގު އިންތިޒާރަށް ނިމުން

ސާބާ ޗެމްޕިއަންޝިޕް: އަންހެން ބާސްކެޓްބޯޅައިގެ ދިގު އިންތިޒާރަށް ނިމުން

މީގެ 31 އަހަރު ކުރިން، 1991 ވަނަ އަހަރު ގައުމީ ބާސްކެޓްބޯޅަ އެސޯސިއޭޝަން އުފެއްދުމުގެ ކުރިން ވެސް ރާއްޖޭގައި އައީ ބާސްކެޓްބޯޅައިގެ ގައުމީ މުބާރާތްތައް ކުޅެމުންނެވެ. އެ ގޮތުން، 1973 ވަނަ އަހަރުން ފެށިގެން އަންހެން ފިރިހެން ހިމެނޭ ގޮތަށް ގައުމީ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ. ރާއްޖޭގެ ކުޅިވަރުގެ ބައްޕަ، މަރުހޫމް، ޒާހިރު ނަސީރު ކުރީސަފުގައި ހުންނަވައިގެން ބޭރުގެ މާހިރުން ގެނެސްގެން އޭރު ކުރިއެރި ކުޅިވަރު މިހާރު އޮތީ އެހެން ހަރުފަތެއްގަ އެވެ.

މިހާތަނަށް ސަރަހައްދީ ލެވެލްގައި ވެސް ބާސްކެޓުން ކުރިއެރުން ހޯދާފައިވާ މިންވަރު ފެންނަން އެބައޮތެވެ. މަދުން ނަމަވެސް ސަރަހައްދީ މެޑަލްތައް ލިބިފައިވެ އެވެ. އެތަށް އަހަރެއްވީ ބާސްކެޓްބޯޅަ އަށް ބައިނަލްއަގްވާމީ ފެންވަރުގައި ކާމިޔާބީތައް ހޯދަން ބަލާއިރު، ވަސީލަތްތަކުގެ ގޮތުން ރާއްޖެ އޮތީ އެހާ ތަނަވަސްކޮށެއް ނޫނެވެ. ނަމަވެސް، ލިބިފައިވާ މަދު ފުރުސަތުތަކާ އެކު އަމިއްލަ ގައުމުގައި ސަރަހައްދީ މުބާރާތްތަށް ބޭއްވުމަށް ގިނަ މަސައްކަތްތެކެއް އަންނަނީ ކުރެވެމުންނެވެ.

މި މަސައްކަތް ކާމިޔާބުވީ 2017 ގައި ރާއްޖޭގައި ބޭއްވި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ)ގެ ފިރިހެން މުބާރާތުންނެވެ. މި މުބާރާތް ފިޔަވައި ރާއްޖޭގައި ބާސްކެޓްގެ ބައިނަލްއަގްވާމީ (އިންޑޯ) މުބާރާތެއް ބާއްވާފައެއް ނުވެ އެވެ. އަންހެން ބާސްކެޓަށް ބަލާއިރު ލިބޭ މަދު ފުރުސަތުތައް މަދުވެފައި އިނގިލިން ގުނާލެވެ އެވެ. ސާބާގެ އަންހެން ބާސްކެޓްގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރު ކުރުމަށް މަސައްކަތް ފެށި 2015 ހިސާބުގަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2016 ވަނަ އަހަރު ނޭޕާލްގައި ސާބާގެ އަންހެން މުބާރާތް ފުރަތަމަ ފަހަރަށް ބޭއްވި އެވެ. ފަސް ގައުމު ވާދަކުރި މުބާރާތުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދި އެވެ.

އެ ކާމިޔާބަށް ފަހު އަންހެން ޓީމުން ވަނީ ސަރަހައްދީ ލެވެލްގައި ކާމިޔާބީ ހޯދޭނެކަމުގެ އުއްމީދު އާކޮށް ހިތްވަރާއިއެކު މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން 2019ގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް އަންހެން ބާސްކެޓް ޓީމުން ލޯ މެޑަލް ހޯދި އެވެ. މި ދެ ކާމިޔާބަށް ބޮޅެއް އިތުރުކޮށްލަން ރާއްޖެއަށް މިހާރު މިއޮތީ ފުރުސަތި ލިބި ފައެވެ. ސާބާ އަންހެން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ދެ ވަނަ މުބާރާތް މި މަހު މާލޭގައި ބާއްވަން އަންނަނީ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

2019 ސާފް ގޭމްސްގައި މެޑަލް ހޯދި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް - ފޮޓޯ: އެމްއޯސީ
2019 ސާފް ގޭމްސްގައި މެޑަލް ހޯދި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް - ފޮޓޯ: އެމްއޯސީ

2019 ސާފް ގޭމްސްގައި މެޑަލް ހޯދި ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް - ފޮޓޯ: އެމްއޯސީ

ސާބާ އަންހެން މުބާރާތް ގިނަ ދުވަސްތަކެއް ވަންދެން ނުބޭއްވި އޮތުމަށް ފަހު ރާއްޖޭގައި ބޭއްވުމަށް ނިންމީ މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން އިސްނަގައިގެން ކުރެވުނު ގިނަ މަސައްކަތްތަކަކަށްފަހުގަ އެވެ.

ކޮވިޑް-19 އަށް ފަހު ގައުމުތަކުގެ ކުޅިވަރުތައް މަޑުމަޑުން ހަމައަކަށް އެޅެމުން އައި ދަނޑިވަޅުގެ ބޭނުން ހިފައި އަންހެން ބާސްކެޓްބޯޅައިގެ ކުރިއެރުމަށް ރާއްޖެއިން ނެގި އިސްނެގުމަށް ސަރަހައްދީ ހުރިހާ ގައުމަކުންވެސް ތާއީދުކޮށް ރާއްޖެއަށް މި ފުރުސަތު ދިނެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާން އެހެން ގައުމުތަކުން ވެސް ޔަގީންކަން ދޭން މާ ގިނަ ދުވަހެއްވެސް ނުނެގި އެވެ.

މުބާރާތް ބޭއްވަން ފުރުސަތު ލިބުމާ އެކު ގައުމީ ޓީމްގެ ތައްޔާރީތައް ފެށި އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއި އަންހެން ބާސްކެޓްބޯޅަ އާއިލާ އަދި ސަޕޯޓަރުންނަށް މިކަންވީ ކުޑަކުޑަ ހުވަފެނަކަށެވެ. އެސޯސިއޭޝަނުން މި ހަބަރު ފުރަތަމަ ދިނުމުން ކުޅުންތެރިންނަށް ގަބޫލުކުރަން ވެސް އުނދަގޫވި އެވެ.

"އަސްލު ފުރަތަމަ ސާބާ ބާއްވާ ވާހަކަ ބުނީމަ ހީކުރީ މަޖަލަށް ކިޔަނީއޭ. ދެން ޕްރެކްޓިސްތައް ވެސް ފެށީ ނޯމަލްކޮށް. އެހެންގޮސް ކޭމްޕުތައް ގޮސް ވަރަށް ވަރުގަދަ އަށް ޓްރެއިނިން ޖައްސަން ފެށީމަ އެނގިއްޖެ މިއީ އާދައިގެ ކަމެއް ނޫންކަން. މުބާރާތް އަސްލަށް ވެސް ބާއްވާކަން ޔަގީންވެއްޖެ. އެހިސާބުން ހުރިހާ އެންމެންގެ ފޯކަސް ވަރަށް ބޮޑަށް ރަނގަޅުވެއްޖެ" ގައުމީ ޓީމާއިއެކު 2016ގައި ލޯ މެޑަލް ހޯދި ޓީމްގައި ހިމެނޭ ހައުމާ އުބެއިދުﷲ (ހައު) ބުންޏެވެ.

ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ފުރަތަމަ އަންހެން މުބާރާތުގެ އިތުރަށް މި މުބާރާތް ހާއްސަވާ ސަބަބުތައް ގިނަ ގުނަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގޮށްލަން ޖެހެނީ ގައުމީ ޓީމުގައި ތިބި ސީނިއާ ކުޅުންތެރިން ކެރިއަރު ނިންމާލުމުގެ ކުރިން އަމިއްލަ ގައުމުގައި، އަމިއްލަ އާއިލާ އާއި ސަޕޯޓަރުންގެ ކުރިމަތީގައި ގައުމީ ޓީމު ތަމްސީލްކުރަން ލިބޭ ފުރުސަތަކަށްވާތީ އެވެ.

ރާއްޖޭގެ އަންހެން ބާސްކެޓްގެ އެންމެ ބޮޑު ދެ ނަމަކީ ހަމަ ޔަގީނުންވެސް އާމިނަތު ޝިއުރާ އަބްދުލްބާރީ އާއި ފާތިމަތު ރިޝްމާ (ރިޝްޓޮ) އެވެ. މި ދެ ކުޅުންތެރިން ކެރިއަރު ނިންމާލަން ކައިރިވެފައި ވަނިކޮށް މި ލިބުނީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ ބާސްކެޓްގެ ތާރީހީ ބޮޑު ކާމިޔާބެއް އަމިއްލަ ގައުމުގައި ހޯދަން މިވަރުގެ ބޮޑު ފުރުސަތެއް ޔަގީނުން ވެސް ދެނެއް ނުލިބޭނެ އެވެ.

އަނިޔާގެ ސަބަބުން ފަހަކަށް އައިސް ބައެއް މުބާރާތްތައް ނުކުޅެވުނު ނަމަވެސް ޝިއުރާ އާއި ރިޝްމާ ހުރީ މިހާރު އެންމެ ފިޓުކޮށެވެ. އަމިއްލަ ގައުމަށް ރީތި ނަމާއި ފަހުރު ހޯދައިދޭން އަތުކުރި އޮޅާލައިގެންނެވެ.

"ހިއެއް ނުވޭ ކެރިއަރުގައި މި ފުރުސަތު އިތުރަށް ލިބޭނެހެން. އަމިއްލަ އާއިލާގެ ކުރިމަތީގައި ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން. މިއީ ވަރަށް އިމޯޝަނަލް މުބާރާތަކަށް ވެސް ވާނެ. އަސްލު އެންމެ ކުރީސުރެ ބޭނުންވެފައި ހުރި ކަމެއް މިއީ. އަޅުގަނޑާ އެކު ފެށި ގިނަ ކުދިން މިހާރު ހުއްޓާލައިފި. އެ އެންމެން ވެސް ދެކުނު ހުވަފެނެއް މިއީ. އެހެންވީމަ ބޭނުން މި ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފައި ރާއްޖެއަށް ބޮޑު ކާމިޔާބެއް ހޯދައިދޭން" ރިޝްމާ ބުންޏެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމްގެ ޝިއުރާ އާއި ރިޝްމާ- ފޮޓޯ: އެމްއޯސީ
ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމްގެ ޝިއުރާ އާއި ރިޝްމާ- ފޮޓޯ: އެމްއޯސީ

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމްގެ ޝިއުރާ އާއި ރިޝްމާ- ފޮޓޯ: އެމްއޯސީ

"ކުރިން ބާސްކެޓް ފިރިހެން މުބާރާތް ކުޅުނުއިރު ވެސް އަދި ގައުމީ ފުޓްބޯޅަ ޓީމް ކުޅޭއިރު ވެސް ދަނޑަށް ދަން ރަތް ކުލައިގެ ޖާޒީގައި. ގޮސް ސަޕޯޓުކުރަން. އެއީ މުޅިން ތަފާތު އިހުސާސެއް. މިފަހަރު ބޭނުންވަނީ އެ އިހުސާސް ކުޅުންތެރިއެއްގެ ގޮތުގައި ފީލްކޮށްލަން. ހުރިހާ ގޮތަކުންވެސް ސްޕެޝަލް. މިހެން ބުނާއިރު ވެސް ގައިން ހީބިހި ނަގާ. ވަރަށް ބޮޑަށް އެކްސައިޓެޑް އަމިއްލަ ގައުމުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން" ޝިއުރާ ބުންޏެވެ.

ޔަގީނުން ވެސް އެއީ ތެދެކެވެ. ރިޝްމާ އާއި ޝިއުރާ އަށް ބާސްކެޓުގައި ނުލިބޭ ކާމިޔާބެއް ނެތެވެ. ޗެމްޕިއަންކަން ހޯދާފައިވާ މިންވަރު އިނގިލިން ގުނާލެވޭ ވަރަށް ވުރެ އިތުރެވެ. މުބާރާތްތަކުން އެކި ވަނަތައް ހޯދައިގެން ލިބިފައިވާ ޓްރޮފީތަކުން ގޭގައި ހުރި ތަށި ހަރުގަނޑު ހުރީ ފުރިފަ އެވެ. ނަމަވެސް ދެ ކުޅުންތެރިން ގަބޫލުކުރާ ގޮތުގައި މި މަހުގެ 24 ގައި ފަށާ ސާބާ މުބާރާތުން ހޯދާ މެޑަލް އަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފަހުރުވެރި ކާމިޔާބަކަށްވާނެ އެވެ.

މި ދެކުޅުންތެރިންގެ އިތުރު ޓީމްގައި ހިމެނޭ ހައުމާ އަށް ވެސް މިއީ ހާއްސަ މުބާރާތެކެވެ. އެ ގޮތުން 2016 ގައި ލޯ މެޑަލް ހޯދި ޓީމްގެ ވައިސް ކެޕްޓަން އެ ފަހަރު ދިޔައީ ޒުވާން އާ ކުޅުންތެރިން ގޮވައިގެންނެވެ. އޭރުގެ ޓީމްގައި ހިމެނޭ ކުޅުންތެރިން މިހާރު އެ ތިބީ ބޮޑުވެ "މެޗުއާ" ވެފަ އެވެ. ހުނަރާއި ފެންވަރަށް ބަލާއިރު މާ ބޮޑުތަނުން ތަފާތުކޮށެވެ. އެހެންކަމުން ރާއްޖޭގެ ގައުމީ ޓީމުގެ ހަގީގީ ފެންވަރުގައި މިފަހަރު އަންހެން ޓީމު ފެންނާނެ އެވެ.

"އޭރު ހުރީ ހައުއާ ހުސީ (ހުސްނާ މުހައްމަދު) އެކަނި ސީނިއާ ކުޅުންތެރިންނަށް. އޭރު މުޅިން އަލަށް ކުޅުނު ކުޅުންތެރިން ގިނައީ ގައުމީ ޓީމަށް. މިފަހަރު މިއޮތީ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމް. ހުރިހާ ގޮތަކުން ބެލިޔަސް. އެހެންވީމަ ރާއްޖޭގެ ފުލް ސްޓްރެންތުގައި ނިކުމެ ބޮޑު ކާމިޔާބެއް ހޯދޭނެ" ހައުމާ ބުންޏެވެ.

ކޮންމެ ގޮތެއްވިޔަސް ގައުމީ ޓީމް އޮތީ މި މުބާރާތަށް ފުރިހަމަ އަށް ތައްޔާރުވެފަ އެވެ. ފިޓްނަސް އާއި ފެންވަރަށް ބަލާއިރު މި އަށް ވުރެ ވަކި ގައުމީ ޓީމް ފުރިހަމަ އަށް ތައްޔާރުވާ މުބާރާތެއް ނެތެވެ. އިންޑިއާގެ ބެންގަލޫރާއި، ތައިލެންޑްގެ ބެންކޮކްގައި ތަމްރީން ހަދައި ޓީމަށް ތަޖުރިބާވެސް ލިބިއްޖެ އެވެ. ސްކޮޑުގައި ހިމެނޭ 12 ކުޅުންތެރިން ވެސް ތިބީ 24 ވަނަ ދުވަހުގެ އިންތިޒާރުގަ އެވެ. ގައުމަށް ރީތި ނަން ހޯދައިގެން އަތުކުރި އޮޅާލައިގެންނެވެ.

ގައުމީ ޓީމުގެ އޮތީ އެންމެ މެސެޖެކެވެ. ސަޕޯޓަރުން އިންޑޯ ހޯލު ފުރާލަދިނުމެވެ. ރަތްކުލައިން މުޅި ތަނަށް ގައުމީ ޖޯޝާއި ފޯރި ގެނެސްދިނުމެވެ. ގައުމީ ޓީމަށް ހިތްވަރުދީ މި ރަނުގެ ފުރުސަތުގެ ބޭނުން ހިފަން އެހީތެރިވުމެވެ. ރާއްޖޭގައި ބޭއްވޭ ފުރަތަމަ އަންހެން ބައިނަލްއަގްވާމީ މުބާރާތުން ރާއްޖެއަށް ރަން ވަނައެއް ހޯދަން ސަޕޯޓަރުންގެ ޒިންމާ އަދާކޮށްދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox