އަޅުގަނޑާއެކު އަސާސީ ކުލާހަށް ވަޑައިގަންނަވާ

އަސާސީ ތައުލީމުގެ ޕްރޮގްރާމު ފެށި ދުވަސްވަރު ކުރިޔަށް ގެންދިޔަ ކުލާހެއްގެ ފޮޓޯއިން ނަގާފައިވާ މަންޒަރެއް ހިމަނާގެން ހަދާފައިވާ ކުރެހުމެއް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

އަސާސީ ތައުލީމުގެ ޕްރޮގްރާމު ފެށި ދުވަސްވަރު ކުރިޔަށް ގެންދިޔަ ކުލާހެއްގެ ފޮޓޯއިން ނަގާފައިވާ މަންޒަރެއް ހިމަނާގެން ހަދާފައިވާ ކުރެހުމެއް. -- އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)/ އަދަދު

އަހަރަކީ 1980 ވަނަ އަހަރެވެ. ދުވަހަކީ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހެވެ. އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ "މާމުއި ހަނދުގެ" ދުވަސްވަރެވެ. އެމަނިކުފާނު ރޭޑިޔޯ މެދުވެރިކުރައްވައި ޤައުމާ މުޚާޠަބުކުރައްވަމުން ގެންދެވީ ރާއްޖޭގެ އަސާސީ ތަޢުލީމުގެ ބިޔަ މަޝްރޫޢު އިފްތިތާޙުކޮށްދެއްވަމުންނެވެ. އެމަނިކުފާނު ސިފަކުރައްވަމުން ގެންދެވީ ފަސްދޮޅަހުގެ އަހަރުތަކުގައި މާލެ އާއި ރަށްފުށުގެ ތަޢުލީމުގެ ފަރަޤު ބޮޑުވެފައި އޮތް މިންވަރެވެ.

"1960 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަޢުލީމަށް، އެއްގޮތަކުން ބަލާއިރު ވަރަށްބޮޑު ތަރައްޤީއެއް ލިބެމުންދިޔަ. މަޖީދިއްޔާ އާއި، އަމީނިއްޔާ ވަރަށް ރަނގަޅަށް މި ޒަމާނުގެ އުޞޫލަށް ހިނގަން ފެށި. ބޭރުގެ ޓީޗަރުން ގެނެވި، އިނގިރޭސި މީޑިއަމުން ކިޔަވައިދޭގޮތަށް ހަމަޖެހުނު. އަދި ލަންޑަން ޖީ.ސީ.އީ. އޯ.ލެވެލްއާ ހަމައަށް ވަރަށް ރަނގަޅަށް ކިޔަވައިދެމުން ގެންދެވުނު. އެހެންނަމަވެސް މާލޭގައި ހުރި ތަޢުލީމީ މަރްކަޒުތަކަށް، މި ދައުރުގައި ލިބެމުންދިޔަ މަތިވެރި ކުރިއެރުމާ ޚިލާފަށް ރާއްޖެތެރޭގެ ތަޢުލީމަށް އެއްވެސް އަހަންމިއްޔަތެއް ނުދެވުނު. ނަތީޖާއަކަށްވީ 1965 ވަނަ އަހަރު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުއިރު ރާއްޖެތެރޭގައި ދައުލަތުގެ ފަރާތުން ތަޢުލީމު ފެތުރުމުގެ އުޞޫލު މުޅިން ނެތިގޮސްފައިވާކަން."

އަސާސީ ތައުލީމުގެ ޕްރޮގްރާމުގެ ކްލާހެއް. --ފޮޓޯ: ގައުމީ އަރުޝީފް
އަސާސީ ތައުލީމުގެ ޕްރޮގްރާމުގެ ކްލާހެއް. --ފޮޓޯ: ގައުމީ އަރުޝީފް

އަސާސީ ތައުލީމުގެ ޕްރޮގްރާމުގެ ކްލާހެއް. --ފޮޓޯ: ގައުމީ އަރުޝީފް

އަޅުގަނޑު އުފަންވީ އަސާސީ ތަޢުލީމުގެ މަޝްރޫޢަށް ހަތް އަހަރު ދުވަސް ވެފައިވަނިކޮށެވެ. އެހެން ނަމަވެސް ތަންދޮރު އެނގެން ފެށީއްސުރެ، އަސާސީ ކުލާހެއް އޮންނަ ކަމާއި، އެ ކުލާހުގައި ކިޔަވައިދެނީ ދަރުމަވެރިންކަމާއި، އަސާސީ ތަޢުލީމު ޙާޞިލުކުރުމަކީ ޤައުމީ ކޮންމެވެސް މުހިއްމު މަސައްކަތެއްކަން ފަހުމުވިއެވެ. އެންމެ ސަބަބަކާ ހުރެއެވެ. އަލްމަރުޙޫމް ޔޫސުފް މުޙައްމަދު ފުޅުގެ ޅެންވެރިކަމަށް ދިރުންދެއްވަމުން، އަލްމަރުޙޫމް ހޮޅުދޫ ޢަބްދުﷲ ޙަސަން ވިދާޅުވެދެއްވާފައިވާ ލަވަ "ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ" މިލަވަ އަޑުއިވޭތީއެވެ.

"ވަޑައިގަންނަވާށޭ ކުލާހަށް އަސާސީ ފިލާވަޅު ކިޔައިދެއްވުމަށް ނަންގަވާ

ހިލޭކޮށްނުލައްވާ ވޮލަންޓިއަރުނޭ ދެން އެދޭ ދަރިވަރުންނަށް އެހީ ދެއްވަވާ"

އަސާސީ ތަޢުލީމުގެ އިންޤިލާބީ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން އާދަމް ޢަބްދުއްރަޙްމާން ލިޔުއްވާފައިވެއެވެ.

"އަސާސީ ތަޢުލީމުގެ އޮއިވަރު ރާއްޖޭގެ ހުރިހާ ކަނޑެއްގައި ދެމިގެންދިޔައެވެ. އޭގެ ވައިރޯޅި ހުރިހާ ދަނޑުބިންބިމާ ގޯޅި މަގުތަކަށް ފެތުރިގެންދިޔައެވެ. މަސްވެރިން މަހަށްދާ އޮޑިފަހަރުގައި ފިލާވަޅު ދަސްކުރިއެވެ. ދަނޑުވެރިން ދަނޑުތަކުގައި މަޝްރޫޢުގެ ލަވަތަކުން ނަށާ ހެދިއެވެ... ކިޔަވާ މީހުންނަށް ބޭނުންވާ ފޮތްފަންސޫރާއި މާއްދާ ކިޔަވާ ފޮތްތައް ކިޔަވާ އެންމެންނަށް ސަރުކާރުން ހިލޭ ބެއްސެވިއެވެ. ކުލާސްތަކުގެ އިދާރީ ހިންގުމަށް ބޭނުންވާ ތަކެއްޗާއި ދިއްލާނޭ ބިގަރާއި ބިގަރަށް އަޅާނޭ ތެޔޮވެސް ސަރުކާރުން ދެއްވިއެވެ. (އެ ދުވަސްވަރު ރާއްޖެތެރޭގެ ރަށްރަށުގައި ކަރަންޓެއް ނުހުރެއެވެ.)"

ލިޔެކިޔުންތަކުގައި އަރުޝީފުކުރެވިފައިވާ އެކި ރިވާޔަތްތަކުން އިއްތިފާޤުވާ ގޮތުގައި މިއީ ވަރަށް ޖޯޝާއި ފޯރީގައި ހިންގި މަސައްކަތެކެވެ. ލަވައިގައި އެ ވިދާޅުވާ ފަދައިންނެވެ.

"ކުރާ އަބަދު އުންމީދަކީ ތިޔަ އެހީއޭ

ފުރާނައިގެ ކާނާއަކީ ތިޔަ އެހީއޭ

ޚަޔާލުން މިކަމުގައި ތަނެއް ދެއްވަމާތޯ، ފިލާވަޅު ކިޔައިދެއްވުމަށް ނަންގަވާ

އެނގޭ އެއްޗަކުން އަނެކުނަށް މަދަދު ދިނުމޭ

އެދޭ ޝަރަފަކާ ނިޢުމަތަށް ވާގި ދިނުމޭ

އުޞޫލަށް މި ޙުރުމަތް ހިތުން ދެއްވަމާތޯ، ފިލާވަޅު ކިޔައިދެއްވުމަށް ނަންގަވާ"

މުސްކުޅި މާމައިންނަށް ފިލާވަޅު ބުނެދިނީ މާމަ ދަރީންނެވެ. ކިޔަވައިދޭ ކުލާސްތަކުގެ އަގުލަބިއްޔަތަކީ ޢުމުރުން ދޮށީ މީހުންނެވެ. އެހެންނަމަވެސް ކެތްތެރިކަމާއެކު، ހިލޭ ސާބަހަށް، ޒުވާން ދަރުމަވެރިން ކިޔަވައިދެމުން ގެންދިޔައީ އެއީ ޤައުމީ ޚިދުމަތެއްކަމުގައި ދެކިގެން ކަމަށް ސިފަކުރެވިފައިވެއެވެ.

1980 ވަނަ އަހަރު، "ފަތްތޫރަ"އިގެ 13 ވަނަ ޢަދަދުގައި އަލްމަރްހޫމް އާދަމް ސަލީމް، "އަސާސީ ތަޢުލީމު" މި ނަމުގައި ޝާއިޢުކުރައްވާފައިވާ ލަވައެއްގައި ވިދާޅުވެފައިވެއެވެ.

"އަކުރު ނޭގުމުގެ ހުރިހާ އުނިކަމާ، އަކުރު ދަސްނުވިކަމުގެ ހިތްދަތިކަމާ

އަކުރު ވަކިނުވިކަމުގެ ލަދުވެތިކަމާ، ލަކުނުތައް އުންމަތުން ފިލުވާށެވީ... ފޯރީގާ"

މި ދުވަސްވަރު މަސައްކަތް ހިނގަމުންދިޔަ ގޮތް ސިފަކުރައްވަމުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ މަޖައްލާ "ޖަމާޢަތުގެ ޚަބަރު"ގެ 502 ވަނަ ނަންބަރުގައި 2020 ވަނަ އަހަރު، މއ. މެރަނާ، މުޙައްމަދު މުސްޠަފާ ޙުސައިން ލިޔުއްވާފައިވެއެވެ.

"އަސާސީ ތަޢުލީމުގެ މަޝްރޫޢު އެންމެ ފޯރިގަދަކޮށް ހިނގީ ފުރަތަމަ ފަސް އަހަރެވެ. އެއީ 1980 އިން 1985 އަށެވެ. އޭރު މިކަން ހިނގަމުންދިޔައީ ވަރަށް ޤައުމީ ޙަރަކާތެއްގެ ގޮތުގައެވެ. މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ލަވަތަކެއް ތައްޔާރުކޮށް ރޭޑިޔޯއިން ފޮނުވުނެވެ. ވޮލަންޓިއަރުންގެ ކިތަންމެ ބަޔަކު މި މަސައްކަތަށް ނުކުތެވެ. ރަށްރަށުގައި އަސާސީ ހޮޅުއަށި އުފައްދައި އެތަންތަނުގައިވެސް އަކުރު ދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށްދިޔައެވެ."

މިއަދު ސިފަކޮށްލަންވެސް ދައްޗެވެ. އެއްކަމަކަށް އެތައް އަހަރަކަށް ދެމިގެންދިޔަ ޤައުމީ މަޝްރޫޢެއްގައި ޒުވާން އެތައް ދަރުމަވެރިންނެއް އަގެއް ނުނަންގަވައި ކިޔަވައިދެއްވުމަށް އެ ކުރެއްވި މަސައްކަތްތަކެވެ. މުޅި ރާއްޖެއަށް ކަރަންޓު ނުލިބޭ ޒަމާނުގައި ބިގަރު އަލީގައި "ނައިޓް ކުލާސް"ތައް ބާއްވާއިރު ކުރިމަތިވާނޭ ދަތިތަކެވެ. ޢުމުރުން ދުވަސްވެ "ހަރު"ވެފައިވާ ސިކުނޑި ތަކަކަށް އަލުން ބަލުން އަކުރު އަޅަން ދަސްކޮށްދިނުމުގައި ކުރިމަތިވާނޭ ހުރަސްތަކެވެ. ހޮޅުއަށިތަކާއި، ދަނޑުތަކާއި މަސް ދޯނިތަކުގައި ފިލާވަޅު ދަސްކުރިކަމަށް އެ ސިފަކުރާ ސިފަކުރުންތަކެވެ.

އެހެނަސް، ޤަބޫލުކުރަން ދައްޗަސް، އެ މަންޒަރު ޚިޔާލުގެ ފިހިން ކުރަހާލާ ހިނދު، ކޮންމެ ފިހިވަޅެއްގައި އެއްބައިވަންތަކަން ކަނޑާނެގިފައިވާ ކަހަލައެވެ. ކާމިޔާބު ބިޔަ މަޝްރޫޢެއް ނިމި، ބައިނަލްއަޤުވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު 1990 ގައި ފާހަގަކުރިއިރު، ދިވެހި ރާއްޖޭގެ އާބާދީ ނުވަދިހައަށް އިންސައްތަ ހިމެނުނީ ލިޔަންކިޔަން ދަންނަ މީހުންގެ ގޮތުގައެވެ.

މިއަދު އަޅުގަނޑުމެއް މި ތަޖުރިބާ ކުރަނީ ފުޅިބައްތީގެ ފީތާ ހުސްވެގެން އަލިނުވެގެން އުޅެންޖެހޭ ފަދަ ޒަމާނެއް ނޫނެވެ. ފަންނިއްޔާތުގެ އެހީގައި ދުނިޔެ މިވަނީ ބަވަނަވެފައެވެ. މަޢުލޫމާތު ވަނީ ތިޔާގެވެފައެވެ. މި ހުރިހާ ކަމެއް މިއަދު ފަހިވެފައިވާއިރު، ނެތިގެއްލިގޮސްފައިވަނީ ޤައުމީ ރޫޙެވެ. ލިޔަންކިޔަން ދަތުން ޢާއްމުވެ، ތަންދޮރު އޮޅުންފިލަމުންދާ ވަރަކަށް ވެރިން ޖަހާހާ ބެރަކަށް ނެށުންވެސް މަދުވާނޭ ނޫންތޯއެވެ. ހަމަ އާދަމް ސަލީމްގެ "އަސާސީ ތަޢުލީމު" ލަވައިގައި ވިދާޅުވާ ފަދައިންނެވެ.

"އެމީހާއަށް އެގެންވާ މިލްކުތައް، ދެމީހަކު ދެމެދުގާވާ ޝައްކުތައް

އެމީހާއަށް ލިބެންވާ ޙައްޤުތައް، އެމީހާ އުގެނި ހޯދަން ދާށެވީ... ފޯރީގާ"

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox