ދުނިޔޭގެ އިގުތިސޯދަށް އައި ލޮޅުމާއެކު ދެވަނަ ކުއާޓާގެ ތެރޭގައި ދަށަށް ދާން ފެށި ދައުލަތުގެ ރަސްމީ ރިޒާވް ޖުލައި މަހުގެ ނިޔަލަށް 728 މިލިއަން ޑޮލަރަށް ވެއްޓިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި މާޗު މަހުގެ ނިޔަލަށް 865 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވު ވަނީ ވިދިވިދިގެން ހަތަރު މަހު ދަށަށް ގޮސްފަ އެވެ. އެއާއެކު ޔޫސަބަލް ރިޒާވު ވެސް ވަނީ ދަށަށް ގޮސްފަ އެވެ.
އެމްއެމްއޭއިން މިހާރު ޔޫސަބަަލް ރިޒާވު އަދަދުތައް ޝާއިއުނުކުރި ނަމަވެސް، އެ އިދާރާއިން ދީފައިވާ ފޯމިއުލާ ބޭނުންކޮށްގެން ހިސާބުކުރާއިރު ޖުލައިގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 282 މިލިއަން މިލިއަން ރުފިޔާ އެވެ. އެންމެ ފަހުން ބޭނުންކުރެވޭ ރިޒާވު މިހާ ދަށްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.
ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ
- 2017 - 200.44 މިލިއަން ޑޮލަރު
- 2018 - 180.56 މިލިއަން ޑޮލަރު
- 2019 - 314.87 މިލިއަން ޑޮލަރު
- 2020 - 173.08 މިލިއަން ޑޮލަރު
- 2021 - 412.58 މިލިއަން ޑޮލަރު
- 2022 ގެ މިހާތަނަށް - 282.02 މިލިއަން ޑޮލަރު
މި އަހަރުގެ ތެރޭގައި ރިޒާވު ނުދާހާ ދަށަށް ދިޔަ ނަމަވެސް، މިއީ ކޮވިޑު ބަލިމަޑުކަން ލައިގަތް އަހަރާއި ޖެހިގެން އައި އަހަރު އެވަރެޖުކޮށް ހުރި އަދަދުތަކާ ބަލާ ނަމަވެސް ރަނގަޅު އަދަދެކެވެ.
އެގޮތުން ކޮވިޑު އަހަރު ނިންމާލިއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރި ކަމަށް ދައްކަނީ 173.03 މިލިއަން ޑޮލަރެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ރިޒާވު އިތުރުވުމާ ގުޅިގެން އަހަރު ނިންމާލިއިރު ބޭނުންކުރެވޭ ރިޒާވުގައި 412.58 މިލިއަން ޑޮލަރު ހުރި ނަމަވެސް، މުޅި އަހަރުގެ އެވަރެޖަކީ 258.81 މިލިއަން ޑޮލަރެވެ.
މިހެން ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލެމުން ދިޔުމާ އެކީ މުޅީންހެން އެކްސްޕޯޓަށް ބަރޯސާވާ ދިވެހި އިގުތިސޯދަށާއި ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ފިއްތުންތަކެއް އެބަހުއްޓެވެ.
މި ފިއްތުންތަކާއެކީ ވެސް އިގުތިސޯދީ ދުވެލި ރަނގަޅެވެ. މައިގަނޑު ސަބަބަކީ މައި ސިނާއަތް ކަމުގައި ޓޫރިޒަމުގެ ހަރަކާތްތެރިކަމާއި އެ ސިނާއަތާ ގުޅިފައިވާ އެހެން ސިނާއަތްތަކުގެ ހަރަކާތްތެރިކަމެވެ.











