އިދިކޮޅުން ހުށަހެޅި ގައުމީ ސަލާމަތުގެ ބިލަށް އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެމްޑީޕީ ބައެއް މެންބަރުން ވަނީ އިދިކޮޅުގެ ބިލަށް ތާއީދުކޮށްފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އެމްޑީޕީ ބައެއް މެންބަރުން ވަނީ އިދިކޮޅުގެ ބިލަށް ތާއީދުކޮށްފައި-- ފޮޓޯ: މަޖިލިސް

ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަންކަން ބަޔާންކޮށް، އެ ކަމަށް އަދަބު ކަނޑައެޅުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ތާއީދުކޮށްފި އެވެ.

ގައުމީ ސަލާމަތާ ބެހޭ ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު އުމަރެވެ. ބިލުގެ އިބްތިދާއީ ބަހުސް ފަށައިގެން މިހާރު ކުރިއަށް ދާއިރު، ބަހުސްގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

"އަޅުގަނޑުމެން ސަރުކާރުގައި އޮވެ ގައުމީ ސަލާމަތާ ބެހޭ ބިލެއް، މަޖިލީހަށް ހުށަހެޅިފައި ނުވާއިރުގައި، އިދިކޮޅުގެ ފަރާތުން އެފަދަ ބިލެއް ހުށަހެޅީމާ އަޅުގަނޑުމެން މުޅިން އެއާ ދެކޮޅު ހަދައި އެ ނަގައި އެއްލާލާ ނޫނިއްޔާ މަޖިލީހުން އެ ބަލައިނުގަތުމަކީ އަދި އެންމެ އަޅުގަނޑަށް ހީވަނީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށް އެންމެ ރަނގަޅު ގޮތަށް ނުވެދާނެ،" ބިލަށް ބަހުސް ކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި ބިލުގައި ހުރި ރަނގަޅު ކަންކަން ދެނެގަނެ، ބިލު ކޮމިޓީއަށް ފޮނުވައިގެން ދައުލަތުގެ އިސްވެރިންނާ ކަމާ ގުޅޭ މުވައްސަސާތަކާ ގުޅިގެން ބިލު އިތުރަށް ފުރިހަމަ ކުރެވިދާނެ ކަމަށެވެ.

"ބިލަށް ވާހަކަ ދައްކާ ވަގުތު ބިލު އެއްވެސް ގޮތަކަށް ބަލައިނުގަންނާނެ ކަމަށް ބުނެ ދެކޮޅު ހެދުމަކީ އެންމެ ހަމަޖެހޭ ގޮތަކަށް ނުވެދާނެ،" ބިލު ބަލައިގަންނަން ދެކޮޅު ހަދައި ވާހަކަ ދެއްކެވި އެމްޑީޕީ މެންބަރުންނަށް ރައްދު ދެއްވަމުން އިންތި ވިދާޅުވި އެވެ.

އިންތި ދެން ހަނދާން އާ ކުރެއްވީ މިދިޔަ އަހަރުގެ މެއި މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އެވެ.

"މިއީކީ އެފަދަ ހަމަލާތައް ރާވަމުންދާ ކަން ނޭނގި ސިއްރުގައި އެހެން އޮވެ ހަމަލާއެއް ނޫން، އެނގި އޮވެ އައި ހަމަލާއެއް، އަދިވެސް އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ޓަކައި މަޖިލީހުން ހެދި އިންކުއަރީގައި ހުރި ކަންކަން ފުރިހަމަވެފައި ނުވޭ،" އިންތި ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި މި ބިލު ވަރަށް މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބިލަށް ބަހުސް ކުރައްވަމުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ވަނީ ބިލަށް ތާއީދުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިލަށް ވާހަކަ ދެއްކުމުގެ ބަދަލުގައި ވާދަވެރި ބޭފުޅަކު ހުށަހެޅި ބިލެއް ވީތީ ބޭރުކޮށްލުމަކީ ހައްލެއް ނޫނެވެ.

"މިއަދު މި ބިލަކީ ސީރިއަސް ބިލެއް ކަމުގައި ނުދެކޭނަމަ އަޅުގަނޑުމެން އިހަކަށް ދުވަހު މި ދެންނެވި [މެއި ހައެއް އިންކުއަރީ] ރިޕޯޓު ހޭލާ ތިބެގެން ނިންމާ ފާސްކޮށް، އެހާ ދިގުކޮށް ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ނުދެކެން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ގައުމީ ސަލާމަތުގެ ވާހަކައަކީ "ކުޅިވަރަކަށް" ދައްކާ ވާހަކައަކަށް ވެގެން ނުވާނެ އެވެ.

"މި ބާވަތުގެ ކަންކަމަކީ ސިޔާސީ ގޮތުން ހަމަ އަނގަ ހުކާލަން ދައްކާ ވާހަކައަކަށް ވެގެން ނުވާނެ، އެހެން ކަމަށް ވެއްޖެ ކަމަށް ވަންޏާ ވަރަށް ނުރައްކާތެރި ދިމާއަކަށް ދެވެނީ،" ވަހީދު ވިދާޅުވި އެވެ.

ބިލުގައި ވަރަށް މުހިންމު ކަންކަން ހުރިކަން ފާހަގަކުރައްވައި ވަހީދު ވަނީ ބިލު މަޖިލީހަށް ބަލައިގަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ބިލަށް މިއަދު ބަހުސް ކުރެއްވި އެމްޑީޕީގެ އެހެން ބައެއް މެންބަރުން ވެސް ބިލުގެ މުހިންމުކަން ފާހަގަ ކުރެއްވި ނަމަވެސް، އާދަމް ޝަރީފް ބިލު ހުށަހެޅުމުގެ ނިޔަތާމެދު ސުވާލު އުފައްދަވާފައި ވެސް ވެ އެވެ.

"ކީއްވެތޯއޭ ތިމާއަށް އާރާބާރާ ލިބި، ތިމާ އެ ގާނޫނު ހަދަން ފުރިހަމަވެ ފައްކާވެ އިން ވަގުތުގައި އެކަން ނުކޮށް، އެހެން ބަޔަކު މި ބާރުތައް ހިންގަން ލިބުނީމާ އެ ބާރުތަކަށް އަތް ބޭނުމުގެ ބައި މި ކުޅެނީ،" ތިނަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ސަނީފު ވިދާޅުވި އެވެ.

ސަނީފް ވިދާޅުވި ގޮތުގައި މިކަމަކީ އެ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅިފައިވާ ކަމެކެވެ. އެހެންނަމަވެސް ބިލުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އާދަމް ޝަރީފް ހުށަހެޅުއްވި ނަމަވެސް ދިވެހި ދައުލަތުން މިފަދަ ބިލެއް ފަރުމާކޮށްގެން ހުށަހަޅަން ޖެހުމުގެ މުހިންމު ކަން ވެސް ފާހަގަކުރަން،" ސަނީފް ވިދާޅުވި އެވެ.

ގައުމީ ސަލާމަތާ ބެހޭ ބިލުގައި ހުރި ކަންކަން

އާދަމް ޝަރީފް ހުށަހެޅުއްވި "ގައުމީ ސަލާމަތާ ބެހޭ ބިލު" ގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަންކަން ބަޔާންކޮށް، އެ ކަމަށް އަދަބު ކަނޑައަޅައިފަ އެވެ.

"ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމާއި އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލާއި ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި އެކަމާ ގުޅޭ ކަންކަން ވަކި ގާނޫނެއްގައި ބަޔާންކުރުމަށް،" ބިލު ހުށަހެޅި މަގުސަދުގެ ގޮތުގައި ބުނެފައިވެ އެވެ.

އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނެތި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަމެކެވެ. އަދި ރިޔާސީ އިންތިހާބު އޮޅުވާލުމާއި ސަރުކާރާ ދެކޮޅަށް ބަގާވާތެއް ކުރުމާއި ސަލާމަތީ ހިދުމަތްތަކުން ސަރުކާރާ ދެކޮޅު ހަރަކާތް ހިންގުން ފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަމެވެ.

ގައުމީ ސަލާމަތަށް ނުރައްކާއެއް ކަމަށް ބިލުގައި ކަނޑައަޅާފައިވާ އިތުރު ކަންކަމަކީ:

  • ދީނާއި ގައުމުގެ މިނިވަންކަމާއި އިސްތިގާލަލަށާއި ތިމާވެއްޓާއި ސިޔާސީ ހަރަކާތްތަކަށް ނިކަމެތިވާ ފަދަ ކަންކަން ކުރުން
  • ބޭރު ގައުމެއްގެ ސިޔާސީ/އިގްތިސޯދީ ނުވަތަ އަސްކަރީ ބާރުގެ ދަށަށް ގައުމު ދިއުން
  • ގާނޫނާ ހިލާފު ފިކުރަކަށް ދިވެހިން ވެއްދުމަށް މަސައްކަތް ކުރުން
  • ހަނގުރާމަވެރި އުޅަނދާއި ހަތިޔާރު އެތެރެކުރުން
  • ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ދިނުމާއި ޖާސޫސްކުރުން
  • ބަލިމަޑުކަމެއްގެ ސަބަބުން ކާޑާއި ފެން ލިބުން ދަތިވުން
  • ޓެރަރިސްޓު ހަމަލާތައް ދިނުމާއި ރޭވުމާއި ސައިބާ ސެކިއުރިޓީން އުދުވާންތައް ހިންގުމާއި ރޭވުން ފަދަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެހެންނަމަވެސް ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން، ވަކި ކަމަކަށް ތާއީދުކޮށް ނުވަތަ އިންކާރުކޮށް، ރައްޔިތުން ކުރާ އިހުތިޖާޖުތައް ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަންކަމުން އިސްތިސްނާ ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހޯދުމަށް މީޑިއާއިން ކުރާ މަސައްކަތް ވެސް ހިމަނާފައި ނުވެ އެވެ.

މި ބިލު ގާނޫނަކަށް ވުމާއެކު، ގައުމީ ސަލާމަތާ ބެހޭ މަޖިލިސް އުވާލާއި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލެއް އުފައްދާނެ އެވެ. ބިލްގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެއްޖެކަން ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ހިންގުމަކީ ނުވަތަ ކުރަން އުޅުމަކީ ގާނޫނީ ކުށަކަށް ހަދާފައިވާއިރު، އެ ކުށުގެ އަދަބެއްގެ ގޮތުން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މައުލޫމާތެއް އެނގިހުރެ، އެ މައުލޫމާތު ގައުމީ ސަލާމަތާ ބެހޭ ކައުންސިލަށް ނުވަތަ ސަލާމަތީ ހިދުމަތްތަކަށް ނުދޭ ފަރާތްތަކަށް އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

މީގެ އިތުރުން ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއްގައި ޖާސޫސްކުރުމަކީ އަދި ޖާސޫސްކުރުމަށް އެހީތެރިވެ ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox