ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ)، މި މަހު ޖަޕާނުގައި ބާއްވާ ދުނިޔޭގެ ބެޑްމިންޓަން މުބާރާތުން ފުރުސަތު ލިބިއްޖެ އެވެ.
ޓޯކިޔޯގައި ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީ ކުޅޭނީ ޑަބަލްސްގަ އެވެ. ނަބާ އާއި ނަބީގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ގައުމީ ލެވަލްގައި ގިނަަ އަހަރުތަކެއް ކުޅެފައިވާ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރި ނަޝްފާން މުހައްމަދު އެވެ.
ނަބާ އާއި ނަބީ ވަނީ މިދިޔަ މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނިފަ އެވެ. ކޮމަންވެލްތު ގޭމްސްގައި ރަނގަޅު މެޗުތަކެއް ކުޅެން ފުރުސަތު ލިބުނު ނަބާ އާއި ނަބީ އަކީ މިދިޔަ އަހަރުގެ ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަނުންނެވެ.
ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރަން ނަބާ އާއި ނަބީ ފުރަން ހަމަޖެހިފައިވަނީ މާދަމާ އެވެ. މުބާރާތް އޮތީ މި މަހު 22-28 އަށެވެ.
މިދިޔަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ސްޕެއިންގައި ކުރިއަށްދިޔައިރު، އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ވެސް ނަބާ އާއި ނަބީގެ ޕެއާ އަށް ލިބުނެވެ. އެކަމަކު، ނަބާ އާއި ނަބީ އެ މުބާރާތަށް ނުދެވުނީ ވިސާ ހަމަނުޖެހިގެންނެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ މެޗެއްގެ ތެރެއިން ނަބާ އާއި ނަބީ.--- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މި ފަހަރު ޖަޕާނުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ނަބާ އާއި ނަބީ ވާދަކުރާއިރު، މިއީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ލިޔެވިގެންދާނެ އާ ސޮފުހާ އެކެވެ. މިއީ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕެއްގައި ރާއްޖޭގެ ކުޅުންތެރިން ތަމްސީލް ކުރާނެ ފުރަތަމަ ފަހަރެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. ނަބީ އާއި ނަބާ އަކީ ދުނިޔޭގެ ރޭންކިންގެ އިވެންޓެއްގެ ގަދަ 100 ތެރޭގައި ހިމެނުނު ރާއްޖޭގެ އެންމެ ފުރަތަމަ ދެ ކުޅުންތެރިންނެވެ.
އަންހެން ޑަބަލްސްގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ މެޑަލް ގެނެސްދީފަ އެވެ.
ނަބާ އާއި ނަބީގެ ޕެއާގެ ބައިނަލްއަގުވާމީ ކާމިޔާބީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ 2019 ވަަނަ އަހަރު ޕާކިސްތާން މުބާރާތުގެ ޑަބަލްސް ބައިން ހޯދި ރަން މެޑަލެވެ. މިއީ ބީޑަބްލިއުއެފް އިން ގަބޫލުކުރާ މުބާރާތެއްގައި ރާއްޖެ އަށް އަންހެން ޑަބަލްސް އިން ހޯދައިދިން ފުރަތަމަ ރަން މެޑަލް އެވެ.
އޭގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބީ އާއި ނަބާގެ ޕެއާ ވަނީ ހަތަރު ރިހި މެޑަލާއި ހަތަރު ލޯ މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި މެޑަލާއި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި 2017 އާއި 2018 ވަނަ އަހަރު ހޯދި މެޑަލްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގައި 2018 ވަނަ އަހަރު ހޯދި މެޑަލެވެ.
ހަތަރު ލޯ މެޑަލް ހޯދީ މޮރިޝަސް ބެޑްމިންޓަން ސީރީސްގެ 2017 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ އިތުރުން 2019 ވަނަ އަހަރު ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި 2018 ވަނަ އަހަރުގެ ނޭޕާލް މުބާރާތުގަ އެވެ.












