ސްރީލަންކާގެ ސަންކެން އޯވަސީސް ކޮންސްޓްރަކްޝަނުން ބޭރުގެ އިންވެސްޓަރުންތަކަކާ ގުޅިގެން ގދ. އަތޮޅުގައި ތަރައްގީކުރި ހަވޮއްޑާ ރިސޯޓު ވިއްކާލުމުގެ މަސައްކަތް ފަށައިފި އެވެ.
ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު (767.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ތަރައްގީކޮށް، 2016 ގައި ހުޅުވި އެ ރިސޯޓަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ނިންމުމަށް ފަހު ހުޅުވި ރިސޯޓެކެވެ. މި ރިސޯޓުގައި ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނައިގެން 120 ކޮޓަރި ހުރެ އެވެ.
ހަވޮއްޑާ ތަރައްގީ ކުރީ ސަންކެންއިން ނަމަވެސް އެ ރިސޯޓުގެ ލީސް އޮންނަ ކްރިސްޓަލް ޕްލާޒާ ރިސޯޓްސްގައި އެ ކުންފުނީގެ ސީދާ ހިއްސާއެއް ނެތެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ފެންނަ ހިއްސާދާރުންނަނީ ރޮބިންސަން ކްލަބް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަރްމާން ގުނައިދަން އާއި ހޮންކޮންގައި ރަޖިސްޓްރީ ކޮށްފައިވާ އޯޝަން މާސް ލިމިޓެޑެވެ.
ހަވޮއްޑާ ވިއްކާލުމުގެ މުއާމަލާތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ރިސޯޓުތައް ވިއްކުމުގައި ތަޖުރިބާ ހުރި އަދި މިހާތަނަށް އެންމެ ގިނަ ރިސޯޓު ވިއްކުމުގެ މުއާމަލާތްތައް ހިންގާފައިވާ ޖޭއެލްއެލް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. މިފަހުން ވެސް މި ކުންފުނިން ވަނީ ޔުނިވާސަލް ކުންފުނިން ތަރައްގީކޮށްފައިވާ ދެ ރަށެއް ރެކޯޑު އަގެއްގައި ވިއްކާލާފަ އެވެ.
ފެށުނީއްސުރެން ހަވޮއްޑާ ހިންގަމުން އަންނަނީ ތައިލެންޑުގެ ފުންނާބު އުސް ހޮސްޕިޓާލިޓީ ބްރޭންޑު އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕުގެ "އަމާރީ" ބްރޭންޑިންގެ ދަށުންނެވެ. އެކަމަކު ރިސޯޓު ވިއްކާލަން އިންވެސްޓަރުންނަށް ހުޅުވާޅި ފުރުސަތުގައި ޖޭއެލްއެލްއިން ބުނެފައިވާ ގޮތުގައި ރިސޯޓު ގަންނަ ފަރާތަކަށް އެ ބައެއްގެ އަމިއްލަ ބްރޭންޑުގެ ދަށުން ރިސޯޓު ހިންގުމުގެ ފުރުސަތު ލިބޭނެ އެވެ.
އަމާރީ ހަވޮއްޑާ މޯލްޑިވްސް
- ރަށް: ގދ. ހަވޮއްޑާ
- ބިމުގެ ބޮޑުމިން: 10.9 ހެކްޓަރު
- ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނައިގެން 120 ކޮޓަރި
- ދާން ޖެހެނީ ވެލާނާ އެއާޕޯޓުން ޑޮމެސްޓިކް ފްލައިޓެއްގައި ކާޑެއްދޫއަށް ގޮސް ސްޕީޑްބޯޓެއްގައި
- ފަސް ތަރި
އޮނިކްސްއިން ހަވޮއްޑާ ދޫކޮށްލި ނަމަވެސް އެ ކުންފުނީގެ "އޯޒޯ" ބްރޭންޑުގެ ދަށުން އެހެން ރިސޯޓެއް ހިންގަން އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. ރ. ކުޑަކުރަތުގައި ތަރައްގީކުރަމުންދާ އެ ރިސޯޓު ހުޅުވޭނެ ކަމަށް ލަފާކުރަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
އެ ރަށް ތަރައްގީކރުަމުން ދަނީ ހަވޮއްޑާ ތަރައްގީކުރި ސަންކެންގެ ހިއްސާ އޮންނަ ކުޑަކުރަތު އައިލެންޑް ރިސޯޓުސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނީގެ ދެންތިބި ހިއްސާދާރުންނަކީ އިންޑިއާގެ ޕަންޝިލް ރިއަލްޓީ އިނގިރޭސިވިލާތުގެ އާރްޕީ ހޯލްޑިންސް ލިމިޓެޑްގެ އިތުރުން ސިންގަޕޫރުގެ އޮރަޔަން ހޮސްޕިޓާލިޓީ އެވެ.











