ދުނިޔޭގެ އެންމެ ދުވަސްވީ އަދި ފުޅާދާއިރާއެއްގައި ވަޔާ ޓްރާންސްފާ ހިދުމަތް ދެމުންދާ ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ ލޯކަލް ޕާޓްނަރު، އައިލެންޑް ފައިނޭންޝަލް ސާވިސަސްއަށް ދޫކޮށްފައިވާ ރެމިޓަންސް ލައިސެންސް ހިފެހެއްޓުމާ ގުޅިގެން އެ ހިދުމަތް ރާއްޖެއިން ހުއްޓިއްޖެ އެވެ.
ރެމިޓެންސްގެ ކަންކަން ރެގިއުލޭޓު ކުރާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން އައިލެންޑް ފައިނޭންޝަލް ސާވިސަސްގެ ހުއްދަ ހިފެހެއްޓީ ހޯމަ ދުވަހު އެވެ.
އެކަން އާންމުކޮށް އަންގާ އެމްއެމްއޭއިން ކުރި އިއުލާނުގައި ވަނީ "ރެމިޓެންސް ހިދުމަތް ދިނުމުގައި ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސެންސް" ވަކި ގޮތެއް އަންގަން ދެން ހިފެހެއްޓިފައިވާ ކަމަށެވެ. އެކަމަކު ހުއްދަ ހިފެހެއްޓި ސަބަބެއް އިއުލާނުގައި ނެތެވެ.
އެކަން އޮޅުން ފިލުވަން "އަދަދު" ނޫހުން ސުވާލުކުރުމުން އެމްއެމްއޭގެ ތަރުޖަމާނު މޫސާ ނާސިހް ވިދާޅުވީ ލައިސެންސް ހިފެހެއްޓީ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރާށެވެ. މިކަމާ ގުޅޭގޮތުން ވެސްޓަން ޔޫނިއަންގެ ވެބްސައިޓުގައި ވެސް ވަނީ އެމްއެމްއޭއިން އައިލެންޑް ފައިނޭންޝަލްސްގެ ހުއްދަ ހިފެހެއްޓީ "އިންޓާނަލް އަޕްޑޭޓްތަކެއް" ގެންނަން ކަމަށެވެ.
މި އިންޓާނަލް އަޕްޑޭޓްތައް ނިމި ހިދުމަތް ފެއްޓޭނެ އިރެއް ސާފުކުރަން އައިލެންޑް ފައިނޭންޝަލްސް ހިންވާ ވިލާ ޓްރެވަލްސްގެ ބަހެއް ލިބޭ ގޮތް ނުވެ އެވެ.


ވެސްޓަން ޔޫނިއަންގެ ވެބްސައިޓުގައި، ހިދުމަތް ހުއްޓުމާ ގުޅިގެން ލިޔެފައިވާ މައުލޫމާތު. -- ފޮޓޯ: ވެސްޓަން ޔޫނިއަން
މިހާރު އަމަލުކުރަމުންދާ ގައުމީ ޕޭމަންޓް ސިިސްޓަމްގެ ގާނޫނުގެ ދަށުން 12 ހާލަތެއްގައި ލައިސެންސް ހިފެހެއްޓުމުގެ ބާރު އެމްއެމްއޭއަށް ލިބެ އެވެ. އޭގެ ތެރޭގައި އެ އޮތޯރިޓީން ކަނޑައަޅާ ގައިޑްލައިންތަކާއި އިރުޝާދުތަކަށް ނުވަތަ އަންގާ އެންގުމަކަށް އަމަލު ނުކުރުން ހިމެނެ އެވެ.













