ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީކޮށް ހުށަހަޅުއްވީ އިއްޔެ އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުގެ ތާއީދާއެކު އެ ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ.
އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ނަޝީދު ހުށަހަޅުއްވީ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ އޮންނަން ފާސްވެއްޖެނަމަ، މި ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށެވެ.
އެމްޑީޕީ ކޮންގްރެސް ފަށާނީ މި މަހުގެ 19 ވަނަ ދުވަހު ސޯޝަލް ސެންޓަރުގަ އެވެ. މި ކޮންގްރެސްގައި އެ ޕާޓީގެ 1440 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށް އެމްޑީޕީން އިއްޔެ ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ގިނަ ނިންމުންތައް ނިންމުމަށް އޮންނަ އެ އެއްވުން މި މަހުގެ ތެރޭގައި ބާއްވާއިރު، އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ދެމެދުގައި ވަނީ ކޯޅުން ބޮޑުވެފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ދުވަސްވަރު ޑޮލަރު ދޭނެ ކަމަށް ބުނެ އެމްއެމްޕީއާރުސީން ނެގި ފައިސާ އެމްޕީއެލްއަށް ނުލިބިގެން، މިހާތަނަށް ނުދީ ހުރި އަދަދު ދިގު މުއްދަތުގެ ލޯނަކަށް ބަހާލައިގެން ދައްކާ ގޮތަށް އެއްބަސްވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ ފަސް ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ކެޓަގަރީގައި ރާއްޖޭން ލޯ މެޑަލް ހޯދީ އިއްޔެ އެވެ.
- ކުންފުނީގެ މާލީ ހާލަތު ދަށަށް ދިޔުމާ ގުޅިގެން ދެ އަހަރު ދުވަސް ބޯނަސް ނުދީ އޮތުމަށް ފަހު މިދިޔަ އަހަރު ފައިދާވުމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މުވައްޒަފުންނަށް ބޯނަސް ދީފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ކޮމަންވެލްތަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދެވޭ ކަމަށް ދެކެވަޑައިގަންނަވާކަން ހާމަކުރަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ:
އެއްވެސް ގައުމަކަށް މާނައެއް ހުރި އެހީތެރިކަމެއް ދެވޭނެ ހަގީގީ ގާބިލުކަމެއް ކޮމަންވެލްތުގައި މިހައިތަނަކަށް ނެތް،
ދުވަހުގެ ފޮޓޯ

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ފިރިހެން ޓީމު. ރާއްޖޭގެ ގައުމީ ޓީމުން ވަނީ މި މުބާރާތުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައި ގައުމީ ރެކޯޑުތަކެއް ވެސް ގާއިމުކޮށްފައި --- ފޮޓޯ: އެމްއޯސީ













