އެސްޓީއޯ ޓްރެއިނިން އިސްޓިޓިއުޓުގައި ފަށަން ރާވާފައިވާ ޑިޕްލޮމާ އިން ރޭޑިއޯގްރަފީ ކޯހުގެ މައުލޫމާ ދޭން އެސްޓީއޯގެ ޓީމެއް ހުކުރު ދުވަހު ފުވައްމުލައް ސިޓީއަށް ދާނެ ކަމަށް ބުނެފި އެވެ.
ފުޅާދާއިރާއެއްގައި މެޑިކަލް މެޝިނަރީ ފޯރުކޮށްދޭ އެސްޓީއޯއިން ހިންގާ މި ކޯހަކީ ސިއްހީ ދާއިރާގެ ފަންނީ ވަޒީފާތަކަށް ދިވެހިން ބިނާކުރަން އެ ކުންފުނިން ފަށައިގެން އުޅޭ މަސައްކަތެކެވެ. އެގޮތުން އެ ކުންފުނިން ވަނީ މިކަމަށްޓަކައި ހުސްވި އަހަރުގެ ޖުލައި މަހު އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓާއި ޖީއީ ސްކިލް ލެބު ހުޅުވާފަ އެވެ.
މި ޓްރެއިނިން އިސްޓިޓިއުޓުގެ ފުރަތަމަ ބެޗުގެ ދަށުން އެސްޓީއޯ އިން ވަނީ 25 މީހަކަށް ރޭޑިއޯގްރަފީ ކޯސް ހިލޭ ކިޔަވައިދޭން، ވަރަށް އަވަހަށް އެޕްލިކޭޝަންތައް ހުޅުވާލާނެ ކަމަށް ބުނެފަ އެވެ.
މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާ އެލައިޑް ހެލްތު ކައުންސިލުން ގަބޫލުކުރާ ކޯހެކެވެ. ދެ އަހަރާއި ހަ މަސް ދުވަހުގެ މި ކޯހުގައި ބައިވެރިވުމުގެ ޝަރުތަކީ އޭލެވަލް ސައިންސް ސްޓްރީމްގެ ދެ މާއްދައިން ފާސްވެފައި ވުމެވެ.
އޭގެ އިތުރުން ކޯހުގެ މުއްދަތުގައި ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި 2300ރ. ލިބޭނެ އެވެ. އަދި ހޮސްޕިޓަލެއް ނޫނީ ޑައިގްނޯސްޓިކް ސެންޓަރެއްގައި އިންޓާންޝިޕް އަދާކުރާނެ އެވެ. ކޯސް ނިމުމުން ވަޒީފާ ވެސް ޔަގީންވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

މި ކޯހާ ގުޅޭގޮތުން މައުލޫމާތު ދޭން ފުވައްމުލަކުގައި ބާއްވާ ސެޝަން އޮންނާނީ އެ ރަށު ތުނޑީގައި ހުކުރު ދުވަހު މެންދުރު 2:30 އިން ހަވީރު 4:00 އަށެވެ. އަނެއް ސެޝަން އޮންނާނީ މާނޭރު މަގުގައި ހަވީރު 4:30 އިން 5:45 އަށެވެ.













