ރާއްޖޭން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.
ޕްރޮޕޯސަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" އެހެން ލިޔެފަ އެވެ.
މިނިސްޓްރީން ބުނީ އުމުރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯސަލް ފޮތް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ޕްރޮޕޯސަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 9 ވަނަ ދުވަހުން ފެށިގެނެވެ. އަދި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:30 އެ މިނިސްޓްރީގެ ކައުންޓަރުން ސިޓީ އުރަތައް ބަލައިގަންނާނެ އެވެ.

ރާއްޖެއަށް މި ފަހަރު ހައްޖަށް މީހުން ގެންދަން ސައުދީ ސަރުކާރުން ދޫކޮށްފައި ވަނީ 453 މީހުންގެ ކޯޓާއެކެވެ. އޭގެ ތެރެއިން 353 ކޯޓާއަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަންގެ ކިއޫ ތަރުތީބުގައި ހިމެނޭ ފުރަތަމަ 353 މީހުންނަށެވެ. އަނެއް 100 ކޯޓާ އާންމުކޮށް ހުޅުވާލީ އެވެ.
މި އަހަރު ހައްޖުގެ އަޅުކަމަށް މީހުން ފޮނުވަން ހުއްދަ ދިނީ ވެސް ހައްޖު ކޯޕަރޭޝަނަށް އެކަންޏެވެ. އަމިއްލަ ކުންފުނިތަކަށް އެހެން ފަހަރުތަކުގައި ފުރުސަތު ދިނަސް މި ފަހަރު ފުރުސަތެއް ނުދެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މި ފަހަރު އެ ކަމަށް ހުޅުވާލައި ފުރުސަތު ދޭން ވަގުތު ނުލިބޭ ކަމަށެވެ. ކޯޓާ ކަނޑައެޅުމަށް ފަހު ސައުދީ ސަރުކާރުން އެންގީ ހައްޖުގެ އަޅުކަމަށް ގާތްގަނޑަކަށް މަސް ދުވަސް ވެފައިވަނިކޮށެވެ.












