ޖީއެސްޓީ އާއި ޓީޖީއެސްޓީ އިތުރުކުރާށާއި ސަބްސިޑީ ދޭގޮތް ބަދަލުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް މަރުހަބާ ކިޔަމުން އެއީ ކުރިޔަށް އެޅޭ ފިޔަވަޅެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
މިދިޔަ ޖޫން މަހު އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އައިސް ދިވެހި އިގުތިސޯދީ ހާލަތާއި، ތަސައްވުރާއި، ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. މި ދަތުރަށް ފަހު ނެރުނު ނޫސް ބަޔާނުގައި އައިއެމްއެފް އިން ވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމުގެ ފަހަތުގައި، އިގުތިސޯދު ކުރިއަރާ ދުވެލި ބާރުވަމުން އަންނަ ކަން ފާހަގަކޮށްފަ އެވެ.
އެއާ އެކު އެހެން ސިނާއަތްތަކަށް އޭގެ ފައިދާ ކޮށް މި އަހަރުގެ ތެރޭގައި އިގުތިސޯދު 8.7 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކުރި އެވެ. އަދި, އުފުލެމުންދާ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތަކާ ހުރެ އިންފްލޭޝަން 3.1 ޕަސެންޓަށް އިތުރުވާނެ ކަމަށް ފާހަގަކުރި އެވެ.
އެކަމަކު ޓޫރިޒަމްގެ މުހިންމު މާކެޓުތަކުގެ އިގުތިސޯދު ދަށަށް ގޮސް، މާލީ ފިއްތުންތައް އިތުރުވުމުގެ ނުރަނގަޅު އަސަރު އިގުތިސޯދަށް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފްގެ ވަފުދުގެ އިސްމީހަކަށް ހުންނެވި ޓިޑިއާނޭ ކިންޑާއާ ހަވާލާދީ ބަޔާނުގައި ވެ އެވެ.
އިގުތިސޯދު ކުރިއެރި ނަމަވެސް ދަރަންޏާ ހުރެ މާލީ ހިރާސްތައް ގިނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އައިއެމްއެފް އިން އަންދާޒާކުރަނީ އަހަރު ނިމޭއިރު ބަޖެޓު ޑެފިސިޓް ހުންނާނީ 10 ބިލިއަން ރުފިޔާއިން މަތީގައި ކަމަށެވެ.

ސަބަބަކީ ތަރައްގީގެ މަޝްރޫއުތަކަށް ކުރަމުންދާ ހޭދަ އާއި ސަބްސިޑީ ހޭދަ އިތުރުވުމާއި، އިންޓްރެސްޓު ރޭޓު އުފުލުމާއި މުސާރަތައް ރިވިއުކުރުމުގެ (ނޭޝަނަލް ޕޭ ހާމަނައިޒޭޝަން) ސިޔާސަތާ ގުޅިގެން ހަރަދުތައް އިތުރުވުމެވެ.
އޭގެ އިތުރުން ސަރުކާރުން ގެރެންޓީ ދީގެން ސަރުކާރު ކުންފުނިތަކުން ނަގާފައިވާ ދަރަނިތައް އަދާކުރަން ކެޕިޓަލް ކޮންޓްރިބިއުޝަނާއި ސަބްސިޑީގެ ގޮތުގައި ދެމުންދާ މާލީ އެހީއަކީ ހިރާސް ބޮޑުވާ މައިގަނޑު ކަމެއްގެ ގޮތުގައި އައިއެމްއެފް އިން ފާހަގަކުރެ އެވެ. މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ވެސް އައިއެމްއެފް އިން ވަނީ ސަރުކާރު ބަޖެޓުން ހަރަދުނުކޮށް ކުންފުނިތައް ހިންގާނެ ގޮތެއް ހޯދަން ލަފާދީފަ އެވެ.
އައިއެމްއެފްގެ ރިޕޯޓެއްގައި ބުނި ގޮތުގައި އެސްއޯއީތަކުން ދައުލަތަށް ބަރޯސާވަނީ ކަންބޮޑުވާ މިންވަރަށް. އަދި މީގެ ތެރޭގައި ސަބްސިޑީ، ކެޕިޓަލް ކޮންޓްރިބިއުޝަން އަދި ލޯން އެހީ ހިމެނޭއިރު، މިއީ މައި ސަރުކާރުގެ މާލިއްޔަތަށް އަސަރުކުރާނެ ކަންކަން ކަމުގައި ފާހަގަކުރޭ.
ހަމައެހެންމެ އުފުލެމުންދާ އަގުތަކާ ހުރެ، ރިޒާވު ހުސްވުމުގެ ފުރުސަތު ބޮޑުވަމުންދާ ކަމަށާއި މިއާ ވިދިގެން ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށް ވެސް އައިއެމްއެފް އިން ބުންޏެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ މާލީ ބާޒާރުން ބޮޑު އިންޓްރެސްޓުގައި ފައިސާ ނަގަން ޖެހުމުން، އެއީ މި ހާލަތުގައި މާލީ ހިރާސް އިތުރުވާނެ ކަމަކަށް ވާތީ އެވެ.
ދަރަނީގެ މައްސަލައިގައި އިތުރަށް ފާހަގަކުރި ގޮތުގައި، ކޮވިޑު ބަލިމަޑުކަމުގައި ހުރި ވަރަށް ވުރެ މިހާރު ނިސްބަތުން ދަރަނި ކުޑަ ނަމަވެސް، ދަރަނި މެނޭޖުކުރަން ސިޔާސަތަށް އިތުރު ބަދަލުތައް ގެންނަން ޖެހެ އެވެ.
އިސްލާހުކުރަން ހުށަހަޅާ ކަންކަމުގެ ތެރޭގައި އެތެރޭގެ އާމްދަނީ އިތުރުކުރުމާއި ދެކޮޅުޖެހޭ ހަރަދަށް އިސްކަން ދިނުމާއި ބޮޑު އިންޓްރެސްޓް ރޭޓުތަކުގައި ދަރަނި ނެގުން މަޑުޖައްސާލުމުގެ އިތުރުން އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް ދޭގޮތަށް ސަބްސިޑީ ނިޒާމު މުރާޖާކުރުން ހިމެނެ އެވެ.
ސަބްސިޑީ ސިޔާސަތުގެ ބަދަލު ތަފްސީލުކޮށް, ތަންޒީމުކޮށް، ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެ ރައީސް ފާހަގަ ކުރެއްވީ އެއީ ދުޅަހެޔޮ އިގްތިސޯދީ އޮމާން ދުވެލީގެ، ދެމެހެއްޓެނިވި މަގަށް ރާއްޖެ ވާސިލުވުމަށް މިވަގުތު ކޮންމެހެން އުފުލަން ޖެހޭ ބުރައެއް ކަމަށް.
ދަރަނި ނެގުމުގެ ހަރަދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި ސިޔާސަތުތައް ތަންފީޒުކުރެވިއްޖެ ނަމަ ހަރަދު ފޫބައްދަން ހޯދަން ޖެހޭ ފައިސާ މަދުކުރެވި، ރިޒާވަށް ހުރި ނުރަނގަޅު ޕްރެޝަރު ކުޑަކުރެވޭނެ ކަމަށް އައިއެމްއެފް އިން ބުންޏެވެ.
ރާއްޖޭގެ އިންފްލޭޝަން ހުރީ ގާތްގަނޑަކަށް ތިން ޕަސަންޓުގައި ކަމަށާއި، ޓެކްސް ބޮޑު ކުރުމުގެ ސީދާ އަސަރު އިންފްލޭޝަނަށް ކުރާނީ ގިނަވެގެން އެއް ޕަސަންޓު ކަމަށް ލަފާކުރެވޭކަމަށް ފައިނޭންސުން ބުނި.
އެގޮތުން އަންނަ އަހަރުން ފެށިގެން އާންމު މުދަލާއި ހިދުމަތުން ނަގާ ޖީއެސްޓީ 6 އިން 8 ޕަސެންޓަށް ބޮޑު ކުރުމާއި ޓޫރިޒަމް ޖީއެސްޓީ 12 އިން 16 ޕަސެންޓަށް ބޮޑުކުރުމަކީ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރި އެވެ.
ޓެކްސް ބޮޑުކުރުމާއި ޓެކްސް ބޮޑުކުރާކަން އިއުލާނު ކުރުން ވެސް މަޑުޖައްސައިލަން އައިއެމްއެފުން ލަފާދިން އެއް ސަބަބަކީ ރާއްޖޭގައި ތަކެތީގެ އަގުބޮޑުވަމުން ދިއުމެވެ. އެ ޖަމާއަތުން ދެކޭ ގޮތުގައި ޓެކްސް އަށް ބަދަލު ގެންނަ ވާހަކައަކީ ވެސް ތަކެތީގެ އަގުބޮޑުކުރުމަށް ބާރަކަށް ވާނެ އެވެ.
މި ބަޔާނުގައި މި ބަދަލަށް މަރުހަބާކީ ނަމަވެސް މި ޓެކްސްތައް އިތުރުކުރަން ލަފާދިނީ މިހާރު އޮތް އިންފްލޭޝަން މަތިވުމުގެ މައްސަލަ ހަމައަކަށް އެޅުމުން 2024 ހާތަނުގައި ކަމަށް، އައިއެމްއެފް އިން ޓެކްސް ނިޒާމާ ގުޅިގެން ތައްޔާރުކުރި ހާއްސް ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- ޔޯގާއަކީ އިސްލާމްދީނުގައި ހަރާމްކަމެއް ކަމަށް ބުނެ ރާއްޖޭގެ 100 އަށް ވުރެ ގިނަ އިލްމުވެރިން ސޮއިކޮށް ފަތުވާއެއް ނެރުނީ އިއްޔެ އެވެ.
- ތެލުގެ ސަބްސިޑީ "އެންމެ ބޭނުންޖެހުފައިވާ ރައްޔިތުންނަށް" އެކަނި ދިނުމަށް ނިންމައި އެކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި ނަމަވެސް އެ މަސައްކަތުގެ ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނީ އިއްޔެ އެވެ.
- މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި, އެ އަތޮޅެއްގެ ކައުންސިލްގެ ބަޖެޓަށް ޖަމާކޮށްދޭނެ ކަމަށް ބުނިތާ ދެ މަސް ފާއިތުވެގެން ދިޔައިރު ވެސް، އެކަން ކޮށްދީފައި ނުވާތީ ބައެއް އަތޮޅު ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ތެލުގެ ސަބްސިޑީ "އެންމެ ބޭނުންޖެހުފައިވާ ރައްޔިތުންނަށް" އެކަނި ދިނުމަށް ނިންމައި އެކަން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ:
ރައީސް ވިދާޅުވީ މިހާރު ތެލުގެ ސަބްސިޑީ ދޭގޮތް ރީސްޓްރަކްޗާ ކުރާ ވާހަކަ. އެ މެކޭނިޒަމްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އެބަދޭ، ތަފްސީލުތައް ފަހުގެ ތާރީހެއްގައި ހާމަކުރާނެ،
ދުވަހުގެ ފޮޓޯ

ޖުމްހޫރީ މައިދާނުގައި ކުއްޖަކު ކޮތަރުތަކަށް ބަލަހައްޓައިގެން. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ކޮތަރު ދިރިއުޅޭއިރު ކޮންމެ ދުވަހެއްގެ ހަވީރު ވެސް އެތައް ބަޔަކު އެތަނަށް ގޮސް ކޮތަރުތަކަށް ކާންދީ ހަދާ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












