ރާއްޖޭގައި މަސްވެރިންނަށް ގާއިމުކޮށްދީފައިވާ ކަނދުފަތިތަކުގައި ދޯނީގެ ވާ އައްސައިގެން ތިބޭތީ ކަނދުފަތި ކަނޑައިގެންދާތީ އެކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަމަށާއި ވަދު މަސްވެރިކަމަށް އަމާޒްކޮށް ގާއިމްކޮށްފައިވާ ކަނދުފަތީގެ ތެރެއިން ގިނަ ކަނދުފަތިތަކެއް ކަނޑައިގެންގޮސްފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިނަށް އަޅާފައިވާ ކަނދުފަތި ވިޔުގާގައި ހިމެނޭ ބައެއް ކަނދުފަތި ކަނޑައިގެން ދާ އެއް ސަބަބަކީ އުޅަނދުފަހަރު އެ ކަނދުފަތީގައި ވާ އައްސައި ބަނދެގެން ތިބުން ކަމަށެވެ.
އެފަދަ ކަންކަން ނުކުރުމަށް އެ މިނިސްޓްރީން ވަނީ މަސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ. އަދި އެފަދަ ކަންކަން ކުރާ ފަރާތްތައް އިނގޭ ނަމަ އެ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ފިޝަރީޒް މިނިސްޓްރީއަށް އެންގުމަށް ވެސް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުން އަށް ކަނދުފަތި ވަނީ ކެނޑިފަ އެވެ. އެއީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. އުކުޅަސް، ތ. ހިރިލަންދޫ ހިމެނޭ ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތަކެވެ.

އެ ކަނދުފަތިތަކުގެ ތެރެއިން ފަސް ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ކުރުމަށް އެ މިނިސްޓްރީގެ ކަނދުފަތި ޓީމުން މިހާރު ދަތުރު ފަށާފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.
އެ ދަތުރުގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތިތަކުގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. މާފުށި އަދި އއ. އުކުޅަހުގެ ކަނދުފައްޗެވެ. ބާކީ ހުރި ކަނދުފަތިތައް އެޅުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ތައްޔާރުވަމުންދާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.












