ކޮވިޑް-19 ޖެހޭ ކުޑަކުދިން އިތުރުވެ، ފެސިލިޓީއަކަށް ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ކުޑަކުދިން ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ދެއްވީ އިއްޔެ އެވެ.
ޑރ. ފައިސަލް ވިދާޅުވީ ކޮވިޑް ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކުދިންގެ ތެރޭގައި އެއް މަހާއި 13 އަހަރާ ދެމެދުގެ ކުދިން ހިމެނޭ ކަމަށެވެ. އަދި, ކޮވިޑް ޖެހޭ ކުޑަކުދިން ބައިތިއްބަން އެ ހޮސްޕިޓަލުގައި ހާއްސަކޮށްފައިވާ ފަންގިފިލާ ފުރިގެން، ކޮޓަރިތަކަށް އިތުރު އެނދު ވައްދަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނަކީ އިތުރު ބައެއްގެ އެހީތެރިކަން ބޭނުންވާނެ ބަޔަކަށް ވާތީ، ބެލެނިވެރިންނާއެކު ހުރިހާ ވަގުތަކު ތިބެވޭނެހެން އެ ކުދިންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައި ވަނީ ކޮޓަރިތަކެވެ. އެގޮތުނ،ް އައިޖީއެމްއެޗުގައި އެކަމަށް ހާއްސަ ކޮށްފައި ވަނީ އަށް ކޮޓަރި އެވެ.
"އެބަޖެހޭ ރޫމެއްގައި ދެ އެނދު ބަހައްޓައިގެން، ކުދިންނަށް ފަރުވާ ދެމުން، އެހެން ހަދާއިރުވެސް ބެހެއްޓޭނީ 16 އެނދުތާ. އަޅުގަނޑުމެން ބޭނުންވަނީ ކުޑަކުދިން ވީމާ ހޮސްޕިޓަލާ ވީހާވެސް ކައިރީގައި ބައިތިއްބައިގެން ފަރުވާ ދޭން،" މި ނޫހަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވި އެވެ.
ކޮވިޑް ޖެހި، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ ކުދިން އިތުރުވެއްޖެނަމަ ފެސިލިޓީގައި އެ ކުދިން ބައިތިއްބަން ޖެހިދާނެ ކަމަށާއި، އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދނަީ ހަ ކުދިންނަށެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރާ ކުދިންގެ އަދަދަކީ ކޮންމެ ދުވަހަކު ބަދަލުވަމުން އަންނަ އަދަދަކަށް ވާތީ، ކޮޓަރިއެއްގައި ދެ ކުދިން ބައިތިއްބައިގެން ފަރުވާ ދޭންޖެހޭ ދުވަސްތައް ވެސް އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ކޮވިޑް ޖެހުމުން ފަސް އަހަރާއި، ފަސް މަހާ ދެމެދުގެ ކުދިން، ހުމާއެކު ފިޓު ޖެހުން ދިމާވާކަން ފާހަގަކޮށް ޑރ. ފައިސަލް ވިދާޅުވީ އެކުދިންގެ ހާލަތު މޮނިޓަރު ކުރުމަށް އެއް ދުވަހަށް ނަމަވެސް އެޑްމިޓް ކުރަން ޖެހޭ ކަމަށެވެ. ހަމައެއާއެކު، ކުދިންގެ ފަރާތުން ހުމާއި ރޯގާގެ އަލާމާތްތައް ފެނި، ކޮވިޑު ކަމަށް ޝައްކު ކުރެވޭނަމަ ޓެސްޓު ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑް ޖެހޭ ކުދިންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ ހާލަތަށް ދަނީ މަދު ކުދިންނެކެވެ. އެހެންކަމުން، ޑރ. ފައިސަލް ވަނީ ގޭގައި ކުދިންނަށް ފަރުވާ ދޭއިރު، ކުދިންނަށް ގިނަގިނައިން ދިޔާ އެއްޗެހި ދިނުމާއި، ނޭވާ ކުރުވުން ފަދަ އަލާމާތްތަކެއް ފެނޭތޯ ގާތުން މޮނިޓާ ކުރުމުގެ އިތުރަށް ފިޓު ޖެހުންފަދަ ކަމެއްވާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ނިމިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މުޅި ރާއްޖެއިން ކޮވިޑް ޖެހުނީ 417 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 109 މީހުންނާއި އަތޮޅުތެރޭގެ ރަށްރަށުން ޕޮޒިޓިވްވި 210 މީހުންގެ އިތުރުން ސަފާރީތަކާއި ރިސޯޓްފަދަ ތަންތަނުން ޕޮޒިޓިވްވި 98 މީހެކެވެ.
ނިމިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 35 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ.
ބައެއް މުހިންމު ހަބަރުތައް
- ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމުގެ ގަވައިދުގައިވާ ގޮތުގެ މަތީން، ތިމާވެއްޓަށްް އަންނަމުންދާ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މޮނިޓަރިން ރިޕޯޓުތައް މަޝްރޫއާ ހަވާލުވެގެން އުޅޭ ގިނަ ކޮންޓްރެކްޓަރުން ހުށަހަޅަމުން ނުދާތީ، އެންވައިރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ދޫކުރާ ހުއްދަތަކާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދަން ހަނދާންކޮށްދިނީ އިއްޔެ އެވެ.
- ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21، ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ޝެއިހު ފަޒްލޫން މުހައްމަދު ޝަރުތުތަކަކާ އެކު ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކުރީ އިއްޔެ އެވެ.
- އެތެރެހަށީގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު 8.1 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަތީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ހާންޖީ ރެސްޓޯރަންޓުގައި ހިނގި ގަތުލާ ގުޅޭގޮތުން ޝަރީއަތުގައި އެ ތަނުގައި މަސައްކަތްކުރި މުވައްޒަފަކު ބުނީ:
އެމްބިއުލާންސް އައުމުން ޝަމީމް ގެންދިޔައިރު ތިމަންނަ ވެސް ދިޔައިން، ހޮސްޕިޓަލުގައި ވެސް މަޑުކުރިން، ހާލު ސީރިއަސް ކަމަށް އެންމެ ފުރަތަމަ ވެސް ޑޮކްޓަރުން ބުނި، ގެންދިޔަތާ ބައިގަޑިއިރެއްހާ ފަހުން ޑޮކްޓަރުން އައިސް އޭނާ މަރުވި ކަމަށް ބުނި، އަދި އޭނާގެ މޭމައްޗަށް ވެސް ވަޅި ހަރާފައި އޮތް ކަމަށް ޑޮކްޓަރުން ބުނީމަ އެނގުނީ،
ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަދި ކްލަބް އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު 3-1 އިން ކާމިޔާބުކުރީ އީގަލްސް. އީގަލްސް އިން މި މޮޅާ އެކު ވަނީ އެއް މެޗު އިތުރަށް ކުޅެ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ފަސް ޕޮއިންޓަށް ގާތަށް ޖެހިލައިފައި --- ފޮޓޯ: އިމޭޖަސް.އެމްވީ












