ފާހިޝް އަމަލުތައް ހުއްޓުވަން ފިޔަވަޅު ނާޅައި ދޫކޮށް ނުލައްވާނެ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އޭނާއަށް އަމާޒުވެފައިވާ ފާޑުކިއުންތަކަށް ރައްދު ދެއްވީ އިއްޔެ އެވެ.
އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކެއް އާއްމުވުމުން، އެ ވީޑިއޯތަކުން ފެންނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާފައި ނުވާތީ އާއްމުންނާއި ބައެއް ދީނީ އިލްމުވެރިން އަދި ސިޔާސީ ފަރާތްތަކުން ދަނީ އިމްރާނަށް ފާޑުކިޔަމުންނެވެ.
އެ ފާޑުކިއުންތައް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ފަހުން އިއްޔެ ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ ފާހިޝް އަމަލުތައް "ލޯމައްޗަށް ތަކުރާރުވާން ފެށީމާ" ފިޔަވަޅު އެޅުމަކީ އޭނާ ދޫކޮށްލައްވާނެ ކަމެއް ނޫން ކަމަށެވެ. ނުސީދާ ގޮތެއްގައި އޭނާ އެ ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތަކުގެ ވާހަކަ އެވެ. އެއީ އެ އަމަލުތައް ސިފަކުރެއްވި ގޮތުންނެވެ.
"ﷲގެ ކޯފާއަށް ގައުމު ހުށަހެޅޭ ފަދަ ހަޑިމުޑުދާރު އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށީމާ ގާނޫނީ ހަމަތަކުގެ މަތިން އަޅަންވާ ފިޔަވަޅު އެޅުމަކީ އިންޝާއަﷲ އަަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން،" ޓްވީޓްގައި އިމްރާން ވިދާޅުވި އެވެ.
އެއީ ދީނުގެ ހައްދުތައް ނެތިކޮށް، އިޖުތިމާއީ ފޭރާން ވީދާ އަމަލުތަކެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އިމްރާން މިހެން ވިދާޅުވެ ޓްވީޓު ކުރެއްވުމުން އޭނާއަށް ފާޑުކިޔައި، އޭނާގެ ޓްވީޓަށް އެތައް ބަޔަކު ޖަވާބު ވެސް ދިނެވެ. ބައެއް މީހުން ތުހުމަތު ކުރީ އިމްރާން އެގޮތަށް ވާހަކަ ދައްކަވަން ފެއްޓެވީ އިންތިހާބު ކައިރިވާތީ ކަމަށެވެ.
"އަދިވެސް މަގާމު ދޫކޮށް ނުލައްވަމެއްނޫންތޯ" ވެސް ބައެއް މީހުން ސުވާލުކުރި އެވެ.
"އެޅުއްވި ފިޔަވަޅެއް ރައްޔިތުންނަކަށް ފެންނާކަށް ނެތެއްނޫންތޯ" އިމްރާނަށް ޖަވާބު ދެއްވަމުން އިދިކޮޅު ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެކީގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން އިންޓަނޭޝަނަލް ޕްރެސް އިންސްޓިއުޓް (އައިޕީއައި) އިން އެކަން ކުށްވެރިކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ)އާ ހިލާފަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ބުނެ ސ. ހުޅުދޫ ބަނދަރު ހެދުމުގެ ޕްރޮޖެކްޓު އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްޓުވީ އިއްޔެ އެވެ.
- ސްރީލަންކާގެ ޕާލިމެންޓުގައި ބުދަަ ދުވަހުގެ ހެނދުނު ނެގި ވޯޓުން އެ ގައުމުގެ ރައީސް ކަމަށް ރަނިލް ވިކްރަމަސިންހަ އިންތިހާބުވެވަޑައިގަތީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ހަމައެކަނި ތަޖުރިބާއެއް ހޯދުމުގެ ބަދަލުގައި ކުރިއެރުން ހޯދަން ފޯކަސްކޮށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވަމުން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ:
މީގެ އަހަރުތަކެއް ކުރިން، ހަމަ ބައިވެރިވާން، ހަމައެކަނި ތަޖުރިބާއެއް، އެ ތަޖުރިބާއަކުން އަޅުގަނޑުމެން ނުދިޔަ، އެހެންވީމަ މި ހަމައެކަނި ތަޖުރިބާގެ ބަދަލުގައި ކުރިއަށްދާން، ނޫނީ މޮޅުވާން. ނޫނީ މި އަންނަ އަހަރު އޮންނަ ސާފް ގޭމްސް އާއި އައިއޯއައިޖީ ކަހަލަ މުބާރާތްތަކުން އިތުރު ނަތީޖާއެއް ނެރެން ލިބޭ ފުރުސަތަކަށް އަޅުގަނޑުމެން ހަދަން އެބަޖެހޭ،
ދުވަހުގެ ފޮޓޯ

ދެވަނަ ޑިވިޝަނުގައި ރެންޒޯ ސްޕޯޓްސް ކްލަބާ ދެކޮޅަށްް ނިއު ރޭޑިއަންޓް ކުޅުނު މެޗުގެ ތެރެއިން. މި މެޗު 6-0 އިން ކާމިޔާބުކުރީ ނިއު ރޭޑިއަންޓް. މިއީ 1328 ދުވަސް ތެރޭ ނިއު އިން ގަލޮޅު ދަނޑުގައި ރަސްމީ މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރު --- ފޮޓޯ: އިމޭޖަސް.އެމްވީ













