ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅުދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުން ތިބި ކަސްޓޯޑިއަލްއަަށް އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން ޒިޔާރަތްކުރި ކަމަށް އެމީހުންގެ ވަކީލުން ކުރި ތުހުމަތު ފުލުހުން ދޮގުކުރީ އިއްޔެ އެވެ.
މީޑިއާތަކަށް ފުލުހުން އިއްޔެ ފޮނުވި މެސެޖެއްގައި ބުނީ ގަލޮޅުދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ ހައިކޮމިޝަނުގެ އޮފިޝަލުން ވަތް ކަމަށް، ބުނެ ބައެއް ނޫސްތަކުން ގެނައި ހަބަރަކީ ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށެވެ.
"...މިއީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވެ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފުރަތު އުފެދި އިތުބާރު ގެއްލިދާނެ ފަދަ ކަމެއްކަމުގައި ވީ ހިނދު، މިފަދަ ހަބަރުތައް ގެނެސްދިނުމުގައި އިތުބާރު ކުރެެވޭ މަސްދަރަކުން ކަން ޔަގީންކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރަން،" މީޑިއާތަކަށް ފުލުހުން އިއްޔެ ފޮނުވި މެސެޖްގައި ބުންޏެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުން ތިބި ކަސްޓޯޑިއަލްއަށް އިންޑިއާ އޮފިޝަލުން ދިޔަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރީ، އެމީހުންގެ ވަކީލުން އިއްޔެ ކުރެއްވި ތުހުމަތަކާ ގުޅިގެންނެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ވަކީލު އަހުމަދު ރާޣިބު ތުހުމަތުކުރެއްވި ގޮތުގައި ކަސްޓޯޑިއަލްއަށް ދިޔަ އިންޑިއާ އޮފިޝަލުން، ގައިދީންނާ ވާހަކަ ވެސް ދެއްކި އެވެ. އިންޑިއާ އޮފިޝަލުން ގައިދީންނާ ވާހަކަ ދެއްކީ ވަރަށް ހުތުރުބަހުން ކަމަށް ރާޣިބު ތުހުމަތުކުރެއްވި އެވެ.

މައްސަލައިގެ ފަސްފަހަތް
ޖޫން 21 ވީ އަންގާރަ ދުވަހުގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ. މި މައްސަލާގައި މިހާތަނަށް ޖުމުލަ 21 މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- މިދިޔަ ބުރާސްފަތިދުވަހު، ނ. ހެނބަދޫން ގެއްލުނު އިބްރާހީމް ރާމިޒު، 28، ހޯދަން ސިފައިން 7،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާކަން ހާމަކުރީ އިއްޔެ އެވެ.
- ފާއިތުވީ އެއް އަހަރު ތެރޭގައި 800 އަށް ވުރެ ގިނަ މީހުންނަށް ރިހެބިލިޓޭޝަން ފަރުވާ ހޯދަން އަމުރުކޮށްފައިވާ ކަމަށް ޑްރަގް ކޯޓުން ހާމަކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން ހިންގުމަށް ފަހު ހުއްޓާލާފައި ހުންނަތާ އަހަރެއް ވެފައިވާ، އައްްޑޫ ފްލައިން ސްކޫލްގައި ޕައިލަޓުން ތަމްރީނުކުރުމުގެ މަސައްކަތް އަލުން ފެށިކަން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
"ސްޕޭޝަލް ޕްލޭނެއް" ދުރާލައި ހަދާފައި އޮތުމަކީ ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް ހާމަކުރަމުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ:
އެހެންވީމާ ފުރަތަމަ އެންމެ މުހިއްމު ކަމަކީ ހަގީގަތުގައި ރަނގަޅަށް ކަންކަން ކުރަން ބޭނުމިއްޔާ، މުޅި ގައުމު ޕްލޭންކޮށްލަން ޖެހޭނެ. ސްޕޭޝަލް ޕްލޭނެއްގެ ދަށުން. އޭރުން އެނގޭނެ [ތިމާވެށްޓަށް ލިބޭ ގެއްލުންތައް ކުޑަކޮށް] ރިސޯޓްތައް ހަދަންވާ ތަންތަނާއި ހިއްކަންވާ ތަންތަނާއި ނުހިއްކަންވާ ތަންތަނާ، ބޮޑެތި ބަނދަރުތައް ހަދަންވީ ތަންތަނާ އެއާޕޯޓް ހަދަންވީ ތަންތަނާ ހުންނަން ވާނީ އެނގިފައި،
ދުވަހުގެ ފޮޓޯ

ހދ. ކުޅުދުއްފުށީގައި އިއްޔެ ބޭއްވި "މަށިމާލި" ޕެރޭޑުގެ ތެރެއިން. އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް ކުޅުދުއްފުށީ ރައްޔިތުންނަށް ހުރި ދަތިތަކާއި ހިދުމަތްތައް ހޯދުމުގައި ހުރި ގޮންޖެހުންތައް ކިޔައިދޭން ފުޅަނދުތައް ތައްޔާރުކޮށްފައިވޭ --- ފޮޓޯ: ޖައުފަރު އަލީ













