މީހުންނަށް ނޭނގޭ ގޮތަށް "ވަގަށް" ސިޔާސީ ޕާޓީއަކަށް ވައްދާފައިވާ ކޮންމެ ފޯމެއް 10،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައެޅިކަން އިއުލާން ކުރި ފަހުން، އެފަދަ ޝަކުވާތައް ލިބޭ ވަރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ އިއްޔެ އެވެ.
ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމުތައް ހުށަހެޅުމުގެ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ މީހާއަށް ނޭނގި އެ މީހެއްގެ އާންމު މައުލޫމާތު ބޭނުންކޮށްގެން އެ މީހެއްގެ ސޮޔާއެކު ސިޔާސީ ޕާޓީއެއްގެ މެންބާޝިޕް ފޯމު އެބަ ހުށަހަޅަ އެވެ.
މި މައްސަލަ ހައްލު ކުރަން އީސީން މިހާތަނަށް ނިންމާފައި އޮތީ މިފަދަ ކޮންމެ ސައްހަ ނޫން ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައެޅުމަށެވެ. އަދި މިހާތަނަށް އެ ފިޔަވަޅު ތަންފީޒު ކުރަން ނުފެށި ނަމަވެސް އެ ގޮތަށް ނިންމުމާއެކު އެފަދަ ފޯމުތައް މަދުވަމުންދާ ކަމަށް އީސީން ހިއްސާކުރި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި، އީސީން ބެލި ބެލުމުން ފާހަގަވި އިތުރު ކަމަކީ ޖޫރިމަނާގެ އަދަބު ކަނޑައެޅި ފަހުން ލިބެމުން އައި ސައްހަ ނޫން ފޯމުތަކުގެ ޝަކުވާއަކީ ވެސް އެ ނިންމުން ނިންމުމުގެ ކުރިން ފުރާފައިވާ ފޯމުތަކެއް ކަމެވެ.
އިލެކްޝަންސް ކޮމިޝަނުން ގެންދަނީ ސައްހަ ނޫން ފޯމުތަކާ ގުޅިގެން ވަކި ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ނަމަވެސް ޕާޓީތަކުގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރުމުން އެ މަސައްކަތް އަދި ނިމޭ ގޮތެއް ނުވެ އެވެ.

ގިނަ ޕާޓީތަކުން އެދެނީ ޖޫރިމަނާގެ އަދަބު މުރާޖައާކުރަން
އީސީން ނިންމާފައި އޮތީ ކޮންމެ ސައްހަ ނޫން ފޯމަކަށް ޕާޓީ 10،000ރ. އިން ޖޫރިމަނާ ކުރުމުގެ އިތުރަށް ޕާޓީގެ ރަޖިސްޓްރާ ވެސް އެއިން ކޮންމެ ފޯމަކަށް 10،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.
"ބައެއް ޕާޓީތަކުން އެބަ ބުނޭ ރަޖިސްޓްރާއިން ހޯދަން ވެސް ދަތިވަމުންދާ ކަމަށް، އަޅުގަނޑުމެން ނިންމާ ނިންމުމެއްގެ ސަބަބުން ޕާޓީތައް ހިންގުން ހުއްޓުމަކަށް އަންނަ ކަހަލަ ކަމެއް ވުމަކީ އެހާ އެކަށީގެންވާ ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ވެސް ގަބޫލެއް ނުކުރެވޭ،" ފުއާދު އިއްޔެ ވިދާޅުވި އެވެ.
ޕީޕީއެމް ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކުން އެ ނިންމުން މުރާޖައާ ކޮށްދޭން އެދިފައިވާ ކަމަށް ފުއާދު ވިދާޅުވި އެވެ. ޕާޓީތަކުގެ ކަންބޮޑުވުންތައް އެ ގޮތަށް ހިއްސާކުރިއިރު، އިދިކޮޅު މައި ޕާޓީން އޭގައި ވަކި އެއްޗެއް ފާހަގަ ނުކުރާ ކަމަށް ފުއާދު ވިދާޅުވި އެވެ.
"ޕީޕީއެމުން ކުރީގައި ވަރަށް ބޮޑަށް ބޭނުންވި ހަރުކަށި ފިޔަވަޅުތަކެއް އަޅަން، އެކަމަކު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ޕާޓީތަކުން އޭގެ ކަންބޮޑުވުން ފާޅުކުރީމަ އެކަމަކާ ވަކި ދެކޮޅު ހަދާފައެއް ވެސް ނުވޭ، ވަރަށް ބޮޑަށް ސައިލެންޓްކޮށް ތިއްބެވީ،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވި ގޮތުގައި ޖޫރިމަނާގެ އަދަބުގެ އިތުރުން ވެސް ކުރެވިދާނެ ގިނަ ކަންކަމާ ގުޅޭ ގޮތުން ޕާޓީތަކާއި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއާ ވެސް ގިނަ މަޝްވަރާތަކެއް ދަނީ ކުރެވެމުންނެވެ.
އީސީން ގަބޫލު ކުރާ ގޮތުގައި މި މައްސަލަ ބޮޑުވާ އެއް ސަބަބަކީ 10،000 މެންބަރުންނަށް ވުރެ އިތުރަށް މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުން ފައިސާ ދޭން ޖެހޭ ގޮތަށް އުސޫލު އޮތުމެވެ. ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބެލުމުގެ ބަދަލުގައި ވޯޓުގެ އަދަދަށް ބަލައިގެން ފައިސާ ދޭނަމަ މައްސަލަ ހައްލު ވާނެ ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- ގަލޮޅު ރަސްމީ ދަނޑުގައި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުން ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލަށް ކުރަމުން ދަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާގެ ވަކީލުން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- މިދިޔަ ތިން ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގެންފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ކޮވިޑުން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ތެރެއިން ރާއްޖެއިން ގަތީ ކިހާ އަދަދެއްގެ ވެކްސިނެއްކަން ހާމަ ނުކުރާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ސިޔާސީ ޕާޓީތަކުން ހުށަހަޅާ ވަގު ފޯމުގެ މައްސަލައާ ގުޅޭގޮތުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ:
ކުރިން ދުވާލެއްގެ މައްޗަށް އެބަ އާދޭ 50 އެއްހާ ޝަކުވާ، އެކަމަކު މިހާރު ދުވާލަކު ހަތަރު ފަސް ޝަކުވާ ލިބެނީ، ހަރުކަށި އަދަބެއް، ޖޫރިމަނާގެ ނިންމުން ނިންމި ހިސާބުން ފެށިގެން، ވަރަށް ބޮޑަށް ޝަކުވާތައް ލިބޭލެއް މަދު،
ދުވަހުގެ ފޮޓޯ

ކ. ހިންމަފުށިން ފުލުހުން އަތުލައިގަތް ބަނގުރާ ފުޅިތަކެއް ހުރި ކޭސްތަކެއް. އެ ރަށުގެ ކެފޭއެއްގެ ކައިރީގައި ހުރި ގަސްތަކެއް ކައިރި ބަލައި ފާސްކުރިއިރު 71 ފުޅި ބަނގުރާ ހޯދާފައިވޭ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވޭ --- ފޮޓޯ: ޕޮލިސް












