އިސްލާހުނުކޮށް ބިލު ތަސްދީގު ކޮށްފިނަމަ އެމްއެމްސީން ކޯޓަށް ދަނީ

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް މާއްދާއާ ދެކޮޅަށް، މަޖިލީހުގެ ކައިރީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ. -ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް އޮތް މާއްދާއާ ދެކޮޅަށް، މަޖިލީހުގެ ކައިރީގައި ނޫސްވެރިން އިހުތިޖާޖުކުރަނީ. -ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލުގެ މާއްދާ އިސްލާހުނުކޮށް، އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިނަމަ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މިއަދު ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި ބިލުގެ ބޭނުމެއް ކަމަށް ބުނެފައި އޮތީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ހެއްކާ ބެހޭ ބިލު މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުން ފާސްކުރިއިރު، ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިވާ ގޮތަށް މާއްދާއެއް އެބަ އޮތެވެ. ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފަ އެވެ.

މިހާރު ބިލް ފާސްކޮށްފައި އޮތް ގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ކޯޓަށް ނޫސްވެރިޔާގެ މައްޗަށް އަމުރު ކުރެވިދާނެ އެވެ. ގައުމީ ސަލާމަތަކީ, އެއްވެސް ގާނޫނެއްގައި މާނަކޮށްފައިނުވާ ވަރަށް ފުޅާ ގޮތެއްގައި ދޫކޮށްލާފައިވާ ކަމެއްކަމުން, އެކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ވަރަށް ބޮޑަށް އެބަ އޮތެވެ.

އެމްއެމްސީން މިއަދު ބޭއްވި އެ ތަނުގެ 38 ވަނަ ޖަލްސާއިން ނިންމާފައިވަނީ، ހެއްކާ ބެހޭ ގާނޫނު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި ނަމަ، އެ ގާނޫނުގެ 136 ވަނަ މާއްދާ ބާތިލު ކުރަން، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ.

އެމްއެމްސީ އިން އެދިފައިވަނީ އެ ގާނޫނު އަލުން އިސްލާހު ކުުރުމަށް މަޖިލީހަށް ބިލް އަނބުރާ ފޮނުވާލުމަށެވެ.

އެމްއެމްސީން ކޯޓަށް ދާން ނިންމާފައި ވާއިރު އެ ބިލު ތަސްދީގު ނުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން ރައީސް ސޯލިހަށް މިއަދު ވަނީ ގޮވާލާފަ އެވެ.

މީގެކުރިން އެމްޖޭއޭ އާއި އެމްއެމްސީ އިން ވަނީ އެ މާއްދާ އެއްކޮށް އުނިކޮށް ދިނުމަށް ޖުޑިޝަރީ ކޮމިޓީގައި އެދިފަ އެވެ. ނަމަވެސް, ކޮމިޓީން އެ ހުށަހެޅުން ބަލައިނުގަނެ, މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުކޮށް އެއަށް ކޮމެންޓް ކުރުމަށް އެމްޖޭއޭ އަދި އެމްއެމްސީއަށް ފޮނުވާފައިވެ އެވެ.

މަސްދަރު ހާމަކުރުމުގެ މާއްދާ ކޮމިޓީން މިހާރު ޑްރާފްޓް ކޮށްފައި އޮތް ގޮތް ވެސް ބަދަލުކޮށް, މަސްދަރު ހާމަކުރުން އެންގުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއްކަން ޔަގީންކުރުމަށް އެމްޖޭއޭއިން ވަނީ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފަ އެވެ. މިފަދަ ކަރުދާހެއް އެމްއެމްސީން ވެސް މަޖިލީހަށް ހުށަހެޅި އެވެ.

އެގޮތުން, ޓެރަރިޒަމްގެ ވަކި ހާއްސަ ކުށްތަކަކާ ގުޅޭ މަސްދަރެއް ނޫނީ ހާމަކުރަން ނޭންގޭނެ ގޮތަށް އިސްލާހު ކުރުމާއި އެ ހާލަތުގައި ވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވިގެން މެނުވީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަކަށް އެންގިގެން ނުވާނެކަމުގެ ޔަގީންކަން ބިލުގައި ހިމެނުމަށް އެމްޖޭއޭގެ ހިޔާލު ކަރުދާހުގައި ހިމަނާފައިވެ އެވެ.

ނަމަވެސް, އެ ހިޔާލު ކަރުދާސް މަޖިލީހަށް ފޮނުވުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީން ވަނީ ހެއްކާ ބެހޭ ބިލް އެއްކޮށް ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox