ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އުދައިގެ އަސަރު 34 ރަށަކަށްކޮށް، 451 ގެއަކަށް ގެއްލުންވެފައިވާކަން ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރީ އިއްޔެ އެވެ.
އެންޑީއެމްއޭއިން އިއްޔެ ބުނީ، 11 އަތޮޅެއްގެ 34 ރަށަށް އުދައިގެ އަސަރު އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެގޮތުން، 451 ގެއަކަށް އުދައިގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ރަށްތަކުގެ ކައުންސިލްތަކުން ދަނީ ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
ގެތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައެއް އާއިލާތަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ. އެންޑީއެމްއޭއިން ބުނީ މިވަގުތު ތިން ރަށަކުން ހަ އާއިލާއެއް ވަގުތީ ބޯހިޔާވަހިކަމުގައި އެބަތިބި ކަމަށެވެ. ހަމައެއާއެކު އިޖާބަ ދިނުމަށް ބޭނުންވާ ތަކެއްޗާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިންނާ ކައުންސިލް އިދާރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.
އުދަ އެރި ރަށްތަކުގެ ތެރެއިން، ހާލުގައި ޖެހުމުގެ ސަބަބުން އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުންދަނީ އައްޑުއާއި، ތ. ތިމަރަފުއްޓާއި، ގދ. މަޑަވެއްޔެވެ. މަޑަވެލީގެ ހަތަރު އާއިލާއެއް، ތިމަރަފުށީގެ އެއް އާއިލާ އަދި އައްޑޫގެ އެއް އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ އިއްޔެއިން ފެށިގެންނެވެ.
އުދައިގެ އަސަރު ގދ، ރަތަފަންދޫ 110 ގެއަކަށް ކޮށްފައިވާއިރު، ތ. މަޑިފުށީގެ 60 ގެއަށް، ތ. ކިނބިދޫގެ 58 ގެއަށް އަދި އައްޑޫ ސިޓީ މަރަދޫއާއި މަރަދޫފޭދޫގެ 80 ގެއަކަށް ވަނީ ކޮށްފަ އެވެ.

ރާއްޖޭގެ ގިނަ ރަށްތަކަށް އުދައިގެ އަސަރު ކުރަމުންދާއިރު، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ގިނަ ރަށްރަށުގައި އެކަށީގެންވާ ވަސީލަތްތައް ނެތެވެ.
އުދަ އެރުން ބޮޑުވެ މަޑަވެއްޔާއި ހޯޑެއްދޫގެ ކޯޒްވޭ ކަނޑާލުން
ގދ. މަޑަވެއްޔާއި ގދ. ހޯޑެއްދޫ ގުޅާލުމަށް ހަދާފައިވާ ކޯޒްވޭ އުދަ އެރުން ބޮޑުވެ އަނެއްކާވެސް ކަނޑާލީ އިއްޔެ އެވެ.
މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ވަނީ މި ކޯޒްވޭ ކަނޑާލާފަ އެވެ. ފުރަތަމަ ކަނޑާލީ 2018 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ކޯޒްވޭ ކަނޑާލީ މިދިޔަ އަހަރު އޮގަސްޓް މަހު އެވެ.
އެ ދެފަހަރު ވެސް އެ ކޯޒްވޭ ކަނޑާލާފައި ވަނީ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކުނިކުމެ އެ ކޯޒްވޭގެ ސަބަބުން ހޯޑެއްދޫއަށް ރާޅު އަރައި ގެއްލުންވަމުންދާތީ ކަމަށް ބުނެ އެވެ. އަދި ތިމާވެއްޓަށް ބޮޑެތި ގެއްލުން ލިބޭ ކަމަށް ބުނެ އެވެ.
މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން އިއްޔެ "އަދަދު" އަށް ވިދާޅުވީ ދެ ރަށް ގުޅާލުމަށް އަޅާފައިވާ ކޯޒްވޭގެ މަޑަވެއްޔާ ދިމާލުން ކަނޑާލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފިޔާޒް ވިދާޅުވީ އެކަން ކުރީ ކޮން ބަޔަކުކަން އަދި އެނގިފައި ނުވާ ކަމަށާއި ނަމަވެސް އެގޮތަށް އެތަން ކަނޑާލީ، އުދަ އަރާ ލިބޭ ގެއްލުން ބޮޑު ކަމުން ކަމަށް ވެދާނެ ކަމަށެވެ.
"ކޯޒްވޭ އަޅާފަ އިންނަނީ ރަށް ހިމާޔަތް ކުރުމުގެ ބޭނުމުގައި. ކޯޒްވޭއިނަސް ފެން ދައުރުވާލެއް ކުޑަކަމުން ދެ ރަށަށްވެސް ރާޅު އެރުން ކުޑަ ކުރުމަށް ކަމަށް އެ ކަނޑާލަނީ. އަޅުގަނޑަށް ލަފާކުރެވެނީ. އޭގެ ސަބަބުން ރަށަށް ރާޅުއެޅުންފަދަ ގެއްލުންތައް ލިބިދާނެ ކަމަށް ކަންނޭނގެ އެއީ،" ފިޔާޒް ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ގޭންގަކުން މިދިޔަ މަހު އެ ސިޓީގައި މަރާލި މުހައްމަދު ޒަޔާން، 21، ގެ މަރުގެ ތަހުގީގަށް ނުފޫޒު ފޯރުވަމުންދާކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކުރީ އިއްޔެ އެވެ.
- ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލަ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހުޅުމާލޭގައި ބިނާކުރި "މަސްޖިދު ރަޝީދު" ރަސްމީކޮށް ހުޅުވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރުމަށް އިސް ދައުރެއް އަދާކުރެއްވި ޖޯޖް ކޯބިން، އެމެރިކާ އިން ރާއްޖެއަށް ޓޫރިސްޓުން ގެނައުމާ ގުޅޭގޮތުން އިއްޔެ "އަދަދު" އަށް ވިދާޅުވީ:
މަސް ބާނާ 60 މިލިއަށް މީހުން، ހަތަރު މިލިއަން ޑައިވަރުން އެމެރިކާގައި އެބަތިބި، އެމީހުން ރާއްޖެ ގެނެވޭނެ، އެކަން ކުރެވޭނީ ގުޅިގެން މަސައްކަތެއް ކޮށްގެން، އެކަމުގެ ތަޖުރިބާ އަހަރެންގެ އެބަހުރި، އަހަރެން މިހުރީ އެކަން ކޮށްދޭން ބޭނުންވެފައި،
ދުވަހުގެ ފޮޓޯ

ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރި "މަސްޖިދު ރަޝީދު" މިސްކިތް. އަމީން އެވެނިއު ފަހަތުން އޮންނަ މަގުގައި ހުންނަ ތިން ފްލޯގެ މި މިސްކިތުގައި އެއްފަހަރާ 1،200 މީހުންނަށް ނަމާދު ކުރެވޭނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












