ރިޕޯޓުބައިޑެން މެދުއިރުމައްޗަށް: އިޒްރޭލާއި ސައުދީން ގުޅުން ގާއިމް ކުރުމުގެ މަލަމަތި؟

ބައިޑެން މެދުއިރުމައްޗަށް: އިޒްރޭލާއި ސައުދީން ގުޅުން ގާއިމް ކުރުމުގެ މަލަމަތި؟

ބައިޑެންގެ ދަަތުރާ ދިމާކޮށް، މެދުއިރުމަތީގެ އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމްކުރަން ފިޔަވަޅުތަކެއް އަޅާނެކަމުގެ އިޝާރާތެއް އެމެރިކާގެ އޮފިޝަލުން ވަނީ ދީފަ. ބައިޑެންގެ މި ދަަތުރުން ފެންނަނީ އިޒްރޭލާއި ސައުދީ އަރބިއްޔާއާ ގުޅުން ގާއިމްކުރުމުގެ މަލަމަތި ހެއްޔެވެ؟

އެމެރިކާގެ ރައީސް ބައިޑެން -- ފޮޓޯ:އޭއެފްޕީ
އެމެރިކާގެ ރައީސް ބައިޑެން -- ފޮޓޯ:އޭއެފްޕީ

މި ފެށުނު ޖުލައި މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބަައިޑެން މެދުއިރުމައްޗަަށް ކުރައްވާ ފުރަތަމަ ދަތުރު އޮންނާނެ އެވެ. އެ ދަތުރުގެ ތެރެއިން ވަޑައިގަންނަވާނީ ސައުދީ އަރަބިއްޔާ އާއި އިޒްރޭލް އަދި ހުޅަނގު އައްސޭރި އަށެވެ.

ދަަތުރާ ދިމާކޮށް، މެދުއިރުމަތީގެ އިތުރު އަރަބި ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމްކުރަން ފިޔަވަޅުތަކެށް އަޅާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ އޮފިޝަލުން ވަނީ ދީފަ އެވެ. ބައިޑެންގެ މި ދަަތުރުން ފެންނަނީ އިޒްރޭލާއި ސައުދީ އަރބިއްޔާއާ ގުޅުން ގާއިމްކުރުމުގެ މަލަމަތި ހެއްޔެވެ؟

ހާރިޖީ ގުޅުންތަކުގެ ތަޖުރިބާކާރުންގެ ނަޒަރު މި ވަގުތު ހުއްޓިފައި އޮތް އެންމެ ބޮޑު އެއް މަައުލޫއަކީ މިއެވެ.

ދެހާސް އަަށާރަ ވަނަ އަހަރު ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީ މަރާލައި ފޮތިފޮތިކޮށްލި ހާދިސާއާ ގުޅިގެން ބައިޑެން ވިދާޅުވެފައި ވަނީ ސައުދީ އަރަބިއްޔާއަކީ ބައިނަލްއަަގްވާމީ މުޖުތަމައުއާ "އެކަހެރިވެގަނެގެން އުޅޭ" ދައުލަތެއް ކަމަށެވެ. އަދި ސައުދީއާ ދުރު ހާރިޖީ ސިޔާސަތަކަށް ވައުދުވެވަޑައިގެންނެވި އެވެ.

titledesc

އެހެންކަމުން ސައުދީއަށް ދަތުރު ކުރަން ނިންމެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ބައިޑެންއަށް ވަނީ އަމާޒުވެފަ އެވެ. މި ދަތުރުގެ ތެރެއިން ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރަަން ސައުދީން އެއްބަަސްވުމަކީ ނާދިރު ކަމެއް ނަމަވެސް، މިއީ ފެށުމެއް ކަމަށް އެނެލިސްޓުން ދެކެ އެވެ.

މިހާރު ތަހުތުގައި އިންނެވި އުމުރުފުޅުން 86 އަހަރުގެ ރަސްގެފާނު ސަލްމާންގެ ރަސްމީ ސިޔާސަތަކީ އިޒްރޭލުން ވެރިކޮށްގެން އުޅޭ ފަލަސްތީނުގެ ބިންތަކުން ފައިބަންދެން ސުލްހައަަށް އެއްބަަސްނުވުމެވެ. އަދި ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަަންނަށް ޑިމާންޑް ކުރެ އެވެ.

އިޒްރޭލާއި ސައުދީ އަރަބިއްޔާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާ ކުރަން އެމެރިކާއިން ވިސްނަމުންދާ އިރު، ބައިޑެންގެ ދަތުރުގެ އެޖެންޑާގައި ދެން ހިމެނެނީ ތެލުގެ ވާހަކަ އެވެ. ސައުދީ އަރަބިއްޔާއަކީ ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމެވެ. ބައިޑެންގެ ލަނޑުދަނޑިއަކީ ތެލުގެ އެކްސްޕޯޓް އިތުރު ކުރަން ބާރު އެޅުމެވެ.

އިޒްރޭލާއި ސައުދީގެ ގުޅުން ރަނގަޅުވުމުގެ ނިޝާންތައް

ސައުދީ ވަލީ އަހުދު އަމީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެފައި ވަނީ އިޒްރޭލަކީ "އެކުވެރިއަކަށްވުމުގެ ފުރުސަތު އޮތް ގައުމެއް" ކަމަށާއި "ދެ ގަައުމަށް އެކުގައި ގިނަ ކަންކަން ހާސިލް ކުރެވިދާނެ" ކަމަށެވެ. އެގޮތަށް ވިދާޅުވީ މިދިޔަ މާޗް މަހު ދަ އެޓްލާންޓިކަަށް ދެއްވި އިންޓައިވުގަ އެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ އިޒްރޭލާއި ފަލަސްތީނާ ދެމެދު އޮތް ހަމަނުޖެހުން ނިމުމަކަށް އައުން. -- އެމެރިކާގެ މަޖައްލާ ދަ އެޓްލާންޓިކްއަށް ވަލީ އަހުދު ވިދާޅުވި.

"އިޒްރޭލަކީ ދުޝްމަނެއްގެ ގޮތުގައި އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެން ދެކެނީ އެއީ އެކުވެރިއަކަށް ވުމުގެ ފުރުސަތު އޮތް ގައުމެއް ކަމަށް... އެކަމަކު އެ ހިސާބަށް ދިޔުމުގެ ކުރިން ބައެއް މައްސަލަތައް ހައްލު ކުރަން ޖެހޭނެ."

ސައުދީ އަރަބިއްޔާ އާއި އިޒްރޭލާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނެތް ނަމަވެސް ގަލްފު ސަރަހައްދުގައި ސައުދީ އަރަބިއްޔާއާ އެންމެ އެކުވެރި ބަހްރެއިން އަދި ޔޫއޭއީން ވަނީ 2020 ވަނަ އަހަރު އިޒްރޭލާ އެކު ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފަ އެވެ. ނަމަވެސް އެކަމާ މެދު ސަައުދީއިން ހިތްހަމަނުޖެހުން ފާޅެއް ނުކުރެ އެވެ.

ސައުދީ އަރަބިއްޔާއިން އަބަދުވެސް ބުނަމުން ދަނީ އަރަބި ލީގުގެ ވިސްނުމަކީ ފަލަސްތީނާ އެކު އޮތް ހަމަނުޖެހުން ހައްލު ނުވަނީސް އިޒްރޭލާ ގުޅުން ގާއިމް ނުކުރުން ކަމަށާއި އެ ގައުމުން އަމަލު ކުރާނީ އެ ވިސްނުމާ އެއް ގޮތަށް ކަމަށެވެ.

ނަމަވެސް ސައުދީގެ ރަސްގެފާން ސަލްމާނާއި ވަލީ އަހުދު މުހައްމަދުގެ ވިސްނުން ކޮންމެވެސް ވަރަކަށް ތަފާތުކަން ފާހަގަކުރެވެ އެވެ. އެގޮތުން ވަލީ އަހުދު ވަނީ އިޒްރޭލުގެ ކޮމާޝަލް ވައިގެ އުޅަނދުތައް ސައުދީގެ ސަރަހައްދުން ދަތުރު ކުރުމުގެ ހުއްދަ ދެއްވާފަ އެވެ.

titledesc

އޭގެ އިތުރުން ނޮވެމްބަރު 2020 ވަނަ އަހަރު އިޒްރޭލުގެ ކުރީގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ސައުދީ އަރަބިއްޔާއަށް ސިއްރު ދަތުރެއް ކުރެއްވި ކަމަށް ވެސް ރިޕޯޓުތައް ފެތުރުނެވެ. ނަމަވެސް ނަތަންޔާހޫ އާއީ ވަލީ އަހުދާ ދެމެދު ބައްދަލުވުމެއް ނުބާއްވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެ އެވެ.

ބައިޑެންގެ ދަތުރުގައި ސީދާ އިޒްރޭލުން ވަޑަައިގަންނަވާނީ ސައުދީ އަަރަބިއްޔާ އަށެވެ. އެހެންކަމުން ބައިޑެން ވެވަޑައިގންނަވާނީ އިޒްރޭލުން، އެ ގައުމު ބަލައިނުގަންނަ އަރަބި ގައުމަކަށް ސީދާ ދަަތުރު ކުރައްވާ ފުރަތަމަ އެމެރިކާގެ ރަައީސަަށެވެ.

ސައުދީ އަަރަބިއްޔާގެ ސޯޝަލް މީޑިއާ އޮންނަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ފަހަަކަށް އައިސް އިޒްރޭލާ އެކު ގުޅުން ގާއިމް ކުރަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނަ ކަމަށް އެނެލިސްޓުން ބުނެ އެވެ.

ސަރަހަައްދީ ގުޅުންތަކަަށް ހާއްސަ އިޒްރޭލްގެ މިނިސްޓަރު އީސާވީ ފްރެޖް ޖޫން މަހު ސައުދީގެ އަރަބް ނިއުސްއަށް ވިދާޅުވީ އިޒްރޭލް-ފަލަސްތީން މައްސަލައިގެ ހައްލަށް ސައުދީ މުހިންމު ކަމަށެވެ.

މިދިޔ މަހު އެކްސިއޯސް ނޫހުން ރިޕޯޓު ކުރި ގޮތުގައި އިޒްރޭލާއި ސައުދީ އަރަބިއްޔާގެ ގުޅުން ގާއިމް ކުރުމަށް ހާއްސަ މަގުޗާާޓެއްގެ މަސައްކަތް އެމެރިކާއިން ދަނީ ކުރަަމުންނެވެ. ވޯލް ސްޓްރީޓް ޖާނަަލް ނޫހުން ވެސް ބުނީ ސައުދީ އާއި އިޒްރޭލުން ސިއްރުން އިގްތިސާދާއި ސަަލާާމަތާ ގުޅޭ މަޝްވަރާތަކެއް ފަށާފައިވާ ކަމަށެވެ.

ސައުދީ އާއި އެމެރިކާ އަދި އިޒްރޭލުގެ މަސްލަހަތު

ބައެއް އެނެލިސްޓުން ދެކޭ ގޮތުގައި ސައުދީން އިޒްރޭލާ އެކު ގުޅުން ބާއްވައިފި ނަމަ ހުޅަނގުގެ ގައުމުތަކުން ސައުދީ އަރަބިއްޔާ މިހާރަށް ވުރެ ބޮޑަށް ބަލައިގަންނާނެ އެވެ. އަދި އެއީ ސައުދީ ވަލީ އަހުދަށް މުހިއްމު ކަމެއްގެ ގޮތުގައި އެނެލިސްޓުން ސިފަކުރެ އެވެ.

"ހުޅަނގުގެ ރައްޔިތުންނާއި ޕާލިމެންޓްތަކުން ސައުދީ ރަސްކަން ބަލައިގަނެ، މިހާރަށް ވުރެ ބޮޑު ރޯލެއް ދީ، ވަލީ އަހުދަށް އިތުރު ދޮރުތައް ހުޅުވޭނެ،" ކާނެޖީ އެންޑަައުމަަންޓް ފޯ އިންޓަނޭޝަަނަލް ޕީސްގެ ޔަސްމީން ފަރޫކް ވިދާޅުވި އެވެ.

އިޒްރޭލުން އެކަން ބޭނުން ވާނީ އެހެން އަރަބި އަދި މުސްލިމް ގައުމުތަކާ އެކު ވިޔަފާރި އާއި ސަލާމަތީ ގުޅުންތައް ގާއިމްކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދޅުވި އެވެ.

މެދުއިރުމަތީގައި އިޒްރޭލާއި ސައުދީ އަދި އެމެރިކާގެ ވެސް ދުޝްމަނަކީ އިރާނެވެ. އެހެންކަމުން "ދުޝްމަނުގެ ދުޝްމަނަކީ އެކުވެރިއެއް" ކަމަށް އެ ތިން ގައުމުން ދެކޭ ހާލަތެއް އެބަ އޮތް ކަމަށް އެނެލިސްޓުން ގަަބޫލުކުރެ އެވެ.

އެމެރިކާގެ ކުރީގެ ރަައީސް ބަރަކް އޮބާމާގެ ސަރުކާރުގައި އިޒްރޭލްގެ ސަފީރަކަށް ހުންނެވި ޑޭން ޝެޕީރޯ ވިދާޅުވީ ބައިޑެންގެ ދަތުރުން "މުހިއްމު ފިޔަވަޅުތަކެއް ކުރިއަށް އެޅޭނެ" ކަމަށެވެ. ނަމަވެސް "ފުލް ނޯމަލައިޒޭޝަން" ނުގެނެވޭނެ ކަމަށާާއި މަގުޗާޓުގެ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެނެލިސްޓުން ދެކޭ ގޮތުގައި "ފުލް ނޯމަލައިޒޭޝަން" ނުވަތަ ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރަން އުނދަގޫ ވަނީ ރަސްގެފާނު ސަލްމާން ދުނިޔޭގައި ހުންނެވުމުންނެވެ. ރައިސް ޔުނިވާސިޓީގެ ބޭކާ އިންސްޓިޓިއުޓްގެ ކްރިސްޓިއަން އުލްރިޗްސެން ވިދާޅުވީ "ޑިޕްލޮމެޓިކް ގުޅުން" ގާއިމް ކުރެވޭނީ ވަލީ އަހުދު ރަސްކަމަށް ވަޑއިގެންނެވުމުން ކަމަށެވެ.

ފާތިމަތު ސާޔާ އަހުމަދު

ސީނިއާ ޖާނަލިސްޓް

ފާތިމަތު ސާޔާ އަހުމަދަކީ ނޫސްވެރިކަމުގައި 10 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިނގިރޭސި އެޑިޝަން އާއި ފޮރިން ޑެސްކުގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި "ޕީއެސްއެމް" އާއި "މޯލްޑިވްސް އިންޑިޕެންޑެންޓް" އަދި "ސީއެންއެމް" ހިމެނެ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox