އަންނަ ޖުލައި މަސް ނިމޭއިރު، ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި، ތެޔޮ އަދި ބޭހުގެ ސަޕްލައި ފަސް މަސް ދުވަހަށް ބޭނުންވާ ވަރަށް ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިއްޔެ އެވެ.
ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކާޑާއި، ތެޔޮ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭ އަދަދު ލިޔުމުން ހޯއްދަވަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
"[ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ] 130 މިލިއަން ޑޮލަރުގެ އިތުރުން މި ދެ މަހުގެ ބަޖެޓް ކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. މާލީ ކަންކަން މި ދެންނެވި މަގުގައި ހުރި އިރު، ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ، ތެލުގެ އަދި ބޭހުގެ ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ،" އީވާ ކުރެއްވި ސުވާލުގައި ވިދާޅުވި އެވެ.
މި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި އަމީރު އިއްޔެ ވިދާޅުވީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް މެނޭޖުކުރުމާއި ބެލެހެއްޓުން ގާނޫނީ ގޮތުން ހަވާލުކުރެވިފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ކަމަށެވެ. އަދި އެ އަދަދަކީ ޝާއިއު ކުރާ އަދަދެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
"ނަމަވެސް ލިބެން ހުރި މައުލޫމާތަށް ބަލައި މި މިނިސްޓްރީއަށް އަންދާޒާ ކުރެވޭ ގޮތުގައި 2022 ގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކާޑާއި ތެލާއި ބޭހުގެ އިމްޕޯޓުގެ ގާތްގަނޑަަކަށް ފަސް މަސް ދުވަހުގެ ޔޫސަބަލް ރިޒާވް ހުންނާނެ،" އަމީރު ވިދާޅުވި އެވެ.

ޔޫސަބަލް ރިޒާވާ ގުޅޭ އިތުރު ތަފްސީލް ބޭނުންވާ ނަމަ އެމްއެމްއޭ މެދުވެރިކޮށް އެކަން ކުރިއަށް ގެންދިއުމަށް އެ ސިޓީގައި އަމީރު އެދިވަޑައިގެންނެވި އެވެ.
މާލީ ހާލަތާ މެދު ކަންބޮޑުވުން
ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލިއްޔަތުކަމުގެ ބަހުސް ފެށުނީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ޖޭޕީމޯގަން ޗޭސްއިން އިންވެސްޓަރުންނަށް ފޮނުވި ނޯޓެއްގައި ރާއްޖެ ހިމެނޭގޮތަށް އަށް ގައުމެއްގެ ފޮރިން ރިޒާވު އަންނަ އަހަރުގެ ނިޔަލަށް ހުސްވެ، ޑީފޯލްޓް ވެދާނެ ކަމަށް ބުނުމާ ގުޅިގެނެވެ.
އެކަމާ ގުޅުވައި އިދިކޮޅުން އިސްވެ ދަނީ އެކަމުގެ ކަންބޮޑުވުން ކެނޑެނޭޅި ފާޅުކުރަމުންނެވެ. އެކަމާ ގުޅުވައި، ރިޒާވް ހުސްނުވެ، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދަނީ ތަކުރާރުކޮށް ދެމުންނެވެ.
ނަމަވެސް، ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަންދާޒާ ނުކުރެވޭ މިންވަރަށް އިތުރުވަމުން އަންނަ ކަމަށް ބުނެ، ހަރަދު ކުޑަކުރުމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ.
މިގޮތުން، ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި، މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ނުފަށަން ވަނީ އަންގައިފަ އެވެ.
އަދި މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި، ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.
ބައެއް މުހިންމު ހަބަރުތައް
ފާއިތުވި ހަފްތާތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އައި ކަމުގައިވީ ނަމަވެސް، ލޮކްޑައުން ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އިއްޔެ އެވެ.
- އޯވަޑްރާފްޓުގެ ގޮތުގައި ބޭންކުން ދޫކުރާ ފައިސާއަކީ އެކައުންޓުގެ ވެރިފަރާތަށް ބޭންކުން ދޫކުރާ ލޯނެއް ކަމަށާއި އަދި, އެ ފައިސާ އަނބުރާ ދެއްކުމަކީ އެކައުންޓުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށް ހައިކޯޓުން ކަނޑައެޅީ އިއްޔެ އެވެ.
- އެހެން ގައުމެއްގެ ރައްޔިތަކަށްވީތީ ދިވެހިރާއްޖެއިން ބޭރު ކުރުމަށް ގޮވައި، އެފަދަ ބަސްތައް ސޯޝަލް މީޑިއާގައި ވެސް ލިޔުމަކީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ކޮވިޑް-19 ގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދާތީ އަލުން ލޮކްޑައުނަކަށް ގޮސްދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ:
ކޮރޯނާ ވައިރަސް ކަންތަކުގައި ލޮކްޑައުން ހަދާކަށް އަޅުގަނޑުމެން ގަސްތުކޮށްފައެއް ނުވޭ އެއްގޮތަކަށް ވެސް، އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ނޫން އެއްގޮތަކަށް ވެސް،
ދުވަހުގެ ފޮޓޯ

އަންނަ ޖުލައި މަހުގެ ފަހުކޮޅު ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވް ޕްރޯ 2022" ބައިނަލްއަގްވާމީ ބޮޑީބޯޑިން މުބާރާތުގެ ލޯގޯ ސްޕޯޓްސް މިނިސްޓަރު މަހްލޫފް އަދި ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ދައްކާލަނީ. މިއީ ރާއްޖޭގައި ރާއްޖެ އަދި އޭޝިއާގައި ވެސް ބާއްވާ ބޮޑީބޯޑިން ވޯލްޑް ޓުއާގެ ފުރަތަމަ މުބާރާތް --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












