ސޯޝަލް މީޑިއާގައި ލީކުކޮށްލި ބަރަހަނާ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުން އަންނަ މައްސަލަ ތަހުގީގު ކުރުމަށް އިންޑިއާގެ ސީބީއައިގެ ޓީމެއް ރާއްޖެ އައި ކަމަށް ދެކެވޭ ވާހަކަަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ބައެއް ސިޔާސީ މީހުންނާއި އެހެންވެސް ކަމުވޮށިގެންވާ މީހުން ބްލެކްމެއިލް ކުރަމުން އަންނަ މައްސަލައެއް މިދިޔަ މާޗް މަހުން ފެށިގެން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
"ލީކުވި ވީޑިއޯތަކާއި އެއާ ގުޅުންހުރި ބްލެކްމެއިލްގެ މައްސަލަތަައް ތަހުގީގު ކުރުމުގައި ރާއްޖެއިން ބޭރު ގައުމެއްގެ ތަހުގީގު ޓީމެއްގެ ބައިވެރިވުމެއް ނެތް. މި މައްސަލަތައް ތަހުގީގު ކުރަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން،" އެކަމާ ގުޅިގެން ފުލުހުން މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
ފުލުހުން މިހެން ބުނެފައިމި ވަނީ، މި މައްސަލަ ތަހުގީގު ކުރުމަށް އިންޑިއާގެ ސީބީއައިގެ ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.













