ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ދީފައިވާ ސަސްޕެންޝަން އުވާލުމުގައި އެކްސްކޯ އިން ގޮތެއް ނިންމުން ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމަށް ތާވަލުކޮށްފި އެވެ.
އެފްއޭއެމުން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއު ސަސްޕެންޑް ކުރީ ބިދޭސީ ކުޅުންތެރިންނާއި ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުންްނެވެ. އޭގެ ފަހުން ބިދޭސީ ކުޅުންތެރިންގެ މުސާރަ ނުދޭ މައްސަލައިގައި ފީފާ އިން ނިއު ސަސްޕެންޑްކުރީ ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށެވެ.
މިދިޔަ މަހު ނިއު އިން އިންތިހާބެއް ބާއްވައި، ސަސްޕެންޝަނުން ސަލާމަތްވުމުގެ މަސައްކަތުގެ ތެރެއިން، ނިއު އިން ވަނީ ބިދޭސީ ކުޅުންތެރިންނަށް ދައްކަން ފީފާ އިން އަންގާފައިވާ ފައިސާ އެފްއޭއެމާ ހަވާލުކޮށް، އެ ކުޅުންތެރިންނަށް ފައިސާ ދީފަ އެވެ.
ފީފާ އިން މިހާރު ވަނީ ނިއު އަށް ދީފައިވާ ސަސްޕެންޝަން އުވާލައި އެ ކްލަބަށް ވެސް އެކަން އަންގައިފަ އެވެ. ނިއު އިން ވަނީ ބިދޭސީ ތިން ކުޅުންތެރިންނާއި ކުރީގެ ކޯޗު ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އަށް ދޭން ޖެހޭ ފައިސާ ފީފާއާ ހަވާލުކޮށްފަ އެވެ. ނިއު އިން ބިދޭސީ ކުޅުންތެރިންނަށް ދެއްކީ 215،000 ޑޮލަރު (3.3 މިލިއަން ރުފިޔާ)، އެވެ.
އެފްއޭއެމުން މި މަހު ހަ ވަނަ ދުވަހު ބޭއްވި ކޮންގްރެސްގައި ނިންމީ ނިއު އިން ދަރަނީގެ ކަންކަން ނިންމިހާ އަވަހަކަށް އެ ކްލަބްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެފްއޭއެމްގެ އެކްސްކޯ (ހިންގާ ކޮމިޓީ) އަށް ދިނުމަށެވެ.
ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވަނީ ނިއުގެ ސަސްޕެންޝަނާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ. އެ ގޮތުން ނިއު އިން ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމުގައި އަމަަލުކުރާނެ ގޮތެއް ކަނޑައަޅައި ކުޅުންތެރިންނަށް އަންގާފައިވާއިރު، އެ ކަމާ ބެހޭ ހުރިހާ މައުލޫމާތުތައް އެފްއޭއެމަށް ލިބިފައިވަނީ މިއަދު އެވެ. އަދި ބައެއް ކުޅުންތެރިން ވަނީ އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނަށް ވެސް ނިއު އިން ދޭންޖެހޭ ފައިސާގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.
"އެހެންވެ، އެ ހުރިހާ ކަމެއް ރިވިއު ކުރަން ބޭނުންވާ ވަގުތު ނެގުމަށް ފަހު، އެފްއޭއެމްގެ އެކްސްކޯ އިން ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި (ނިއުގެ ސަސްޕެންޝަނާ މެދު) ގޮތެއް ނިމިގެންދާނެ،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ނިއު އިން ދިވެހި ކުޅުންތެރިންނަށް ދޭން ހުރި މުސާރަތައް ދޭން ވަަނީ އެއްބަސްވުންތަކެއް ހަދައިފަ އެވެ. އެ ގޮތުން ބައެއް ކުޅުންތެރިން ވަނީ ނިއު އިން ދޭން ޖެހޭ ފައިސާގެ ބައެއް ކްލަބްގެ ހާލަތަށް ބެލުމަށް ފަހު އުނި ވެސް ކޮށްދީފަ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނެ އެވެ.
ނިއު އިން ވަނީ އަންނަ މަހު ކުޅޭ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ފޯމު ހުށަހަޅައިފަ އެވެ. އަދި ކޯޗު ސޮބާހު މުހައްމަދު އިބްރާހީމް (ސޮބާ)ގެ ކޯޗުކަމުގައި ޕްރެކްޓިސް ކުރަމުން އަންނަތާ ދެ ހަފްތާ އަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ނިއު އިން ވަނީ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ބިދޭސީ ކުޅުންތެރިން ވެސް ގެނެސްފަ އެވެ.
ނިއު އިން ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން ގެންނަން ނިންމާފައިވަނީ ގާނާ ދެ ކުޅުންތެރިންނާއި މިސްރާއި އުޒްބެކިސްތާން ކުޅުންތެރިއެކެވެ.











