ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ 2014 ވަނަ އަހަރު ވަގަށް ނެގުމަށްފަހު މަރާލުމުގައި އަދި ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ އެވެ.
ހައްޔަރު ކުރީ އިސްމާއިލް އަބްދުއްރަހީމް އާދަމް (އިސޫ) އާއި އަހުމަދު އިސްމާއިލް (ބުރު އަހަނދު) އަދި އަހުމަދު މުއާޒް (ގަޓް މުއާ) އެވެ.
އިސޫ އާއި އަހަނދު ހައްޔަރު ކުރީ، ރިލްވާން މަރާލުމަށް 2014 ވަނަ އަހަރު މާލޭ ސަރަހައްދުގައި ހިންގި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން އަދި މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އިއްޔެ މި ނޫހަށް ޔަގީންކޮށްދިނެވެ.
އިސޫ ހައްޔަރު ކުރީ އޭނާ ކާނިވަލުގައި ސައިބޯން އިންދާ ފުލުހުންގެ ޓެކްޓިކަލް ޓީމަކުންނެވެ. ހުން ހޯދާއަހަނދު ވެސް ހައްޔަރު ކުރީ މާލެއިންނެވެ. ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ދިރިއުޅޭ ގެތައް ބަލައި ފާސްކުރި އެވެ.
މި މައްސަލާގައި ގަޓް މުއާ ހައްޔަރުކޮށްފައިވާއިރު, އޭނާއަކީ މިނިވަން ނޫހުގެ ދޮރަށް ކަތިވަޅި ޖެހި މައްސަލާގައި ވެސް ތުހުމަތު ކުރެވުނު މީހެކެވެ.

މިއީ ރިލްވާން މައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި، އެ މައްސަލައިގައި ހޯދުނު ކުރިއެރުމެއް ކަމަށް މި ނޫހާ ވާހަކަ ދެއްކި ސަރުކާރުގެ އިސް ފަރާތަކުން ބުންޏެވެ. އިސޫގެ އިތުރުން ވެސް އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.
އިއްޔެ ހައްޔަރު ކުރި އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ކަމަށް ތުހުމަތުކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
އަހަނދުއަކީ ނުރައްކާތެރި ހަތިޔާރު ހިފައިގެން މާރާމާރީ ހިންގުމުގެ ތުހުމަތުވާ މައްސަލަތަކެއްގައި މީގެ ކުރިން ހައްޔަރުކޮށްފައި ހުރި މީހެކެވެ.
މިނިވަން ނިއުސްގައި މަސައްކަތް ކުރި ނޫސްވެރިޔާ ރިލްވާން ގެއްލުވާލާފައި ވަނީ އޯގަސްޓް 7، 2014 ގަ އެވެ. ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާ އަށް ނިސްބަތްވާ ދިވެހި ބަޔަކު ރިލްވާން މަރާލުމަށްފަހު ކަނޑު ފެއްތި ކަމަށް މަރު ކޮމިޝަނުން ބުނެފައި ވަނީ ވެސް ސެޕްޓެމްބަރު، 2019، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އުފެއްދެވި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ބުނެފައި ވަނީ ރިލްވާން މަރާލި މީހުންނަކީ ހަނގުރާމައަށް ދިޔުމަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ އިތުރުން މަސްތުވާތަކެތި ވިއްކުމާއި މި ބާވަތުގެ ކުށްތަކަށް ވެސް އަރައިގަންނަ ބައެއް ކަމަށެވެ.
ބައެއް މުހިންމު ހަބަރުތައް
- މާލޭ ރައްޔިތުންނަށް ބަންޑާރަ ގޯތީގެ ގޮތުގައި ދޫކުރާ ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލީ އިއްޔެ އެވެ.
- ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި, ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތުގައި އިއްޔެގެ އަޑުއެހުން ކެންސަލް ކުރީ އެވެ.
- ޔޯގާއަކީ އިސްލާމްދީނުގައި ހުއްދަ ކަމެއްތޯ ނޫންތޯ އާއްމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ފެށި، އެއާ ގުޅުން ހުރި ހަމަނުޖެހުމެއް ހިނގި އިރު ފަތުވާއެއް ނުނެރެވުނީ އެކަމުގެ ގާނޫނީ ޒިންމާ އޮންނަ ފަތުވާ މަޖިލީހުގެ ކޯރަމް ނެތުމުން ކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މާލޭ ރައްޔިތުންނަށް ގޯތި ދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ:
އަތުގައި އޮތް ބިންކޮޅު ދޫކޮށްލާފައި، ފްލެޓަށް ދައްކަން ޖެހޭ އަގުން، އެ ބިންކޮޅަށް ޖެހޭ އަގު އުނިކުރުމުގެ ފުރުސަތު ކުރިމަތިލާ ފަރާތްތަކަށް އެބައޮތް، އަލުގަނޑުމެން ދޫކޮށްލާ ބިމުގެ އަގު ކަނޑައެޅުމުގައި އަކަފޫޓަކަށް ޖެހޭ ރޭޓު ވާނީ ކަނޑައަޅާފައި،
ދުވަހުގެ ފޮޓޯ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އަދި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. --- ފޮޓޯ:












