ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީއާ ގުޅިގެން، ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ބާއްވަން އުޅުނު ޔޯގާ ހަރަކާތަށް ހަމަލާދީ ހުއްޓުވި މީހުންގެ ތެރެއިން ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައިކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.
ފުލުހުންގެ އިސް އޮފިޝަލަކު ވަނީ އެ މައްސަލައާ ގުޅިގެން ހަ މީހުން ހައްޔަރުކޮށްފައިވާކަން "އަދަދު" ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
"ސިޔާސީ ފަރާތްތަކެއްގެ ބައިވެރިވުމާ އެކު އެ ހަރަކާތް ކުރިއަށް ގެންދިޔައީ. އަޑުގަދަ ކުރާ ވެސް ނެރުނީ ސިޔާސީ ޕާޓީއެއްގެ އޮފީހުން. ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމަންޓުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުން،" މި ނޫހަށް މައުލޫމާތު ދިން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.


ޔޯގާ އިވެންޓް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަންނަނީ -
އެ ތަނަށް ގަދަކަމަށް ވަދެގަތް މީހުން އެ ހަރަކާތުގައި ބައިވެރިވި ބައެއް މީހުންނަށް ވެސް ހަމަލާ ދިނެވެ. އެ ހަމަލާތައް ދިނީ އެތަނުގައި ޖަހާފައި ހުރި ދިދަ ދަނޑިންނާއި ޕްލާސްޓިކް ފުޅި ފަދަ ތަކެތިންނެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.
އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އަދި، އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ.
ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.
ޔޯގާ ހަރަކާތް ބާއްވަން ނިންމައި، އެ ކަމުގެ ރެޖިސްޓްރީވުމަށް ޔޫތު މިނިސްޓްރީން އިއުލާނުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އިވެންޓު ބާއްވާނެ ކަމަށް އިއުލާނުކުރީ ރަސްފަންނުގަ އެވެ.
އެހެންނަމަވެސް، މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ރަސްފަންނުގައި އެ ހަރަކާތް ބޭއްވުމުގެ ހުއްދަ ނުދޭން އެ ކައުންސިލުން އިއްޔެ ނިންމި އެވެ. އޭގެ ފަހުން ޔޫތު މިނިސްޓްރީން ނިންމީ ދަނޑުގައި ބޭއްވުމަށެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަންނަނީ ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަމުންނެވެ. ނަމަވެސް، މިފަދަ ހަމަނުޖެހުމެއް ހިންގާފައި ނުވެ އެވެ.












