ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ ތެރެއިން ތެލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ، ހަރަދުތައް ފޫބައްދަން ދަތިވެފައިވާ ކަމަށް ބުނެ ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އެންގީ އިއްޔެ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނީ ރަޝިއާ-ޔޫކްރޭނު ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަންދާޒާ ނުކުރެވޭ މިންވަރަށް އިތުރުވަމުން ކަމަށެވެ.
"މީގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ،" ސާކިއުލާގައި ބުންޏެވެ.
އަދި، ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓު ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ހަރަދުތައް އިތުރަށް ކޮންޓްރޯލްނުކޮށް ޑެފިސިޓް އިތުރުވެގެންދާނަމަ މި ޑެފިސިޓް ފައިނޭންސް ކުރަން ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަންޖެހޭނެ ކަމަށެވެ.
އެހެންކަމުން މިފަދަ ބުރައެއް އުފުލުމަކީ މިދަނޑިވަޅުގައި އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނާތީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އިގުތިސޯދު ކުރަން ނިންމައި، މިއަދުން ފެށިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް އެ ސާކިއުލާގައި ވަނީ އިއުލާނުކޮށްފަ އެވެ.

މިގޮތުން، ޖުމްލަ ހަތް ދާއިރާއަކުން ހަރަދުތައް ކުޑަކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި އާ މަގާމެއް ނުއުފެއްދުމާއި، މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުމާއި، މިހާރު ދޭން ފަށާފައިނުވާ އާ އެލަވަންސެއް ދޭން ނުފަށަން ވަނީ އަންގައިފަ އެވެ.
އަދި، މިނިސްޓްރީގެ ހުއްދަ ނުހޯދައި ޕްރޮމޯޝަން ނުދިނުމާއި، ރަސްމީ ގަޑިއަށް ފައްތައިގެން އިތުރުގަޑީގައި މަސައްކަތްތައް ކުރަންނުޖެހޭ ގޮތަށް މަސައްކަތްތައް ރޭވުމަށްވެސް އެ އިއުލާނުގައި އަންގާފައިވެ އެވެ.
އެ އިއުލާނުގައި އިތުރަށް ވަނީ ރާއްޖޭން ބޭރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއެކު ރާއްޖެތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން، ކެޕިޓަލް ހަރަދާއި، އޮފީސް ހިންގުމަށްދާ ހަރަދުތަކާއި ތަމްރީންތަކަށްދާ ހަރަދުތައް ވެސް 5،000ރ. އަށް ވުރެ އިތުރުވާނަމަ، މިނިސްޓްރީގެ ހުއްދަ ހޯދައިގެން މެނުވީ ނުކުރުމަށް ވަނީ އަންގައިފަ އެވެ.
މި ފިޔަވަޅުތަކަށް މާދަމާއިން ފެށިގެން އަމަލުކުރަން މިނިސްޓްރީން ވަނީ، ކައުންސިލްތައް ނޫން ދައުލަތުގެ އެހެން ހުރިހާ އޮފީސްތަކަށް އަންގައިފަ އެވެ.
އިގުތިސޯދީ ހާލަތު
މިއަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓު ފައިނޭންސް ކުރާނެ ގޮތަކާ މެދު އޭރު ވެސް ކަންބޮޑުވުންތައް ހުއްޓެވެ. ސަބަބަކީ ލޯނު އަނބުރާ ދެއްކުމަށް 2.9 ބިލިއަން ރުފިޔާގެ އިތުރުން އެހެނިހެން ކަންކަމަށް ބޭނުންވާ އިތުރު 805 މިލިއަން ރުފިޔާ އާއެކު، ޖުމްލަ 13.4 ބިލިއަން ރުފިޔާ، ލަފާކުރި އާމްދަނީގެ އިތުރަށް ބޭނުންވާތީ އެވެ.
މިއަހަރުގެ ބަޖެޓުގައި ސީދާ ތެލުގެ ސަބްސިޑީއަށް އެކަނި 227.6 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ކަރަންޓު ސަބްސިޑީގައި ތެލުގެ އިތުރު ބައެއް ހިމެނޭއިރު، އެކަމަށް 627.3 މިލިއަން ރުފިޔާ ވަނީ ޖަހައިފަ އެވެ.
ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ ސްޕީޑަށް ބަލާއިރު، އެ އަދަދު އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.
ބައެއް މުހިންމު ހަބަރުތައް
ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާއި ހަރަދުތައް ބަލަހައްޓަމުންދަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތައްތޯ ކަށަވަރުކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބަލަން ފެށީ އިއްޔެ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވާދަކުރައްވާނެ ކަމަށް އެ ޕާޓީން ބުނީ އިއްޔެ އެވެ.
ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވަައިދު ދެވަނަ ފަހަރަށް ބަދަލުކޮށް، އެކަން ތަންފީޒުކުރުން އަންނަ ޖުލައި މަހާ ހަމައަށް ފަސްކޮށްފައި ވަނިކޮށް، ދައުލަތުގެ ބަޖެޓްގައި އާސަންދައަށް ހަރަދުކުރަން މިއަހަރަށް ކަނޑައެޅި އަދަދަށް ވުރެ، ހަރަދުވި ފައިސާގެ އަދަދު އިތުުރުވެފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީއޭގެ މެމްބާޝިޕް އިތުރުކުރަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު މައުރޫފް ވިދާޅުވީ:
އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައި ހުރި އަދަދާއެކު ޕާޓީގައި މިހާރު 7000 ވަރަކަށް މެންބަރުން އުޅޭނެ، ދެން ހަމަ އެ ޕްރޮސެސް ވާ ވަރަކުން އިތުރުވަމުން ދާނީ، އަޅުގަނޑުމެން މެންބާޝިޕް އިތުރުކުރުމަށް މުޅި ރާއްޖޭގައި މިދަނީ މަސައްކަތް ކުރަމުން
ދުވަހުގެ ފޮޓޯ

ވީއޭއެމް އެސޯސިއޭޝަން ކަޕްގައި ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗުން ސީދާ ތިން ސެޓުން މޮޅުވެ ސިފައިންގެ ކްލަބުން ވަނީ ޕްލޭއޮފްގެ ޖާގައެއް ކަށަވަރުކޮށްފައި --- މުހައްމަދު ޝާބިން/އަދަދު












