މީގެ ތިން އަހަރެއްހާ ދުވަސް ކުރިން, 2019، އޮގަސްޓް މަހު, އައިޝަތު މާޖިދާ އަށް ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބިފަ އެވެ. އެކަމަކު، އޭގެ ފަހުން މިވީ ތިން އަހަރު ތެރޭ އޭނާގެ ދިިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އަ އެވެ. ކައިވެންޏަކަށް ފަހު ދަރިއަކު ލިބުމުން، ދެން ފެށުނީ، އަންހެން އެތުލީޓަކު، އާއިލާ އަށް ވަގުތު ދެމުން ކުޅިވަރަށް ހުސްވެ، ކުރަން ޖެހޭ ބުރަ މަސައްކަތް ކުރުމުގެ ކަންކަމެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހު، އެސޯސިއޭޝަން ކަޕް ޗެމްޕިއަންކަން، ކްލަބް ވެމްކޯ އަށް ހޯދައިދޭން އެހީތެރިވެދިނުމަށް ފަހު، ދެން ގައުމީ ލެވަލްގެ މުބާރާތަކަށް މާޖިދާ، 29، ނުކުތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ފަހުކޮޅު ބޭއްވި ގައުމީ ބީޗްވޮލީބޯޅަ މުބާރާތަށެެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ގައުމީ ބީޗްވޮލީބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
އެ މުބާރާތުގައި ވާދަކުރަން އައިއިރު، މާޖިދާގެ ފިޓްނަސް އަކީ އޭނާ އެންމެ މޮޅު ކުޅުން ދައްކަން އޮތް ހުރަހެވެ. ހުނަރު ހުއްޓަސް، ފިޓްނުވާތީ އޮތް ޗެެލެންޖް މާޖިދާ އަށް މާ ބޮޑެވެ. އެކަމަކު، ފުރަތަމަ ފިޔަވަޅު ކުރިއަށް އަޅައިގެން ނޫނީ މަންޒިލަށް ނުދެވޭނެ އެވެ. އެހެންވެ، އޭނާ ކޯޓަށް އެރީ، ފަސް އެނބުރި ނުބަލައި، ކުރިއަށް ދިއުމުގެ އަމާޒުގަ އެވެ. އަލުން އެންމެ އުހަށް ދާން މަސައްކަތް ބުރަވިޔަސް ހިތްވަރު އެލުވާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ދެކިގެނެވެ.
ގައުމީ ބީޗްވޮލީބޯޅަ މުބާރާތް ނިމުނުތާ މި ވީ އަށް ވަރަކަށް މަސް ތެރޭ މާޖިދާގެ ފިޓްނަސް އަށް ބޮޑު ބަދަލެއް އައިސްފި އެވެ. މިދިޔަ ފެބްރުއަރީ މަހު ސްރި ލަންކާގައި ބޭއްވި ސެންޓްރަލް އޭޝިއަން ފުރަަތަމަ ބީޗްވޮލީބޯޅަ މުބާރާތުގައި ވާދަކުރި، ރާއްޖޭގެ ބީޗްވޮލީ ޓީމުގައި މާޖިދާ ހިމެނުނެވެ. އެ މުބާރާތުގައި ފެނުނު މާޖިދާ ހުރީ އެންމެ ރަނގަޅު ފިޓްނަސް އަށް އައުމުގެ "މަގުމަތީގަ" އެވެ.
ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗު، ބްރެޒިލްގެ ވިނީޝިއުސް މާޓިންސް ޖިއޯނީ، އެ ފަހަރު ދިން އިންޓަވިއުގައި ފާހަގަކުރި އެއް ކަމަކީ ފިޓްވެއްޖެނަމަ މާޖިދާ އަކީ ޓޮޕް ލެވަލްގެ އެތުލީޓެއް ކަމަށެވެ. އަދި ހިތްވަރެއް ލައިގެން މާޖިދާ އަށް ފިޓްވެވޭނެ ކަމަށް ވިނީޝިއުސް ފާހަގަކުރިއިރު ބުނީ، އެތުލީޓެއް ހިތްވަރު ނެރޭނީ ދިރިއުޅުމަށް އަންނަ ބަދަލަށް ހޭނިގެން ކަމަށެވެ. އެކަން މާޖިދާ އެ އަންނަނީ ސާބިތު ކޮށްދެމުންނެވެ.
"އެންމެ ފުރަތަމަ ބީޗް ވޮލީ އަށް (ގައުމީ ބީޗްވޮލީ މުބާރާތަށް) އައިއިރު 86 ކިލޯ ވަރު ހުރި. ދެން، ބީޗް ކޯޗު (ވިނީޝިއުސް)އާ އެކު ޓްރެއިނިންތައް މި ހެދީ، ޖިމް ވެސް ބީޗް ޓްރެއިނިން ވެސް ހުއްޓައިނުލައި މަސައްކަތް ކުރީ، މިހާ ވަރަށް ފިޓް، 66 ވަރަކަށް ކިލޯ މިހާރު،" އެނބުރި މިހާރު ހުރި ލެވަލަށް ފިޓްނަސް އައި ގޮތާ ބެހޭގޮތުން މާޖިދާ، "އަދަދު" އަށް ބުންޏެވެ.
"އަސްލު ބީޗްވޮލީ ކޯޗު ޓްރެއިނިން އިން އައި ތަފާތު މިއީ،"

ފެބްރުއަރީ މަހު ލަންކާގައި ކުރިއަށްދިޔަ ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގެ ތެރެއިން: ކޯޗު ވިނީޝިއުސް (ކ) މާޖިދާ އަށް ބުނެދެނީ.-- ފޮޓޯ: އަދަދު
އަލުން އެނބުރި އައިސް މާޖިދާ، މި ވަނީ މި މަހު ނިމުނު އެސޯސިއޭޝަން ކަޕްގެ އަންހެން މުބާރާތް ވެމްކޯ އަށް ދެ ވަނަ ފަހަރަށް ކާމިޔާބުކޮށްދޭން އެހީތެރިވެދީފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެސް މާޖިދާ އެވެ. މާޖިދާ މި ވަނީ އެންމެ ފަހުން ބޭއްވި ތިން އެސޯސިއޭޝަން ކަޕްގެ ތަށި ހޯދައި، ދެ ފަހަރު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
އެ ގޮތުން 2018 ވަނަ އަހަރު، މާފަންނު ޔޫތު ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އިން އެސޯސިއޭޝަން ކަޕް ތަށި ހޯދިއިރު، މޮޅު ކުޅުންތެރިޔާ މަގާމު ލިބުނީ މާޖިދާ އަށެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަަނަ އަހަރު ވެމްކޯ އިން ޗެމްޕިއަންކަން ހޯދި ނަމަވެސް، އެ ޓީމަށް ކުޅުނު މާޖިދާ އަށް މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބުނީ ހަނި ތަފާތަކުންނެވެ.
ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެސޯސިއޭޝަން ކަޕް ބޭއްވިއިރު، މާޖިދާ މި ވަނީ، މި އަހަރު ވެމްކޯ އަށް ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
މާޖިދާ ބުނީ މިއީ ކެރިިއަރުގެ އެންމެ ރަނގަޅު މުބާރާތް ކަމަށް ބުނެވިދާނެ ކަމަށެެވެ.
"ކުރިން ހުރި ލެވަލް އަށް ވުރެ ރަނގަޅޭ ބުނެވޭނީ. އެއީ އަސްލު ވަރަށް ބައިވަރު ކަންކަމާ ކުރިމަތިލައިގެން، ފިޓްވެގެން އައިސް މި ގޮތަށް މުބާރާތެއް ކުޅެލެވުނީމަ ވަރަށް ހިތްހަމަޖެހޭ، ދެން، ބައިވަރެއް ކުޅުންތެރިން ވެސް ބްރޭކަކަށް ފަހު މިއައީ، މާޖީ، އަސްލު ވަރަށް މަސައްކަތް ކުރިން މި ވަރަށް ފިޓްވާން. އެ ގޮތަށް ބަލާއިރު، މިއީ ކެރިއަރުގައި ވެސް މޮޅަށް ކުޅެވޭ ދުވަސްވަރަށް ވާނީ،" ވޮލީބޯޅައިގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ، ލ. އަތޮޅަށް ނިސްބަތްވާ މާޖިދާ ބުންޏެވެ.
މާޖިދާގެ ބޮޑު ފޯކަސް އަކީ ބީޗްވޮލީ ގައުމީ ޓީމު
ރާއްޖޭގެ އަންހެން ވޮލީގެ ތާރީހީ ކާމިޔާބީ، 2019 ވަނަ އަހަރުގެ ފަހުކޮޅުގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން ވޮލީ މުބާރާތުން ރާއްޖޭން ރިހި މެޑަލް ހޯދި ޓީމުގައި މާޖިދާ ނެތެވެ. ކައިވެންޏަށް ފަހު، އޭރު މާޖިދާ ބަލިވެ އިންއިރު، އޭނާ ވިހެއީ 2020 ވަނަ އަހަރުގެ ޖޫން މަހު އެވެ.
ވިހެއުމަށް ފަހު، މާޖިދާ އަލުން ވޮލީ ކޯޓަށް ނުކުންނަން ނެގީ ފަސް މަހުގެ ބްރޭކެކެވެ. އަލުން ފެށީ ރަށާއި އަތޮޅު ލެވަލްގެ މެޗުތަކާއި މުބާރާތްތަކުންނެވެ. އާއިލާ އާއި ފިރިމީހާ، ޒައިދާން އަހުމަދު (ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު)ގެ އެހީތެރިކަމާ ވެސް އެކުގަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ކަޕްގެ ފައިނަލް މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު މާޖިދާ އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
އަލުން އަނބުރާ "ޓޮޕް" ފޯމަށް އައުމުން މާޖިދާގެ ވިސްނުމަކީ ހަމައެކަނި ގައުމީ މުބާރާތްތަކުން ކުރިއަށް ދިއުމެއް ނޫނެވެ. ގައުމު ތަމްސީލް ކުރުމުގެ ފުރުސަތުތަކުން ވެސް އޭނާ ހުރީ އަދި އަތްދޫކޮށްލާ ގޮތަކަށް ނޫނެވެ.
"އަސްލު ބީޗްވޮލީ ދެން ފޯކަސް އަކީ، ބީޗް ވޮލީ ކުޅެން ދާން ބޭނުމީ ވެސް. އެކަމަކު، އޭގެ މާނަ އަކީ އިންޑޯ އަށް ނުދާނަމެކޭ އެއް ނޫން، މިސާލަކަށް ގައުމީ ބީޗްވޮލީގެ ކަމެއް ނެތިދާއިރެއްގައި، އިންޑޯ ވޮލީ ގައުމީ ޓީމުގެ މުބާރާތެއް އޮވެއްޖިއްުޔާ، ހާލަތުގެ ގޮތުން ގޮސްފާނަން. ގައުމީ ޓީމު މުހިންމުވާނެ ކޮންމެ ކުޅުންތެރިއަކަށް ވެސް،" މާޖިދާ ބުންޏެވެ.
މި އަހަރަކީ ރާއްޖެ އަށް ބައިނަލްއަގުވާމީ ވޮލީބޯޅައިގައި ވެސް މުހިންމު އަހަރެކެވެ. އެ ގޮތުން، ރާއްޖޭގައި މި އަހަރު ބާއްވަން ނިންމާފައިވާ ވޮލީބޯޅައިގެ ދުނިޔޭގެ ފެޑެރޭޝަން، އެފްއައިވީބީގެ ބީޗްވޮލީ ޓުއާގެ މުބާރާތް އަންނަ އޮކްޓޫބަރު މަހަށް އޮތީ ތާވަލުކޮށްފަ އެވެ. އިންޑޯ ވޮލީގެ ސަރަހައްދީ މުބާރާތް، ސެންޓްރަލް ޒޯން ޗެލެންޖް ކަޕް ޑިސެމްބަރު މަހު ބާއްވާ ގޮތަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
އިންޑޯ އާއި ބީޗްވޮލީގައި ވެސް މި އަހަރު ވަރުގަދަ މުބާރާތްތަކެއް އޮތުމުން، މާޖިދާ އެންމެ ރަނގަޅު ފޯމެއްގައި ހުރުމުން، މިއީ އޭނާ ފޯމު ދަމަހައްޓައިފިނަމަ ކެރިއަރުގައި ހާއްސަ އަހަރަކަށް ހެދިދާނެ އެވެ.













