މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން އެ އެއާލައިނުގެ ފިނޭންސް އެންޑް އެކައުންޓްސްގެ ޓީމު ސިކްސް ސިގްމާ އިން ހޯދައިފި އެވެ.
މިއީ މޯލްޑިވިއަންގެ ރެކްރިއޭޝަން ކްލަބްގެ ފަރާތުން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން މިދިޔަ 2020 އަދި 2021 ގައި ބާއްވާފައި ނުވެ އެވެ.
ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ކުޅުނު މުބާރާތުގެ ފައިނަލްގައި ސިކްސް ސިގްމާ އާ ދެކޮޅަށް ނުކުތީ ފްލައިޓް އޮޕަރޭޝަންސްގެ އޭ ޓީމެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިކްސް ސިގްމާގެ ހުސައިން އަފްސަލް އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ. ދެން ހިމެނުނީ މޯލްޑިވިއަން އެއާޕޯޓްސްގެ އިސްމާއިލް އަހްމަދު އެވެ.
މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ސިކްސް ސިގްމާގެ އަފްސަލް އާއި އިބްރާހިމް ނަދާދުގެ އިތުރުން ފްލައިޓް އޮޕަރޭޝަންސްގެ އާދަމް އަޒްމީން އާއި އާދަމް އިނާޒްގެ އިތުރުން މޯލްޑިވިއަން އެއާޕޯޓްސްގެ އަފްރާހު އަހްމަދު އެވެ.
މޯލްޑިވިއަނުން ވަނީ މި މުބާރާތުގެ ފައިނަލް ބަލަން ދިޔަ މީހުންގެ މެދުގައި ހާއްސަ ލަކީޑްރޯއެއް ނަގާފަ އެވެ. އަދި، އެ ލަކީޑްރޯ އިން ހޮވުނު މީހާއަށް ވަނީ ޓްރެވިންޑްރަމް، ކޮޗިން، ޑާކާ، މެލޭޝިއާ ނުވަތަ ބެންކޮކް ދެކޮޅު ޓިކެޓު ދީފަ އެވެ.











