މަތީ ތައުލީމުގެ ގިނަ ފުރުސަތުތަކާ އެކު ގްލޯނެޓު އެޑިއުކޭޝަން ފެއާ މާލެ އާއި އައްޑޫ ސިޓީގައި ބާއްވާނެ އެވެ.
މާލެ ސިޓީގައި މި ފެއާ އިއްޔެ ފެށިއިރު މިއަދު ހަވީރު 17:00 އިން ރޭގަނޑު 21:00 އަށް މީރުމާ އިވެންޓު ހޯލުގައި އޮންނާނެ އެވެ. އަދި، އައްްޑޫ ސިޓީގައި އޮންނާނީ މާދަމާ ހަވީރު 16:00 އިން 18:00 އަށް އައްޑޫ ހައި ސްކޫލް ހޯލުގަ އެވެ.
މިއީ ގްލޯނެޓު އެޑިއުކޭޝަން ފެއާ ބާއްވާ 27 ވަނަ ފަހަރެވެ. މި ފެއާ އަކީ ރާއްޖެ އިން ބޭރަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާން ބޭނުންވާ ކުދިންނާއި، އެކުދިންގެ ބެލެނިވެރިން އަދި ބޭރުގެ ޔުނިވާސިޓީތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ފެއާއެކެވެ.
މި ފެއާ އިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި؛
- ކޯސްތަކާ ބެހޭ މައުލޫމާތާއި ކޯހަށް ހިނގާ ހަރަދުގެ މައުލޫމާތު ދިނުން
- ވިސާ ހޯދުމާއި، އެކޮމޮޑޭޝަންގެ މައުލޫމާތު ދިނުމާއި، އެޕްލިކޭޝަން ބަލައިގަތުން
- 2022 އަދި 2023 ގެ ސްކޮލާޝިޕް ފުރުސަތުތަކުގެ މައުލޫމާތު ދިނުމާއި ޑިސްކައުންޓް ލިބޭ ކޯސްތަކުގެ މައުލޫމާތު ދިނުމާއި އަދި ރެޖިސްޓާ ކުރުން.
- ޕްލޭސްމަންޓް ލެޓާ ހަމަޖައްސައިދިނުން
- ކެރިއާ ގައިޑެންސް މައުލޫމާތު ދިނުން ހިމެނެ އެވެ.
މިފަހަރުގެ ފެއާގައި ބައިވެރިވަނީ ހުސް މެލޭޝިއާގެ ޔުނިވާސިޓީތަކެވެ. އެގޮތުން، އެ ގައުމުގެ މޮނާޝް ޔުނިވާސިޓީ، ނޮޓިންހަމް ޔުނިވާސިޓީ، އޭޝިއާ ޕެސިފިކް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އޭޕީޔޫ) އަދި އިންޓަނޭޝަނަލް މެޑިކަލް ޔުނިވާސިޓީގެ އިތުރުން ޓޭލާސް އަދި ސަންވޭ ޔުނިވާސިޓީގެ ކޯސްތަކާ ބެހޭ މައުލޫމާތުތައް ލިބޭނެ އެވެ.













