ވީއޭއެމް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަން މެޗުތައް ރޭ ފެށިއިރު، މެޗުތައް ފަސް ސެޓަށް ގޮސް ދިގުލައިދާތީ ވީއޭއެމް އިން މާދަމާ އިން ފެށިގެން ހަވީރާއި ރޭގަނޑު މެޗުތައް ކުޅޭގޮތަށް ޝެޑިއުލަށް ބަދަލެއް ގެނެސްފި އެވެ.
ކޮންމެ ޓީމަކަށް ފެންވަރު ރަނގަޅު ބިދޭސީ ތިން ކުޅުންތެރިން ވީއޭއެމްގެ އެހީގައި ދީފައިވާތީ، މި ފަހަރު ވޮލީ ސީޒަނުގައި ވާދަކުރާ ހަ ޓީމު ވެސް ފެންނަނީ ދާދި އެއް ވަރަކަށެވެ. އެ ގޮތުން ރޭ ފުރަތަމަ ދެ މެޗު ނިމުނުއިރު، އެއްވެސް މެޗެއް ސީދާ ތިން ސެޓުން ނިމިފައިނުވެ އެވެ.
ވީއޭއެމް އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ އަންހެން ޑިވިޝަނުގެ މެޗުތައް ކުޅުނު ގޮތަށް 20:15 އާއި 21:45 ގައި މެޗުތައް ފަށާ ގޮތަށް ރެޔަކު ދެ މެޗު ކުޅޭށެވެ. އަންހެން ޑިވިޝަނުގެ މެޗުތައް އެހާ ދިގުލައި ނުގޮސް ފުރަަތަމަ ޝެޑިއުލާ އެއްގޮތަށް ނިންމާލެވުނެވެ. އެކަމަކު، ފިރިހެން ޑިވިޝަނުގެ މެޗުތައް ރޭ ފެށިއިރު، ފުރަތަމަ ރޭ ވެސް ވަނީ މެޗުތައް ދިގުލައި ގޮސްފަ އެވެ.
އެ ގޮތުން 20:15 ގައި ފަށަން އޮތް މެޗު ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ފެށުނީ 20:30 ގެ ފަހުންނެވެ. ގުޑީސް ސްޕޯޓްސް ކްލަބް އަތުން 3-2 ސެޓުން ޕޮލިސް ކްލަބް މޮޅުވި މެޗު ނިމުނުއިރު ވަނީ 22:40 އަށް ވުރެ ބޮޑުވެފަ އެވެ. އޭގެ ގަޑިއިރެއްހާއިރު ފަހުން ކްލަބް ވެމްކޯ އާއި އޮފު އެފްސީގެ މެޗު ފެށިއިރު، 3-1 ސެޓުން ވެމްކޯ މޮޅުވި މި މެޗު ނިމުނުއިރު، ވަނީ ދަންވަރު އެކެއް ޖަހައިފަ އެވެ.
ވީއޭއެމުން ބުނީ މިއަދުގެ މެޗުތަކަށް ފަހު މާދަމާ އިން ފެށިގެން ކުޅޭނީ ހަވީރު މެޗަކާއި ރޭގަނޑު މެޗެއް ކަމަށެވެ. ވީއޭއެމް އިން ނިންމާފައިވަނީ ހަވީރު ކުޅޭ މެޗު 16:15 ގައި ފެށުމަށް ފަހު، ރޭގަނޑުގެ މެޗު 20:15 ގައި ފެށުމަށެވެ.
ޒުވާނުންގެ މަރުކަޒު ކޯޓަށް ރޭ ގިނަ ބަޔަކު މެޗު ބަލަން ދިޔައިރު، މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ފޯރިދަށް މެޗެއް ނެތެވެ. ކޮންމެ ޓީމެއް ވެސް ރަނގަޅު ވާދަައެއް ކުރާނެ ކަމަށް ވޮލީބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.












