އިންޓަޕޯލް ޑޭޓާބޭސްތައް ދިވެހި ފުލުހުންނަށް ވަގުތުން ބަލާލެވޭނެ، ބޮޑު ކުރިއެރުމެއް

އިންޓަޕޯލް ޑޭޓާބޭސްތައް ދިވެހި ފުލުހުންނަށް ވަގުތުން ބަލާލެވޭނެ، ބޮޑު ކުރިއެރުމެއް

ފްރޮންޓްލައިނުގައި ހަރަކާތްތެރިވާ ހުރިހާ ދިވެހި ފުލުހުންނަށް އިންޓަޕޯލްގެ ވަރުގަދަ ޑޭޓާބޭސްތައް ވަގުތުން ބަލާލެވޭނެ ގޮތް ހަދައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގާ ކުށްތަކާއި އެ ކުށްކުރާ މީހުންނާ ގުޅޭ 19 ޑޭޓާބޭސްއެއް އިންޓަޕޯލް އިން ބަލަހައްޓަ އެވެ. އެ ހުރިހާ ޑޭޓާބޭސްއެއް ވެސް މިހާރު ދިވެހި ފުލުހުންނަށް ބަލާލެވޭނެ ގޮތް ހަދާފައިވާއިރު މިއީ ރާއްޖެއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

މިއީ އިންޓަޕޯލްއާ ގުޅިގެން 2019 ގައި ފުލުހުން ފަށާފައިވާ ހާއްސަ ޕްރޮޖެކްޓެއް ކަމަށް "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

"އިންޓަޕޯލްގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތަސް އެހާ ފުޅާކޮށް [ޑޭޓާބޭސްތައް] ބޭނުމެއް ނުކުރޭ، މިސާލަކަށް ޑޭޓާބޭސްތަކަށް އެކްސެސް ހޯދުމާއި، ކޮންޓްރިބިއުޓް ކުރުމާއި، ނޯޓިސްތައް ޕަބްލިޝްކުރުމާއި، ގާނޫނު ތަންފީޒުކޮށް ކްރިމިނަލް ކަންކަން ބަލާ މުހިންމު އިދާރާތަކުގެ އެކްސެސްއެއް ކުރިއަކުން ނޯވޭ އިންޓަޕޯލްއަށް،" ހަމީދު ވިދާޅުވި އެވެ.

ހަމީދު އެ ފާހަގަކުރެއްވި އިދާރާތަކަކީ ކަސްޓަމްސް، އިމިގްރޭޝަން، އެންޓި ކޮރަޕްޝަން ކޮމިޝަން، ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް އަދި މީރާ އެވެ.

"މި ޕްރޮޖެކްޓުގެ ދަށުން އެ މުއައްސަސާތަކަށް ވެސް އިންޓަޕޯލްގެ ޑޭޓާބޭސްތަކާ ގުޅޭލެވުނު. އެއާ އެކުއެކީ ފުލުހުންގެ ޕޮލިސް އިންފޮމޭޝަން މެނޭޖުމެންޓު ސިސްޓަމްގެ ތެރެއިން އެކްސެސް ވެވޭގޮތަށް އިންނާނީ އިންޓަޕޯލް ޑޭޓާބޭސްތަކަށް،" މިކަމާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ހަމީދު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އެކި ގައުމުތަކުން ގެއްލިފައި ހުންނަ އުޅަނދުތަކާއި، ޓްރެވަލް ޑޮކިއުމެންޓު ނުވަތަ ޕާސްޕޯޓާއި، އަދި ފިލައިގެން އުޅޭ ކުށްވެރިންނާ ގުޅޭ މުހިންމު މައުލޫމާތުތައް އެ ޑޭޓާބޭސްތައް މެދުވެރިކޮށް ދިވެހި ފުލުހުންނަށް ވެސް ލިބޭނެ އެވެ.

"މިސާލަކަށް ކަނޑުމަގުން އަންނަ ބިދޭސީންގެ ބެކްގްރައުންޑް ވެސް ބަލާލެވޭނެ. އެމީހުން އައުމުގެ ކުރިން ކޮން ކަހަލަ ރެކޯޑެއް އޮންނަ ބައެއްތޯ ބަލާލެވޭނެ،" މިކަމުގެ މުހިންމުކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވި އެވެ.

މިއީ ފުލުހުންގެ ތަހުގީގުތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

"ހާއްސަ ގޮތެއްގައި އިންޓަނޭޝަނަލީ ވަކި ބާވަތްތަކުގެ ކުށްތަކުގައި އެންމެ ފަހުގެ ޓްރެންޑްތަކަކީ ކޮބައިތޯ [ބަލައި]، ކޮންކޮން ބައެއްތޯ އިންވޯލްވް (ބައިވެރި) ވަނީ، މި މައުލޫމާތުތައް ބެލޭނެ،" ހަމީދު ފާހަގަކުރެއްވި އެވެ.

ދާދިފަހުން މި ޑޭޓާބޭސްތަކުގެ އެހީގައި ރާއްޖެ އިން ގެއްލުނު ފޯނެއް ބަންގްލަދޭޝްގައި ބޭނުންކުރަނިކޮށް ހޯދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަޕޯލް ރޭންކިންގައި އޭޝިއާގެ ތިންވަނަ

އިންޓަޕޯލްގެ މެމްބަރަކަށް ރާއްޖެވީ 1984 ގަ އެވެ. މީގެ 98 އަހަރު ކުރިން އުފެދުނު އެ ޖަމާއަތުގައި މިވަގުތު ދުނިޔޭގެ 194 ގައުމެއް އެބައޮތެވެ. ކުށްކުރުން މަދުކޮށް ކުށްވެރިން އަތުލައިގަތުމަށް ކުރާ މަސައްކަތުގައި ރާއްޖެއަކީ ވެސް މިހާރު މުހިންމު ބައިވެރިޔެކެވެ.

އެގޮތުން، އިންޓަޕޯލްއަށް މައުލޫމާތު ހިއްސާކުރާ މިންވަރުންނާއި އަދި އިންޓަޕޯލަށް އެހީތެރިކަން ފޯރުކޮށްދޭ މިންވަރުން މިވަގުތު ރާއްޖެ އޮތީ އޭޝިއާ ބައްރުގެ ގައުމުތަކުގެ ތެރެއިން ތިންވަނައިގައި ކަމަށް ހަމީދު ފާހަގަކުރެއްވި އެވެ.

"ކޮމިޝަނަރު ހަމީދުގެ ފުރިހަމަ ލީޑާޝިޕްގެ ދަށުން ރާއްޖެ މިއޮތީ ބައިނަލްއަގްވާމީ ގޮތުން ގާނޫނޫ ތަންފީޒު ކުރުމަށް އެއްބާރުލުން ދިނުމުގެ އެންމެ ކުރީ ސަފުގައި،" އިންޓަޕޯލްގެ ސެކްރެޓަރީ ޖެނެރަލް ޔާގެން ސްޓޮކް ވިދާޅުވި އެވެ.

މިއީ ރާއްޖެއަށް ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައި ހަމީދު ސިފަކުރެއްވި އެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގައުމުތަކުގެ ލޯ ވެސް ވަނީ ހުއްޓިފަ އެވެ.

"ރާއްޖޭގައި އެ މޮޑެލް އެހާ ކާމިޔާބު ކަމާ އެކު ކުރިއަށްދަނީ ކީއްވެގެންތޯ ބެލުމަށް ބޭނުންވޭ ބޮޑެތި ގައުމުތަކުން. ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ރާއްޖެ އައިސް ބަލަން،" ހަމީދު ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިންޓަޕޯލްގެ ޓްރެއިނިން ޕްރޮގްރާމްތައް ވެސް ރާއްޖޭގައި ބޭއްވިގެންދާނެ ކަމަށް ހަމީދު ފާހަގަކުރެއްވި އެވެ.

އިންޓަޕޯލްގެ ޑޭޓާބޭސްތައް މުހިންމު

ދިވެހި ކޮންމެ ފުލުހަކަށް ވެސް އިންޓަޕޯލްގެ ޑޭޓާބޭސް ބަލާލުމުގެ ފުރުސަތު ފަހިވެފައިވުމަކީ ކުށްކުރުން މަދުކޮށް ކުށްވެރިން ހުއްޓުވުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

މި ޑޭޓާބޭސްތަކުގައި ގެއްލިފައިވާ އޮފިޝަލް އަދި ޓްރެވަލް ޑޮކިއުމެންޓްތަކާއި، އެއްގަމާއި ކަނޑު އުޅަނދުފަހަރާއި، ފޮރެންސިކް މައުލޫމާތާއި، ދައުރުވާ ހަތިޔާރާ ބެހޭ މައުލޫމާތާއި، ގެއްލިފައިވާ ކުރެހުންތަކާއި، ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ މީހުންގެ މައުލޫމާތާއި އަދި ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހިމެނެ އެވެ.

ދެހާސްވިހީގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 19 ޑޭޓާބޭސްއެއްގައި 114 މިލިއަން ޕޮލިސް ރެކޯޑު ވަނީ ރައްކާކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު 9 މިލިއަން ފަހަރު އެ ޑޭޓާބޭސްތައް ސާޗު ކުރެ އެވެ.

އިންޓަޕޯލްގެ ގްލޯބަލް ޕޮލިސް ކޮމިއުނިކޭޝަންސް ސިސްޓަމާ ގުޅިފައިވާނަމަ ކޮންމެ ގަޑިއެއްގައި ވެސް މި ޑޭޓާބޭސްތައް ބެލޭނެ އެވެ. މި ޑޭޓާބޭސްތަކަށް ދިވެހި ފުލުހުން ވެސް މައުލޫމާތު ހިއްސާކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox