ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކޮށްފި އެވެ.
އެ މަގާމަށް ސުއޫދު އައްޔަން ކުރަން ޖަމިއްޔާގެ ހިންގާ ކޮމިޓީން ނިންމީ ކުރިން މަގާމުގައި ހުންނެވި އަބްދުއްރައޫފް އިބްރާހީމް ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުން، ޖަމިއްޔާގެ ރައީސްކަމުގެ މަގާމު ހުސްވެގެންނެވެ.
ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމުގެ މަގާމަށް ސުއޫދު އެ މަގާމަށް އައްޔަން ކުރަން ނިންމައި ދިން ދައުވަތު ގަބޫލުކޮށްފައިވާތީ އެ ކަމަށް ޝުކުރު އަދާ ކުރައްވައި އަދި މަގާމަށް އައްޔަންކޮށްފައިވާ ކަން އަންގައި ޖަމިއްޔާގެ ނައިބު ރައީސް އަދި ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަހުމަދު އާމިރު ސޮއި ކުރައްވައި ސުއޫދަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.
އަބްދުއްރައޫފްގެ ކުރިން ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސްކަމުގައި ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.
ފަނޑިޔާރުން އިސް ނަގައިގެން މި ޖަމިއްޔާ އެންމެ ފުރަތަމަ އުފެއްދީ 2008 ގަ އެވެ. ނަމަވެސް ގިނަ ދުވަހެއް ނުވެ ޖަމިއްޔާގެ މަސައްކަތް ހުއްޓުނެވެ. އޭގެ ފަހުން ވުޖޫދު ކުރެވުނު ފަނޑިޔާރުންގެ ގާނޫނުގައި ވެސް ފަނޑިޔާރުންގެ ޖަމިއްޔާއެއް ހެދުމުގެ ހައްގު ދީފައިވެ އެވެ. އެކަމަކު އެއް ވަގުތަކަށް ހިންގޭނީ އޭގެ އެންމެ ޖަމިއްޔާ ކަމަށް ބުނެފައިވެ އެވެ.

މިހާރު ހިންގަމުންދާ ފަނޑިޔާރުންގެ ޖަމިއްޔާއަށް ހިންގުމުގެ ހުއްދަ ޔޫތު މިނިސްޓްރީން ދީފައި ވަނި 2019 ގަ އެވެ.













