އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލާގައި އެއްޗެއް ނުބުނާތީ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، ބީޖޭޕީގެ ތަރުޖަމާނުގެ އެ އަމަލު ކުށްވެރިކޮށް ސަރުކާރުން ބަޔާނެއް ނެރުނީ އިއްޔެ އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ކުރު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ އުސޫލުތައް ދަށްކޮށްލުމުގެ ހުރިހާ އަމަލަކާއި ރަސޫލާގެ ދަރަޖަ ދަށްކޮށްލަން ކުރާ ކޮންމެ މަސައްކަތެއް އެއްވެސް ހިފެހެއްޓުމެެއް ނެތި ކުށްވެރިކުރާ ކަމަށެވެ.
އިންޑިއާގެ ބީޖޭޕީގެ އޮފިޝަލް ދެއްކި ވާހަކައާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ. އެއާ އެކު ބީޖޭޕީގެ އޮފިޝަލު ދެއްކި ވާހަކައަށް އިންޑިއާ ސަަރުކާރުން ކުށްވެރިކުރި ކުރުމަށް މަރުހަބާ ކިޔާ ކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.
ރަސޫލާއަށް ފުރައްސާރަކޮށް ބީޖޭޕީގެ އޮފިޝަލް ވާހަކަ ދެއްކުމުން އެޕާޓީން އަވަސް ފިޔަވަޅު އެޅިކަމަށް ބުނެ އެކަމަށް ވެސް ސަރުކާރުގެ ބަޔާނުގައި މަރުހަބާ ކިޔެވެ.
އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އޭގެ ފަހުން ރާއްޖޭގެ ވެރިކަން ކުރާ ވެރިކަން ކުރާ އެމްޑީޕީ އާއި ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީ އަދި އެމްއާރުއެމުން ވެސް ބީޖޭޕީގެ އޮފިޝަލް ކުށްވެރިކޮށް ބަޔާންތައް ނެރުނެވެ.
މަޖިލީހަށް ހުށެހެޅުމުން ބަލައިނުގަތް
އެ މައްސަލަ ކުށްވެރިކުރުމަށް ގޮވާލައި އެންމެ ފުރަތަމަ ހުށަހެޅީ މަޖިލީހަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
"... އެފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން މުސްލިމުން ނުހަނު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން މި ހައްސާސް ދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީވެ. ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި، ސަރުކާރުން މި ކަމާމެދު ފިޔަަވަޅު އަޅާފައިނުވާ މައްސަލަ ކުށްވެރިކޮށް، އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް،" އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ވަނީ ގުރުއާނާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން ކުށްވެރި ކުރުމަށް ގޮވާލާފަ އެވެ.
މި މައްސަލަ މަޖިލީހަށް ބަލައި ގަތުމާމެދު ނެގި ވޯޓުގައި، 33 މެންބަރުންގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.
މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީން ވިޕެއް އެ މައްސަލަ ބަލައިނުގަތުމަށް ނެރުނެވެ. އެކަމާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
"މިހާރު ވިޕް އޮންނަނީ މާ ވަރުގަދަ ބައެއްގެ އަތުގައި، ސަރުކާރު އަތުގައި ވިޕް އޮންނަނީ، ރައްޔިތުންގެ މަޖިލީހާއި ސަރުކާރާއި ބާރުތައް ވަކިކުރެވިފައި ވަނީ އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ބާރުތައް އެއްވެފަ މި އޮތީ، ސަރުކާރުން އަންގާ ގޮތަކަށް ވިޕް ނެރެނީ،" ބޮންޑޭ ވިދާޅުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ސުޕްރީމް ކޯޓުން ދަމަހައްޓާ މަރުގެ ހުކުމްތައް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަކަށް ނޯންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އިއްޔެ އެވެ.
- ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކުރީ އިއްޔެ އެވެ.
- އައްޑޫގައި ހިންގި ސިލްސިލާ މާރާމާރީތަކެއްގައި 21 އަހަރުގެ ޒުވާނަކު މަރުވި މައްސަލައިގެ ތުހުމަތުވާ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ:
އެކަމާ ގުޅޭ ގޮތުން މިހާރު ވެސް އަމަލު ކުރަމުން އަންނަ މޮރިޓޯރިއަމް ދެމެހެއްޓުން، މިއީ މި ސަރުކާރުން އަލަށް އުފަން ކުރި ސިޔާސަތެއް ނޫން، މިއީ ޒަމާނުއްސުރެ ރާއްޖޭގައި އަމަލު ކުރަމުން އައި ގޮތް،
ދުވަހުގެ ފޮޓޯ

އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު އީގަލްސް އަދި ވެލެންސިއާ ކުޅުނު މެޗުގެ ތެރެއިން. މި މެޗު 1-0 އިން ކާމިޔާބުކޮށް ވެލެންސިއާ އިން ވަނީ ސެމީގެ ފުރުސަތު ފަހިކޮށްފައި --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު












