ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ޕާޓީތަކުން ކުށްވެރިކުރިއިރު ސަރުކާރުން އެއްޗެއް ނުބުނި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް, އަދާލަތުގެ ރައީސް އިމްރާން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު: އިންޑިއާ މައްސަލާގައި ސަރުކާރުން އެއްޗެއް ނުބުނޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް, އަދާލަތުގެ ރައީސް އިމްރާން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު: އިންޑިއާ މައްސަލާގައި ސަރުކާރުން އެއްޗެއް ނުބުނޭ

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާ އަދި ކީރިތި ގުރުއާނަށް ފުރައްސާރަކުރި މައްސަލަ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުގެ އިތުރުން ބައެއް ދީނީ ޖަމިއްޔާ ޖަމާތްތަކުން ކުށްވެރިކުރިއިރު, ސަރުކާރުން އެއްޗެއް ނުބުނެ ފަސްޖެހިއްޖެ އެވެ.

އިންޑިއާގެ ޓީވީ ޗެނަލެއްގައި ދެއްކި ޕްރޮގްރާމެއްގައި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވަނީ ބީޖޭޕީގެ ނޭޝަނަލް ސްޕޯކްސްޕާސަން ނުޕުރް ޝަރުމާ އާއި ނިއުދިއްލީގައި ހުނަން ބީޖޭޕީ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ. އެމީހުން ދެއްކި ވާހަކަތައް ހޫނުވެ, އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކުރަން ފެށުމުން ބީޖޭޕީއިން ވަނީ ދެ މީހުންނާމެދު ފިޔަވަޅު އަޅާފަ އެވެ. އެގޮތުން, ނުޕުރް ޝަރުމާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް, ނަވީން ކުމާރު ވަނީ ޕާޓީން ވަކިކޮށްފަ އެވެ.

އިސްލާމީ ގިނަ ގައުމުތަކަކުން އެ ދެ މީހުންގެ ވާހަކަތައް ކުށްވެރިކޮށް ބަޔާން ނެރެ އިހުތިޖާޖުކޮށްފައިވާއިރު ދިވެހި ސަރުކާރުން މިކަމުގައި މިހާތަނަށް އެއްޗެއް ނުބުނެ އެވެ. އެކަމުގައި ސަރުކާރުގެ ބަހެއް ހޯދުމަށް މި ނޫހުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވެސް ޖަވާބެއް ނުދެއްވި އެވެ.

ބީޖޭޕީގެ ވާހަކަތަކާ ދެކޮޅަށް ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ސަލަފު ޖަމިއްޔާ އަދި ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ކުށްވެރިކޮށް ވަނީ ވާހަކަ ދައްކާފަ އެވެ. އަދާލަތު ޕާޓީން ބުނީ, ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ހަޑިމުޑުދާރު އަމަލު އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފަރާތުން ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށެވެ.

"...އެކަލޭގެފާނު ޝަޚްސިއްޔަތުގެ ދިފާއުގައި ތެދުވާނެ އެތައް މިލިއަން މުސްލިމުންނެއް އިންޑިއާ އާއި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބިކަން ވެސް އެފަދަ ފަރާތްތަކަށް ހަނދާން ކޮށްދެމެވެ،" އަދާލަތުން ބުންޏެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކީރިތި ރަސޫލާއާ ގުޅުވާ ދެއްކި ވާހަކަތަކުގެ ސަބަބުން އެތައް ބިލިއަން މުސްލިމުންނެއް އެކަން ކުށްވެރިކުރާ ކަމަށެވެ. އެ ވާހަކަތައް ގާސިމާއި މުޅި ޖުމްހޫރީ ޕާޓީން ވެސް ކުށްވެރި ކުރާ ކަމަށް ވިދާޅުވި އެވެ.

ސަލަފްގެ ރައީސް ޝެއިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވީ ރަސޫލާއަށް ފުރައްސާރަކުރުން ބޮޑު ކަމަކަށް ނުވާ ސަރުކާރެއްގައި ބަރަކާތެއް ނޯންނާނެ ކަމަށާއި އެފަދަ ސިޔާސަތުތައް ދަމަހައްޓާ ޕާޓީތަކަށް ލާދީނީ އޭ ކިޔުމުގެ ހައްގުވެސް ރައްޔިތުންނަށް ލިބިގެންވާނެ ކަމަށެވެ.

"އެ ސިޔާސަތު ދަމަހައްޓަމުންދާހާ ހިނދަކު، ޕާޓީއަކީ ލާދީނީ ޕާޓީއެއްކަން ކިޔުމުގެ ހައްގު ވެސް ދެންތިބި ރައްޔިތުންނަށް ލިބިގެންވާނެ." އޭނާ ވިދާޅުވި އެވެ.

ބީޖޭޕީގެ ވާހަކަތައް ކުށްވެރިކޮށް އެ މައްސަލަ ދޫކޮށްނުލާނެ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަނުން ބުނީ ރަސޫލާއަށް ބަދުބަސް ބުނެ ދެއްކި ވާހަކައަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އެ ވާހަކަތަކަކީ އިންޑިއާގައި މިހާރު އިސްލާމް ދީނާ މެދު ނަފްރަތު އުފައްދާ މިންވަރާއި ނިޒާމީ ގޮތެއްގައި ނަސްލީ ތަފާތުކުރުންތައް ގެންގުޅޭ މިންވަރު އިތުރުވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އެ ދެ ޕާޓީން ނެރުނު ބަޔާނުގައިވެ އެވެ.

"ނުފޫރު ޝަރުމާގެ ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކަކީ މުޅި މުސްލިމު އުއްމަތަށް ފުރައްސާރަކުރުން. ހުރިހާ މުސްލިމުން ހިތުގަ ޖެއްސުން،" އެ ބަޔާނުގައިވެ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް މިމައްސަލައާ ގުޅިގެން ކުއްލި މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެހެންނަމަވެސް, އެ މައްސަލަ މަޖިލީހަށް ބަލައިގެންފައެއްނުވެ އެވެ. އެ ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އެ މައްސަލައިގައި ވަނީ ގުރުއާނާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ސަރުކާރުން ކުށްވެރި ކުރުމަށް ގޮވާލާފަ އެވެ. މި މައްސަލަ މަޖިލީހަށް ބަލައި ގަތުމާމެދު ނެގި ވޯޓުގައި، 33 މެންބަރުންގެ ވޯޓާއެކު މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ އިސް ދެ މީހަކު, ރަސޫލާއަށް ފުރައްސާރަވާ ގޮތަށް ވާހަކަ ދެއްކުމުން, އެކަމާ ނުރުހުންވެ އިހުތިޖާޖު ކުރުމުގެ ގޮތުން, އެ ގައުމުތަކުގައި ތިބި އިންޑިއާ ސަފީރުން ފޮރިން މިނިސްޓްރީތަކަށް ހާޒިރުކޮށްފައިވެ އެވެ.

އެގޮތުން ގަތަރު, އީރާން އަދި ގަތަރުން ވަނީ އިންޑިއާގެ ސަފީރުން ހާޒިރުކޮށް, ރަސްމީކޮށް އިންޑިއާ ސަރުކާރު ހިންގާ ޕާޓީގެ ލީޑަރުގެ ވާހަކަތަކާ ދެކޮޅު ހަދާފަ އެވެ. ގަތަރުން އިންޑިއާ ސަފީރު ހާޒިރުކޮށް, ހަވާލުކުރި އިހުތިޖާޖު ސިޓީގައި ބީޖޭޕީގެ ލީޑަރު ދެއްކި ވާހަކަތަކަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މާފަށް އެދުމަށް ގޮވާލާފައިވެ އެވެ.

މިކަން ހިނގިއިރު, ވިޔަފާރިވެރިންގެ ވަފުދަކާއެކު އިންޑިއާ ނައިބު ރައީސް ހުންނެވީ ގަތަރުގަ އެވެ.

ސައުދީ އަރަބިއްޔާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި, ބީޖޭޕީގެ ލީޑަރު ދެއްކި ވާހަކަތަކަކީ އިސްލާމް ދީނަށް ކުރި ފުރައްސާރައެކެވެ. އެ ވާހަކަތައް ބަލައިނުގަނެ, އެކަމާ ސައުދީ ފޮރިން މިނިސްޓްރީން ކަންބޮޑުވާކަން ވަނީ ހާމަކޮށްފަ އެވެ.

ސައުދީ އަރަބިއްޔާ އާއި ބަހްރެއިން އަދި ގަލްފްގެ ބައެއް އެހެން ގައުމުތަކުގެ ސުޕަމާކެޓްތަކުން ވަނީ އިންޑިއާ އުފެއްދުންތައް ވިއްކުން ވެސް ހުއްޓާލާފަ އެވެ. އިސްލާމީ ގައުމުތަކުން އިންޑިއާމެދު ނުރުހުން ފާޅުކުރަމުންދާއިރު, އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ވެސް ވަނީ އިންޑިއާގެ ސިޔާސީ ލީޑަރުގެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox