ކުޅިވަރުގެ އެންމެ މަތީ ފަންތީގައި އަންހެނުންނާއި ފިރިހެނުންނަށް ފުރުސަތު ލިބުމުގައި ހުރި ތަފާތުތައް ނައްތާލަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފުޓްބޯޅައިންނެވެ. ފަހަކަށް އައިސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ބޮޑަށް ފެންނަ އެއް މަންޒަރަކީ ފިރިހެނުންގެ ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގެ މެޗުތަކުގައި އަންހެން ރެފްރީން އިންސާފުކުރުމުގެ މަންޒަރެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް އަރަމުން ގޮސް، ހަތަރު އަންހެން ރެފްރީން މިހާރު އެ ތައްޔާރު ވަމުން އަންނަނީ މި އަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި އަންހެން ރެފްރީން ކުރިއެރުވުމުގެ މަސައްކަތް އެކި ސިފަސިފައިގައި ކުރެ އެވެ. ރާއްޖޭގައި ވެސް މިކަން އޮތީ މިހެނެވެ.
މިދިޔަ އޭޕްރީލް މަހު، އެފްއޭއެމް އާއި ކްލަބް އިވެންޓްސް ގުޅިގެން، ބޭއްވި އެފްއޭއެމް ވެޓަރަންސް ލީގުގެ ގިނަ މެޗުތަކެއްގައި އިންސާފުކުރަން ހަރަކާތްތެރިވި ދިވެހި އަންހެން ރެފްރީ، މަރިޔަމް އަހުމަދު (ޖެސީ) އަކީ، މި ވަގުތު "އެކްޓިވްކޮށް" ފެންނަ ސީނިއާ ހަމައެކަނި އަންހެން ދިވެހި ރެފްރީ އެވެ.
ފުޓްބޯޅައިގެ ތެރޭގައި 15 ވަރަކަށް އަހަރުވި ޖެސީ ފުޓްބޯޅަ ދަނޑުތަކުން ފެންނަ ނިސްބަތް މިހާރު ފަހަރަކަށް ވުރެ ފަހަރެއް ގިނަވަމުން މި އަންނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުޓްބޯޅަ އަށް ދޫވި ހިތާއި، ރެފްރީކަން ކުރަން ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ.
ފުޓްބޯޅައިގައި ޖެސީ އެންމެ ފުރަަތަމަ ހަރަކާތްތެރިވީ، ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
"ފުރަތަމަ މާޔަންގެ ފަރާތުން ނެޝަނަލް ޓީމަށް ކުޅެން ޗާންސް ލިބުނީ، އެއީ ފުޓްބޯޅަ އަށް އާދެވުނު ގޮތަކީ، 2008 ހިސާބުގައި އެއީ، ދެން އެކަމު، ގެޕް ނަގަން، އެއީ މެލޭޝިއާ އަށް ވެސް ދާން ޖެހޭ، ރިއޯ ކޯޗު ދިއުމުގެ ކުރިން އަނެއްކާ ވެސް ނެޝަނަލް ޓީމަށް ކުޅެން ޖޮއިން ކުރެވުނު ކުޅެފައި، 2014 ހިސާބުހެން ހީވަނީ ކުުޅުން ނިންމާލީ،" އެކިއިރު ބްރޭކް ނަގަން ޖެހުނު ފުޓްބޯޅަ ކެރިއަރަށް އިޝާރާތްކޮށް ޖެސީ، އޭނާގެ ފުޓްބޯޅަ ހަޔާތުގެ ވާހަކަ ކިޔައިދޭން ފެށި އެވެ.

އެފްއޭއެމް ވެޓެރަންސް ލީގުގެ މެޗެއްގެ ތެރެއިން ޖެސީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކުޅުން ހުއްޓާލުމަށް ފަހު، ފުޓްބޯޅައިގެ ތެރޭގައި ޖެސީގެ ހަރަކާތްތެރިކަން ބޮޑުވީ ވިމެންސް ފުޓްބޯލް ކްލަބް (ޑަބްލިއު އެފްސީ)ގެ ޕްރޮގްރާމްތަކުގެ ތެރެއިންނެވެ. އެ ގޮތުން ޑަބްލިއު އެފްސީގެ ރައީސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ، މަރިޔަމް މުހައްމަދު (މާޔަން)ގެ އެހީތެރިކަމާއި، އެ ކްލަބްގެ އެހެން މެމްބަރުންގެ އެއްބާރުލުމާ އެކު ޖެސީ ވަނީ ފުރަތަމަ ކޯޗިން ކޯހެއް ފުރިހަމަކޮށްފަ އެވެ. ފުޓްބޯޅައިގެ އިތުރު ފުރުސަތުތަކަށް ވެސް ބޭނުންވާތީ، ޖެސީ ހުރީ، ފުޓްބޯޅައިގެ ތެރެއިން އެހެން ކަމެއް ތަޖުރިބާ ކޮށްލަން ވިޔަސް، ކުރިއަށްދާން ފުރުސަތަކަށް އެދި އެދި އެވެ. އެހެން ހުއްޓައި، ލިބުނީ ރެފްރީ ކޯހެކެވެ.
"ރެފްރީކަން ފެށީ 2019 ގައި، އެފްއޭއެމުން ރެފްރީންގެ ކޯސް ރޭވިއިރު އަންހެން ކުދިން ނުލިބިގެން ޑަބްލިއު އެފްސީއާ ވާހަކަ ދައްކައިގެން، ޑަބްލިއު އެފްސީ ތުރޫކޮށް ފުރަތަމަ ރެފްރީ ކޯހެއްގައި ބައިވެރިވީ، 21 ވަރަކަށް ކުދިން އައީ، ފާސްނުވަނީ ތިން ވަރަކަށް ކުދިން، ދެން ތިބި ކުދިން ފާސްވި،" ރެފްރީކަން ފެށުނު ގޮތަށް އިޝާރާތްކޮށް ޖެސީ ބުންޏެވެ.
"ވާގޮތަކީ، ކަން އޮތްގޮތުން އެހެން ކުދިންނަށް ޖޮބްގެ ގޮތުން ޓައިމެއް ނުދެވޭ މި ކަމަށް، އެކަމަކު، ޖެސީ ކުރާހިތްވާތީ ޓައިމް ދެވޭ. (ރެފްރީ ކޯހަށް ފަހު) ތިން ވަރަކަށް ކުދިން އައި، އެކަމަކު، އެ މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން ނުވީ،"
ރެފްރީގެ ބެޖް ލިބުމާ އެކު ޖެސީ އަށް ފުރުސަތުތަކުގެ ދޮރު ހުޅުވުނެވެ. ރިސޯޓްތަކުގެ ފުޓްބޯޅަ މުބާރާތްތަކާއި ރަށްރަށުގައި ބާއްވާ މުބާރާތްތަކުގެ އިތުރުން ސްކޫލް ކުދިންގެ މެދުގައި ބޭއްވޭ މުބާރާތްތަކުގައި ރެފްރީކަން ކުރަން ޖެސީ އަށް ފުރުސަތު ލިބެން ފެށި އެވެ. އެކަމަކު، ޖެސީގެ ރެފްރީކަމުގެ ކެރިއަރު ހަލުވި ދުވެއްޔެއްގައި ކުރިއަށް މިސްރާބު ޖަހާފައިވަނިކޮށް، ބުރަކި ޖައްސަން ޖެހުނީ ކޮވިޑް-19ގެ ސަބަބުން ކުޅިވަރަށް އައި ހުއްޓުމާ ހެދި އެވެ.

ވެޓެރަންސް ލީގުގެ މެޗެއްގެ ތެރެއިން ޖެސީ: ފިރިހެން ބޮޑެތި މެޗުތަކުގައި ރެފްރީކަން ކުރުމަކީ ޖެސީގެ އަޒުމެއް.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު
ކޮވިޑަށް ފަހު ކުޅިވަރު އަލުން ހިނގައިގަނެގެން އައިއިރު، ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރެއިން، ކޮވިޑް އައިއިރު ހުރި ހިސާބުން އަލުން ފެއްޓުމުގެ އަޒުމާއި ހިތްވަރު ހުރީ މަދު ބައެއްގެ އެވެ. އޭގެ ތެރެއިން އެކަކަކީ ޖެސީ އެވެ. ކޮވިޑާ ހެދި ހުއްޓުނު، ރެފްރީ ކެރިއަރު ދެ ގުނަ ރަނގަޅަށް ކުރިއަށް ގެންދަން ޖެސީ އަވަސް ވެގަތެވެ.
ރެފްރީއެއް އަމިއްލަ އަށް އިމްޕްރޫވްވާން މަސައްކަތް ކުރުމަކީ ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް ކަަމަށް ޖެސީ ގަބޫލުކުރެ އެވެ. އެ ގޮތުން ރަނގަޅަށް ޓްރެއިނިން ހަދައި، ފިޓްނަސް އަށް މަސައްކަތް ކުރުން އެއީ ވަރަށް މުހިންމު ބައެއްގެ ގޮތުގައި ޖެސީ ދެކެ އެވެ.
"ޖެސީ އާންމުކޮށް ފިރިހެން ރެފްރީންތަކާ އެކު ޓްރެެއިނިން ހަދަން، ހަމައެކަނި އަންހެނަކަށް ދާނީ ވެސް ޖެސީ، އެހެން އަންހެން ކުދިން ދާން ބުންޏަސް އެހެން ކުދިން ވަނީ ބިޒީ، ދެން، ދާހިތްނުވަނީ ނޫނީ ކުރާހިތްނުވަނީ، އިންޓަރެސްޓް ނެތީމަ ކަމަށް މި ބަލަނީ ނުދާނީ، އެއީ ވަގުތު އެއީ ހޯދީމަ ލިބޭ އެއްޗެއް، މި ކިޔަނީ ގަޑިއިރެއް ނޫނީ ދެ ގަޑިއިރުގެ ވާހަކަ،" ކުރާ ކަމަކަށް ވަގުތު ދިނުމުގެ މުހިންމު ކަމާާއި އަމިއްލަ ނަފްސަށް ތެދުވެރިވުމަކީ ކުރިއަށް ދިއުމަށް އެޅޭ ފިޔަވަޅެއްކަން ފާހަގަކޮށް ޖެސީ ބުންޏެވެ.
އެހެން އަންހެން ކުދިން ރޯދަ މަހު ބަދިގޭގައި އުޅޭ ވަގުތު ޖެސީ މި ހުންނަނީ ރެފްރީކަން ކުރަން އައިސް - ރެފްރީ، މަރިޔަމް އަހުމަދު (ޖެސީ)
ސީނިއާ ރެެފްރީންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަން ޖެސީ ފާހަގަކުރި އެެވެ. އަދި މި ދާއިރާގައި އެންމެން ދޭ އެއްބާރުލުމަކީ ކުރިއަށް ދާން ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށް ޖެސީ ވަނީ ބުނެފަ އެވެ.
"އެއްވެސް މީހަކު ނެތް ދަށެކޭ ބުނެފައެއް، ވެޓެރަންސްގައި ވެސް ފެންނާނެ ކަންނޭނގެ. ފިރިހެން ރިޓަޔާޑް މީހުން، އެންމެ މަތީ ލެވަލްގައި ކުޅެފައި ތިބި ޕްލޭޔަރުންގެ މުބާރާތެއްގައި ރެފްރީކަން ކުރީ، ހަތަރު ވަނަ އޮފިޝަލަކަށް ވެސް ހުރިއިރު، އެއީ ވެސް ޒިންމާ ބޮޑު މަގާމެއް، ދެން، ލައިން ވެސް ބެލިން، ދެން މިހާރު ހަގީގަތުގައި، ކަމެއް ދިމާވާއިރު، ރެފްރީން ނެތް ހާލަތެއްގައި، މި ހުންނަނީ އެސިސްޓަންޓް ރެފްރީން. އެންމެން މި އެހީވަނީ ރެފްރީ އަށް،" ޖެސީ ބުންޏެވެ.

ވެޓެރަންސް ލީގުގެ މެޗެއްގެ ތެރެއިން ޖެސީ މެޗެއްގެ ފޯތު އޮފިޝަލެއްގެ ގޮތުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކޮވިޑަށް ފަހު، ވެޓެރަންސް މުބާރާތުގެ އިތުރުން ޖެސީ އަށް ވަނީ ނައިފަރުގައި ކުރިއަށްދިޔަ އެފްއޭއެމް އިންވިޓޭޝަނަލް މެޗުތަކުގައި ރެފްރީކަން ކުރުމުގެ ފުރުސަތު ވެސް ލިބިފަ އެވެ.
މިހާތަނަށް އައިއިރު، ޖެސީ އެންމެ ހިތްހަމަޖެހޭ ފެންވަރަށް ރެފްރީކަން ކުރެވުނު މުބާރާތަކީ ވެޓެރަންސް ލީގެވެ.
"ވެޓެރަންސް މުބާރާތް ވަރަށް ހިތްހަމަޖެހޭ ރޯދަ އަށް ހުރެފައި، އެންމެންގެ ސަޕޯޓް ލިބިފައި، އެކެއްގެ އަނގައިން ވެސް ނެގެޓިވް ބަހެއް ނާންނަ މުބާރާތެއް އެއީ. ކުުޅުންތެރިން ވެސް ވަރަށް ރެސްޕެކްޓް ކުރި، ކުރީ ޒަމާނު ކުޅެފައި ތިބި ލެޖެންޑުން އެއީ. އެކަކު ވެސް ބާކީކޮށްލަން އުޅުނު ތަނެއް ނުފެނޭ އެއީ އެންމެ ބޮޑު ހިތްހަމަޖެހުން،" ޖެސީ ބުންޏެވެ.
"އެހެން އަންހެން ކުދިން ރޯދަ މަހު ބަދިގޭގައި އުޅޭ ވަގުތު ޖެސީ މި ހުންނަނީ ރެފްރީކަން ކުރަން އައިސް، މިއީ ވެސް މި ކަމަށް ހުރި ޝައުގުވެރިކަމުން ހަގީގަތުގައި،"
ހަމައެކަނި ސީނިއާ އަންހެން ރެފްރީ އަކަށް ޖެސީ ހުރުމުން އޭނާގެ ބޮލުގައި ޒިންމާ އެއް އޮތް ކަމުގެ އިހުސާސް ވެސް ކުރެވެ އެވެ. އެއީ އެހެން މީހުންނަށް ނަމޫނާ އަކަށް ވުމާއި އަންހެން ރެފްރީންނަށް ވެސް ފުރުސަތު އެބައޮތްކަން ސާބިތުކޮށްދިނުމެވެ.
"ޖެސީ އަށް ވެސް ފީލް ވަނީ ވަރަށް ބައިވަރު މީހުން ޖެސީ އަށް ރެސްޕެކްޓް ކުރާހެން. ވަރަށް ހިތްހަމަޖެހޭ އަސްލު، ދެން އޮންނަ ޖީލަކަށް ވެސް ދޭން ބޭނުން މެސެޖެއް އެއީ، އަންހެން ރެފްރީންނަށް މުސްތަގުބަލު އެބައޮތް ކަން،" ޖެސީ ބުންޏެވެ.
"މިއީ ހަމަ ރަނގަޅު ފިއުޗާ އެއް އޮތް ކަމެއް. މީހުންގެ ރެސްޕެކްޓް ލިބޭ، ސަޕޯޓް ވެސް ލިބޭ. މީގަ އަސްލު ޖެހޭނީ އެ މީހެއްގެ ބިހޭވިއާ އާއި ދެން ހުރި ކަންތައްތައް ރަނގަޅުކޮށްލާފައި. ކުރީގައި އުޅޭގޮތް ދޫކޮށްލާފައި، މިއީ މީހުންނަށް ވަރަށް މުހިންމު މީހެކޭ، އެކަން އަމިއްލަ އަށް ގަބޫލުކޮށްގެން ކުރިއަށްދާންވީ،"
އެފްއޭއެމާއި ގުޅިގެން ރެފްރީސް އެސޯސިއޭޝަނުން މުސްތަގުބަލަށް ރެފްރީން ތައްޔާރު ކުރުމުގެ މަަސައްކަތްތައް އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ. ޓްރެއިން ކުރާ ރެފްރީންނަށް ރަސްމީ މުބާރާތްތަކުގެ މެޗުތަކުން ފުރުސަތު ދޭން ލިބޭ ވަގުތުގައި އޭގެ ބޭނުން ހިފަ އެވެ. އެ ގޮތުން ވެޓެރަންސް ލީގުގައި ވަނީ ދެ ޖޫނިއާ ރެފްރީންނަށް މެޗުތަކެއްގައި އެސިސްޓަންޓް ރެފްރީންގެ ގޮތުގައި އިންސާފުކުރުމުގެ ފުރުސަތު ދީފަ އެވެ.
ޖެސީ ދެކޭ ގޮތުގައި މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކޮންމެ މީހަކަށް ވެސް ދޭން ޖެހެނީ ފުރުސަތެވެ. ޖޫނިއާ ރެފްރީ އެއް ވިޔަސް ނޫނީ ސީނިއާ ރެފްރީއެއް ވިޔަސް ކުރިއަރާނީ ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށް، ހެދޭ ގޯސްތައް އަމިއްލަ އަށް ރަނގަޅުކޮށްގެންނެވެ. ހަމައެކަނި ކޯސްތައް ފުރިހަމަކޮށް، މެޗު ނުލިބި، ރެފްރީންކުރި ނާރާނެ ކަމަށް ޖެސީ ވަނީ ބުނެފަ އެވެ.
"ޗާންސް ދިނުން އެ މުހިންމު ވަނީ އެ ދެނީ ފުރުސަތެއް މި ދާއިރާއިން ކުރިއަށް ދިއުމުގެ ބިންގާ އަޅަން. ޕްރެކްޓިސް މޭކްސް ޔޫ ޕާފެކްޓޭ ބުނާހެން، މި ޓްރެއިނިންގައި ބުނާ އެއްޗެއް މެެޗެއްގައި ބޭނުން ހިފުން އެއީ މީގެ މުހިންމު ކަންތައް. މެޗަކަށް އަރައިގެން ރެފްރީކަން ކޮށްލުމަކީ މީގެ ކުރިއެރުން ފެށޭ ހިސާބަކީ، ހަމައެކަނި ކޯސް ފުރިހަމަ ކުރުމަކުން ނިމުނީއެއް ނޫނޭ ބުނެލަން އޮތީ،" ޖެސީ ބުންޏެވެ.
ރެފްރީއެއްގެ ގޮތުގައި ޖެސީ ކުރިއަށްދާން އެހީތެރިވާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެ އެވެ. އެ ގޮތުން، ޑަބްލިއު އެފްސީގެ މާޔަން އާއި އާމިރާގެ އިތުރުން ރެފްރީން ކަމަށްވާ އަހުމަދު އަމީޒާއި މުހައްމަދު އަމީޒްގެ ނަން ޖެސީ ފާހަގަކުރެ އެވެ. މީގެ އިތުރުން، ތަފާތު ކުރުމެއް ނެތި، ދާއިރާގައި ކުރިއަށް ދިއުމަށް ފިރިހެން ރެފްރީން ދޭ ސަޕޯޓަށް ވެސް ޖެސީ ޝުކުރުވެރިވެ އެވެ.
"ދެން، މި ހުރިހާ ކަމެއްގައި، އާއިލާ އާއި ރަށްޓެހިން ހަގީގަތުގައި ވަރަށް ބޮޑަށް އެހީވޭ،" ޖެސީ ބުންޏެވެ.
ފުޓްބޯޅަ ކޯޗެއްގެ ގޮތުގައި އަންހެން ކުދިން ފުޓްބޯޅައިގެ ތެރެއިން ޑިވެލޮޕްކުރުމަކީ ވެސް ޖެސީ ކުރާހިތުން ކުރާ ކަމެކެވެ. އެކަމަކު، އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އޭނާގެ ޝައުގުވެރިކަން ހުރީ ރެފްރީކަން ކުރުމަށެވެ. މި ވަގުތު އެފްއޭއެމްގެ 16 އަހަރުން ދަށުގެ މުބާރާތުގެ ރެފްރީންގެ ޕޫލުގައި ހުރި ޖެސީ ބުނީ، ރާއްޖޭގެ އަންހެން ރެފްރީން ކުރިއަރައިގެން ގޮސް "ތާރީހީ ކަންކަން" ހާސިލްކުރާ މަންޒަރު ކޮންމެ ވެސް ދުވަހަކުން ދެކެން ބޭނުންވާ ކަމަށެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މި ވަގުތުގެ ހާލަތުން މިސާލުން ނަގާނަމަ، މިހާރު އަންހެން ރެފްރީންނަށް ނުވާނެ ކަމެއް ނެތެވެ. ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ފީފާ ވޯލްޑް ކަޕާ ހަމައަށް ވެސް އަންހެން ރެފްރީން ފޯރައިފި އެވެ.













