ވ. އާރަށު މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރާ ގޮތަށް އިއްޔެ ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލު ކުރީ އިއްޔެ މެންދުރުފަހު 1:00 ޖަހާއިރަށެވެ.
"މައްސަލަ ބައްލަވާ ގާޒީ [އިސް ގާޒީ އަހްމަދު ޝަކީލް] އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ކެންސަލް،" ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް މީޑިއާތަކާ އިއްޔެ ހިއްސާ ކުރި މެސެޖްގައިވެ އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފައިވާއިރު، ކުރިމިނަލް ކޯޓުން ވަނީ އަޑުއެހުން ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރަން ހަމަޖައްސާފަ އެވެ.
ޔާމީންގެ މައްޗަށް ކުރިން ކުރިމިނަލް ކޯޓުގައި ގއ. ވޮޑުމުލާއާ ގުޅޭ ޝަރީއަތް ލައިވްކޮށް ކުރިއަށް ދިޔައިރު, އާރަށުގެ މައްސަލާގެ ޝަރީއަތް ލައިވްކުރުމަށް ޔާމީން ކޯޓުގައި ތަކުރާރުކޮށް ގެންދެވީ އެދިވަޑައިގަންނަވަމުންނެވެ.

ނަމަވެސް, މައްސަލަ ބައްލަވާ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމަވާފައި އޮތީ މައްސަލަ ޝަރީއަތުގެ މަރުހަލާއާ ހިސާބަށް ދިޔުމުން ލައިވްކުރަން ފައްޓަވާށެވެ. މައްސަލާގެ ޝަރީއަތުގެ މަރުހަލާ މާދަމާ ފަށާއިރު, އިބްތިދާއީ ފަހު އަޑުއެހުމުގައި ލައިވް ކުރުމާ ގުޅޭ ގޮތުން ޔާމީން ސުވާލު ކުރެއްވުމުން އިސްގާޒީ ވަނީ ޝަރީއަތް ފަށާނީ ލައިވްކޮށްގެން ކަމަށް ވިދާޅުވެފަ އެވެ.
އާރަށު މައްސަލާގައި ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. ދައުލަތުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެ އެވެ.
މީގެއިތުރުން ރ. ފުއްގިރި މައްސަލައިގައި ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އުފުލައި, ކުރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ކުރިއަށްދެ އެވެ.
ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރާ ގޮތުގައި ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު ވަނީ ގަބޫލުކޮށްފަ އެވެ. އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަންގެ ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށެވެ.
ޔާމީންގެ ނަމުގައި އޮތް އިސްލާމިކް ބޭންކްގެ ސޭވިން އެކައުންޓަކަށް އެ ފައިސާ ޖަމާކުރުމަށް ފަހު، ޖެނަރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކޮށް މަންފާ ހޯދައި، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
ބައެއް މުހިންމު ހަބަރުތައް
- އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބާވަތްތައް ޖޫން މަހުން ފެށިގެން ރާއްޖެއަށް އެތެރެކުރުން މަނާ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހު ނެރުއްވި ގަރާރަށް އަމަލުކުރަން ފަށާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، އަނިޔާވި 21 އަހަރުގެ ޒުވާނަކު މަރުވީ އިއްޔެ އެވެ.
- ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހަޅާ ހެކިންގެ ހެކިބަސް މި މަހުގެ ނިޔަލަށް ނަގައި ނިންމަން ކޯޓުން ތާވަލެއް އެކުލަވާލީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ ޓިމް ސޯޔާ މިދިޔަ ތިން އަހަރު ދުވަހު ތެރޭގައި ބޭންކަށް ރަނގަޅު ނަތީޖާތަކެއް ހޯއްދަވައި ދެއްވުމަށް ފަހު، އެ މަގާމުން ވަކިވެވަޑައިގަންނަވާނެކަން ހާމަކުރައްވަމުން ވިދާޅުވީ:
މިދިޔަ އަހަރުތަކަކީ ބޭންކަށް ވަރަށް ދަތި އުނދަގޫ އަހަރުތަކެއް، ނަމަވެސް އެ ދަތިތަކުން އަރައިގަނެ މިއަދު ބޭންކު މި އޮތީ ކުރިމަގުގައި ވެސް ކާމިޔާބު ހޯދޭނެ ވަރަށް ވެސް ރަނގަޅު ހާލަތެއްގައި، އަޅުގަނޑާއެކު މި މުއްދަތުގައި މުވައްޒަފުން ހޯދި ކާމިޔާބީއަށް ފަހުރުވެރިވަން،
ދުވަހުގެ ފޮޓޯ

މިއުސް އިން ބޭއްވި ތުރޫ ދަ އައިސް އޮފް ވެންގޯ އެގްޒިބިޝަންގެ ތެރެއިން. ދުނިޔެ ދުށް އެންމެ މަޝްހޫރު އަދި އެންމެ ނުފޫޒު ގަދަ އެއް ކުރެހުންތެރިޔާ ކަމަށްވާ ވިންސެންޓު ވެންގޯ ގެ ކުރެހުންތަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ކުރެހުންތައް މި އެގްޒިބިޝަނުގައި ދައްކާލަން ވަނީ ބަހައްޓާފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު












