މި އަހަރުގެ ވޮލީ ސީޒަނަށް ގެނައި އާ ބަދަލާ އެކު އެކުލަވާލި ބިދޭސީ ކުޅުންތެރިންގެ ޕޫލުގައި ހިމެނޭ ކުޅުންތެރިން ކުލަބުތަކާއި ހަވާލްކޮށް ޓީމްތައް ފައިނަލްކޮށްފި އެވެ.
އާ ސީޒަނަށް ވޮލީބޯޅަ ސީޒަނަށް ގެނައި އެންމެ ބޮޑު ބަދަލަކީ ކޮންމެ ޓީމެއްގައި ބިދޭސީ ތިން ކުޅުންތެރިން ހިމެނޭ ގޮތަށް ގެނައި ބަދަލެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަނުން 18 ކުޅުންތެރިންގެ ޕޫލެއް އެކުލަވާލައި އެ ކުޅުންތެރިން ވަނީ ކުލަބުތަކަށް "ޑްރާފްޓް" ސިސްޓަމެއްގެ ތެރެއިން ހަވާލުކޮށްފަ އެވެ.
ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑްރާފްޓް އުސޫލުން ކުޅުންތެރިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ވޮލީބޯޅައިގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަ ކުލަބަށް ވަނީ ކުޅުންތެރިން ހަވާލުކޮށްފަ އެވެ. ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ފޯރުކޮށްދިނީ ކްލަބްތަކުގެ މެދުގައި ގުރު ނަގައިގެން ތަރުތީބު ލައްވާލި ގޮތަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ޝަރަފްވެރިކޮށްދެއްވި މިރޭގެ އިވެންޓްގައި، ކޮންމެ ކްލަބަކަށް ވެސް އެކުލަބުން ބޭނުންވާ މަގާމްތަކަކަށް ތިން ކުޅުންތެރިން ނެގުމުގެ ފުރުސަތު ހަމަހަމަ އުސޫލެއްގެ ތެރެއިން ވޮލީބޯލް އެސޯސިއޭޝަނުން ވަނީ ދީފަ އެވެ. ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި މި ފަހަރު މި ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ، އިންޑިއާގެ މަޝްހޫރު ޕްރައިމް ވޮލީބޯޅަ ލީގުގައި ފެންވަރު ސާބިތުކޮށްދީފައިވާ ތަރިންނެވެ.

މިރޭގެ އިވެންޓްގެ ތެރެއިން ބިދޭސީ ކުޅުންތެރިން ސެލްފީއެއް ނަގަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ/ އިސްމާއިލް ތޯރިގު
މިރޭގެ ޑްރާފްޓަށް ފަހު ދިވެހި ސިފައިންގެ ކުލަބާއި ގުޅޭ ތިން ބިދޭސީ ކުޅުންތެރިންނަކީ އެޓޭކަރު ޝޮން ޓީ ޖޯން، ބްލޮކަރު ކާތިކް އަދި އޮޕޮސިޓް ޕްލޭޔަރުގެ މަގާމަށް ކުޅޭ މަނޫ ޖޯސެފް އެވެ. މި ޓީމުގައި ތިބި ރާއްޖޭގެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ އަހުމަދު އަބްދުލްކަރީމް (ލޯންގޭ)، އަހުމަދު ޝާހިދު (ޝާޑު) އަދި އާދަމް ނަސީމް (އެޑަމާ) އެވެ. ސިފައިން ޓީމްގެ ކޯޗަކީ ޖުނައިދު އަބްދުﷲ (މާމަ) އެވެ.
ކުރިއަށް އޮތް ސީޒަންގައި ޕޮލިސް ކުލަބަށް ކުޅޭނެ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރު މުތުސާމީ، އެޓޭކަރު އަނޫ ޖޭމްސްގެ އިތުރުން ބްލޮކަރު އަކިން އެވެ. ޕޮލިހުގެ ކެޕްޓަނަކީ މުހައްމަދު ހަމްދޫން އެވެ. މީގެ އިތުރުން ގައުމީ ޓީމުގެ އުއްމީދީ ދެ ބްލޮކަރުން ކަމަށްވާ ޝުއައިބް އަބްދުއްލަތީފް އާއި އަލީ ނާފިއު ތިބީ ޕޮލިހުގަ އެވެ. ޕޮލިހުގެ ކޯޗަކީ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.
ޑްރާފް ސިސްޓަމްގެ ތެރެއިން ގުޑީސްއާ ގުޅުނު ތިން ކުޅުންތެރިންނަކީ ދެ އެޓޭކަރުންކަމަށްވާ ރިޔާޒުއްދީން އާއި ވަރުން ޖީއެސްގެ އިތުރުން ބްލޮކަރު މޯހިތު ޝަރާވަތެވެ. މި ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިންނަށް ބަލާއިރު ގައުމީ ޓީމްގެ ސެޓަރު ހުސައިން ވިޝާމް (ބުޅިކޭ) އާއި އެޓޭކަރު ހަސަން ނިލާމް (ޕާޓޭ) ފާހަގަކޮށްލެވެ އެވެ. މި ޓީމްގެ ކޯޗަކީ ގައުމީ ޓީމްގެ ކުރީގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗް އެވެ.
ގައުމީ ޓީމުގެ ވައިސް ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ލީޑު ކުރާ ސްޕޯޓްސް ކުލަބު ސިޓީ އިން މި ސީޒަންގައި ފެންނާނެ ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރު ހަރްދީޕް ސިންގް އާއި ސެޓަރު، ވިނާޔަކު އަދި އޮޕޮޒިޓް ޕްލޭޔަރު ވިނީތު ކުމާރު އެވެ. ވިނީތު ކުމާރަކީ މީގެ ކުރިން ފިރިހެން ޑިވިޝަންގެ މޯލްޑިވިއަން ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ޓީމްގެ ކޯޗަކީ ގައުމީ ޓީމްގެ އެސިސްޓަންޓް ކޯޗު ހުސައިން ޝަރީފު އެވެ.
ކޮލިފިކޭޝަނުން ބުރުން އެއް ވަނަ ހޯދައިގެން ކޮލިފައިވި ވެމްކޯގައި އޮތީ ވެސް ވަރުގަދަ ސްކޮޑެކެވެ. ގައުމީ ޓީމްގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ) އަދި އާދަމް ފައިރޫޒް ހިމެނޭ ވެމްކޯ ޓީމާ ގުޅޭ ބިދޭސީ ތިން ކުޅުންތެރިންނަކީ ސެޓަރު ރަންޖީތު ސިންގް އާއި ބްލޮކަރު އަޝްވަލް ރާއީ އަދި އެޓޭކަރު އަމިތު ސިންގ އެވެ. މި ޓީމްގެ ކޯޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ، އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.
އޮފު އެފްސީ އަކީ ރާއްޖޭގެ ތާރީހުގައި ކުޅިވަރު އެސޯސިއޭޝަނަކުން، ބިދޭސީ ކުޅުންތެރިން ކްލަބްތަކަށް ބެހުމަށް ބޭއްވި ފުރަތަމަ ޑްރާފްޓްގައި އެންމެ ފުރަތަމަ ކުޅުންތެރިއަކު ނަގަން ލިބުނު ޓީމެވެ. އެ ޓިމާ ގުޅުނު ބިދޭސީ ތިން ކުޅުންތެރިންނަކީ އެޓޭކަރު އަމިތު ގޫލިއާ އާއި، ބްލޮކަރު ޖޯން ޖޯސެފްގެ އިތުރުން ގުރޫ ޕްރަޝާންތު އެވެ. މި ޓީމްގެ ކެޕްޓަނަކީ ސެޓަރު އަހުމަދު ސިމާއު އެވެ. މީގެ އިތުރުން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުޙައްމަދު އަލީ (ޑެންޒޯ) އަކީވެސް މި ޓީމްގެ މުހިންމު ކުޅުންތެރިންނެވެ. ޓީމުގެ ކޯޗަކީ މުހައްމަދު ރިޝްވާން (ރިއްޗަޅޭ) އެވެ.
މިރޭ ޓީވީއެމްގެ ސްޓޫޑިއޯގައި އޮތް "ވީއޭއެމް ސީޒަން ޑްރާފްޓް" ގައި ވަނީ ސީޒަންގެ ލޯގޯ ލޯންޗުކޮށްފަ އެވެ. މި ލޯގޯ ލޯންޗުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
މި ސީޒަންގެ މުހިންމު މުބާރާތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ކަޕްގެ ގުރުއަތުލުންވެސް މިރޭވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި މަހު ފެށުމަށް ހަމަޖެހިފައިވާ އެސޯސިއޭޝަން ކަޕާއިއެކު ޖުލައި އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނީ ފިރިހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތްވެސް ކުރިއަށްދާނެ އެވެ.












