"އުޖާލާ ދިރިއުޅުން" ސްކީމު ބޭނުންކުރާ ފަރާތްތަކަށް މިހާރު އެސްޓާސް ފިހާރައިން ވެސް މުދާ ގަނެވޭނެ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފި އެވެ.
ގޭދެތެރޭގެ ސާމާނާއި ފަރުނީޗަރު އަދި އިލެކްޓްރޯނިކް އައިޓަމްތައް ވިއްކާ އެސްޓާސް ފިހާރަ އާއި އެމްއައިބީއާ ދެމެދު "އުޖާލާ ދިރިއުޅުން" އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ އެވެ.
"މިހާރު އުޖާލާ ދިރިއުޅުމުން މުދާ ނެގޭ ވަރަށް ގިނަ ފިހާރަތައް އެބަ ހުރި. ގާތްގަނޑަކަށް މިހާރު 300 އާ ގާތްކުރާނެ. އެ ލިސްޓަށް، އެސްޓާސް އިތުރުވުމަކީ ކަސްޓަމަރުންނަށް އަދި ބޭންކަށް ވެސް ލިބޭ އުފަލެއް،" އެމްއައިބީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އުޖާލާ ދިރިއުޅުމަކީ ކޮބާ؟
އެމްއައިބީގެ އުޖާލާ ދިރިއުޅުން ސްކީމަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެންމެ ކާމިޔާބު އެއް ސްކީމެވެ. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް މި ސްކީމުން މުދާ ގަނެވޭނެ އެވެ. މި ސްކީމުގެ ދަށުން ގިނަވެގެން ނެގޭނީ 400،000ރ. ގެ މުދަލެވެ
އުޖާލާ ދިރިއުޅުން ސްކީމުގެ ދަށުން ރާއްޖޭގެ ގިނަ ފިހާރަތަކަކުން މުދާ ނެގޭނެ އެވެ. ފައިނޭންސިން އެހެން ސްކީމްތަކާ ހިލާފަށް މި ސްކީމުގައި ފައިސާ ދައްކަން ބޭނުންވާ މުއްދަތު 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން ކަސްޓަމަރު ބޭނުންވާ މުއްދަތެއް ހިޔާރުކުރެވެ އެވެ.
މި ސްކީމުގެ ދަށުން ލިބޭ ފައިސާގެ ލިމިޓް ހަ މަސް ވަންދެން ބޭނުންކުރެވެ އެވެ. އެ މުއްދަތުގައި ބޭންކަށް ހަމައެކަނި ކޯޓޭޝަން ހުށަހެޅުމުން ދުވަހުން ދުވަހަށް މުދާ ލިބޭނެ އެވެ.








