ބައިނަލްއަގުވާމީ މުބާރާތްތަކަށްދާއިރު، ރާއްޖޭގެ ފިރިހެން ގައުމީ ވޮލީ ޓީމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ އަމިއްލަ ފަސްގަނޑުގައި ކުޅޭ ލޯކަލް ވޮލީބޯޅަ މުބާރާތްތަކުގައި އެކަށީގެންވާ މިންވަރެއްގެ ރަނގަޅު މެޗުތަކެއް ނުލިބުމެެވެ. މިއީ ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ދެކިގެން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ވިސްނީ ބަދަލެއް ގެންނާށެވެ.
އެ ގޮތުން މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކްލަބްތަކަށް ބިދޭސީ ކުޅުންތެރިން ހޯދައިދިނުމުގައި ހަމަހަމަ އުސޫލެއް ގާއިމްކުރުމާއި، ފެންވަރު ރަނގަޅު ކުުޅުންތެރިން ހުރިހާ ޓީމެއްގައި ބައިތިއްބޭނެ ގޮތެއް ހޯދުމަށް ވީއޭއެމުން އަވަސްވެގަތެވެ. ވީއޭއެމުން ނިންމީ ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ގެނެސްދިނުމުގެ ޒިންމާއާ ސީދާ އެސޯސިއޭޝަނުން ހަވާލުވުމަށެވެ. އެ ގޮތުން އިންޑިއާގައި ކުޅޭ އެންމެ މޮޅު 18 ކުޅުންތެރިން މި ފަހަރު، ދިވެހި ޓީމުތަކުން ފެނިގެންދާނެ އެވެ. އެ ކުޅުންތެރިން ޓީމުތަކަށް ބެހިގެންދާނީ މިރޭ ބޭއްވޭ ސީޒަން ޑްރާފްޓް ނައިޓްގަ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް، ޝަރަފްވެރިކޮށްދެއްވާ ވޮލީބޯލް ސީޒަން ޑްރާފްޓް ނައިޓް، ޓީވީއެމް ހޯލުގައި ކުރިއަށްދާއިރު، މިއީ މި ފަދަ ކަމެއް ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ކުރާ ފުރަތަމަ ފަހަރެވެ. މިއީ ތާރީހީ ބަދަލެއްގެ ފެށުމެކެވެ.
ވޮލީބޯލް ސީޒަނުގައި މި ފަހަރު އޮތް ހަ ކްލަބަކީ، ގަދަ ހަތަރު ޓީމު ކަމަށްވާ ދިވެހި ސިފައިންގެ ކްލަބް، ޕޮލިސް ކްލަބް، ސްޕޯޓްސް ކްލަބް ސިޓީ އަދި ގުޑީސް ސްޕޯޓްސް ކްލަބްގެ އިތުރުން ޕްރިލިމިނަރީ ރައުންޑުން ކޮލިފައިވި، އޮއްފު އެފްސީ އާއި ކްލަބް ވެމްކޯ އެވެ. މި ޓީމުތަކުން މިހާރު ވެސް ވަނީ ބިދޭސީ ކުޅުންތެރިން ބޭނުންވާ މަގާމުތައް ވީއޭއެމްއާ ހިއްސާކޮށްފަ އެވެ. ވީއޭއެމުން ބިދޭސީ ކުޅުންތެރިންގެ ޕޫލެއް އެކުލަވާލީ، ކްލަބްތަކުން ބޭނުންވާ ކުޅުންތެރިން ބެލުމަށް ފަހު އެވެ.
"ވަކި ސިސްޓަމެއްގެ ތެރެއިން ވަކި ފޯމެޓެއްގެ ތެރެއިން ކުޅުންތެރިން ދޭން މި ނިންމީ. ގައުމީ ލީގަށް ކޮލިފައިވެފައި އޮތް ހަތަރު ކުލަބާއި، ޕްރިލިމިނަރީ ރައުންޑުގައި ކުޅޭ ހަތަރު ކުލަބަށް އަޅުގަނޑުމެން ފޮނުވީ ފޯމެއް، އެ ޓީމަށް ބޭނުންވާ ބިދޭސީ ކުޅުންތެރިންގެ ޕޮޒިޝަން ފޮނުވަން. ދެން އަޅުގަނޑުމެން ނިންމީ ދިވެހި ޓީމަށް، ދިވެހި ކުޅުންތެރިންނަށް މަންފާ ކުރާނެ ލެވެލްގެ ކުޅުންތެރިން އެ ޕޮޒިޝަންތަކަށް ގެނެސް ޕޫލެއް ހަދަން." ވީއޭއެމްގެ ރައީސް، މުހައްމަދު ރަނޭޝް (ރަނޭ)، ވީއޭއެމްގެ ޑްރާފްޓް ސިސްޓަމާ ބެހޭގޮތުން ބުންޏެވެ.
"ދެން އަޅުގަނޑުމެން މިދަނީ ޑްރާފްޓް ސިސްޓަމަކަށް، އެެއީ ކުލަބުތަކުގެ މެދުގައި ގުރެއް ނަގައި، ވަކި އޯޑަރަކުން އެބޭފުޅުން ބޭނުންވާ ކުޅުންތެރިން މި ބުނާ 18 ކުޅުންތެރިންގެ ޕޫލުން ނެގޭނީ."
ރާއްޖެ އަންނަ މި ބިދޭސީ ކުޅުންތެރިންނަކީ އިންޑިއާގެ މަޝްހޫރު ވޮލީބޯޅަ ލީގު ކަމަށްވާ "ޕްރައިމް ވޮލީބޯލް ލީގު"ގައި ކުޅެމުން އަންނަ ކުޅުންތެރިންނެވެ. މިރޭ، ޑްރާފްޓް ނައިޓުން ޓީމުތަކަށް ލިބޭ ބިދޭސީ ކުޅުންތެރިން އެނގޭއިރު، ދެ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއް ޓީމާ އެކު ޕްރެކްޓިސް ކުރަން އެ ކުޅުންތެރިންނަށް ލިބޭނެ އެވެ.
ވީއޭއެމްގެ ޓެކްނިކަލް އަދި ޑިވެލޮޕްމެންޓް ކޮމިޓީގެ ޗެއާމަން މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ މި ފަހަރުގެ ވޮލީ ސީޒަނުގެ ފެންވަރަށް ބަލާއިރު، ކޮންމެ މެޗެއްގައި ވެސް ދިވެހި ކުޅުންތެރިންނަށް އެ ލިބެނީ ބައިނަލްއަގުވާމީ ލެވަލްގެ މެޗެއްގެ ތަޖުރިބާ ކަމަށެވެ.
"މި މުބާރާތުގައި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ހުންނާކަށް ނުޖެހޭނެ ބެންޗުގަ އެއް. ހުރިހާ ކުޅުންތެރިން ވެސް ފުލްކޮށް ކުޅެ ތަޖުރިބާ ހޯދާނެ،" ތިން ފަހަރެއްގެ މަތިން ގައުމީ ޓީމުގެ ކޯޗެއްގެ ގޮޮތުގައި ޓީމަށް އިރުޝާުދުދީފައިވާ ކާއްޓޭ ބުންޏެވެ.
ވޮލީ ސީޒަނަށް މި އައި ބަދަލާ އެކު، ހަމައެކަނި ފައިދާ އޮތީ ކުޅުންތެރިންނަށް އެކަންޏެއް ނޫނެވެ. މިއީ ދިވެހި ވޮލީބޯޅަ ކޯޗުންނާއި ރެފްރީންނަށް ވެސް ބަދަލުތަކެއް ފެންނާނެ ފަަހަރެކެވެ. ރަނގަޅު ފެންވަރުގެ ގިނަ ޓިމުތަކެއް އޮތުމުން، އެއްވެސް ކޯޗަކަށް ވަކި މެޗެއް ފަސޭހަވާނެ ކަމަށް ބަލާފައި، "ހިންދެމިލަން" ފުރުސަތެއް ނެތެވެ. އަނެއްކޮޅުން ވާދަވެރި މެޗުތައް ގިނަވެއްޖެނަމަ، މީގެ ރެފްރީންގެ ބޮލުގައި އެޅިފައި އޮންނަ ޒިންމާވާނީ އިތުރެވެ. އެ ގޮތުން ބަލާއިރު، މި ފަހަރުގެ ވޮލީ ސީޒަނުގެ ކޮންމެ މެޗެއް ވާދަވެރިކޮށް ފެންނައިރު، މިއީ ރެފްރީން ވެސް އަމިއްލަ ލެވަލް މައްޗަށް ޖައްސާލަން ބަލާއިރު، ލިބޭ މުހިންމު ފުރުސަތެކެވެ.












