ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން އަޅާ ނިންމާފައިވާ ގޮދަން ފުށް ފެކްޓްރީ ކުޅުދުއްފުށި ސިޓީއަށް ބަދަލުކުރީ ސިނާއީ ބަނދަރަކާ ކައިރި ސަރަހައްދަކުން ބިން ލިބެން އޮތުމުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ގޮދަން ފުށް ބަންދުކުރާ ފެކްޓްރީއެއް ގާއިމުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯ އިން އިއުލާނުކުރީ މިދިޔަ އަހަރު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. ބޭނުމަކަށްވީ ގޮދަން (ވީޓް ގްރެއިންސް) އެތެރެކޮށްގެން ރާއްޖޭގައި ޕްރޮސެސްކުރަން ފަށާ، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމެވެ.
މި ފެކްޓްރީ އޮޕަރޭޝަނަށް ގެނެވުމުން ކާޑުގެ ދަތިކަމަށް ހައްލެއް ލިބި، މިހާރަށް ވުރެ ގިނަ ދުވަހަށް ގޮދަން ފުށުގެ ސަޕްލައި ބެހެއްޓޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. މިއާއެކީ ދައުލަތުން މިހާރު ކާޑު ސަބްސިޑީ ދޭން ކުރާ ހަރަދުގެ ބޮޑު ބަޔެއް ސަލާމަތްކުރެވި، ފުށުގެ އަގު ހެޔޮކުރަން ފަހި ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
ހިންގުމުގެ ފަސޭހަ އާއި ސަލާމަތީ ސަބަބުތަކަށްޓަކައި އެސްޓީއޯއިން ފުރަތަމަ ވިސްނީ އެ ކުންފުނީގެ ބެލުމުގެ ދަށުގައި އޮތް ސިނާއީ ރަށެއްގައި މި ފެކްޓްރީ އަޅާށެވެ. އެފަހުން ވިސްނީ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ތިލަފުށި ނޫނީ ގުޅިފަޅުން ބިމެއް ހޯދައިގެން އެއިން ތަނެއްގައި މި ފެކްޓްރީ އަޅާށެވެ.
އެކަމަކު ފަހުން އެސްޓީއޯއިން ބުނީ ފުށް ފެކްޓްރީ އަޅާނީ ކުޅުދުއްފުށި ސިޓީގައި ކަމަށެވެ.
ކުންފުނީގެ ބޯޑުން މިގޮތަށް ނިންމެވި ސަބަބުތައް ހިއްސާދާރުންނަށް ސާފުކޮށްދެއްވަމުން ރޭ ބޭއްވި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އަމްރު ދެ ކަމެއް ފާހަގަކުރެއްވި އެވެ. އެއް ސަބަބަކީ ކޮމާޝަލް ޕޯޓަކާ ކައިރި ސަރަހައްދަކުން ބިން ލިބުމެވެ.
"ގޮދަން މިގޮތަށް ބަލްކުކޮށް ގެނެސް ސައިލޯއަކަށް އޮއްސާލާނީ. ސީދާ ބޯޓުން. އޮއްސާލާއިރުގައި އަޅުގަނޑުމެންނަށް ބޭނުންވާނެ ޕޯޓެއް ކައިރީގައި އޮތުން. ޕޯޓަކާ ޖެހިގެން، ބޮޑު ހަމަ އާގު ބޯޓަކަށް ގޮސް ކައިރި ކުރެވޭ ވަރުގެ ޕޯޓަކާ ޖެހިގެން ކައިރީގައި (ފެކްޓްރީ) ހުންނަން ޖެހެނީ."
އަނެއް ސަބަބަކަށް އަމްރު ފާހަގަކުރެއްވީ ލާމަރުކުރުމުގެ ސިޔާސަތުގެ ތެރެއިން މާލެ ނޫން ސަރަހައްދުތަކަށް އިގުތިސޯދު ފުޅާ ކުރުމެވެ. އަދި ވިދާޅުުވީ މި ދެ ގޮތުން ބެލި ނަމަވެސް, ފުށް ފެކްޓްރީ އަޅަން އެންމެ ރަނގަޅު "ލޮކޭޝަނަކީ" ކުޅުދުއްފުށި ސިޓީ އެވެ.
އެގޮތުން ކުޅުދުއްފުށިން ލިބުނު ބިމަކީ "ހަމަ ސީދާ ހީވީ އެކަމަށް ހަދާފަ، ހިއްކާފަ އޮތް ލޭންޑެއް" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މި ބިން އޮންނަނީ ކުޅުދުއްފުށި ރީޖަނަލް ޕޯޓު ކުރިމައްޗަށްވާ ގޮތަށް، ބަނދަރާ ވަރަށް ކައިރީގައި ކަމަށެވެ.
މި ބިން އޮންނަނީ އެމްޕީއެލް އަށް ދޫކޮށްފައިވާ ސަރަހައްދުގެ ތެރޭގަ އެވެ. ނިމުނު އޭޕްރިލް މަހުގެ ތެރޭގައި އެ ކުންފުނިން ވަނީ، ކުޅުދުއްފުށި ސިޓީ ކައުންސިލް މެދުވެރިވެގެން، އެސްޓީއޯ އަށް މި ބިން ދޭން އެއްބަސްވެފަ އެވެ.
ފުށް ފެކްޓްރީ ޕްރޮޖެކްޓުގައި އެސްޓީއޯއާ އެކީ އެމްޕީއެލް އިން ބައިވެރިވާ އަނެއް ސަބަބަކީ ކުޅުދުއްފުށި ޕޯޓު އަޕްގްރޭޑު ކުރުމުގެ މަސައްކަތެވެ.
އެމްޕީއެލް އިން 138 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ޕްރޮޖެކްޓުގެ މައިގަނޑު މަސައްކަތަކީ ކީވޯލް މިހާރަށް ވުރެ ފުންކޮށް، މިހާރަށް ވުރެ ބޮޑެތި އާގު ބޯޓުފަހަރަށް ބަނދަރަށް ކައިރި ކުރެވޭނެ މަގުފަހި ކުރުމެވެ. މިހާރު އެ ބަނދަރަށް ކައިރި ކުރެވެނީ 1500 ޓަނުގެ ބޯޓުފަހަރަށެވެ.
މި ޕްރޮޖެކްޓުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. އަމްރު ވަނީ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަން ހާމަކުރައްވާފަ އެވެ.
ގޮދަން ފުށް ފެކްޓްރީގެ މަސައްކަތާ ގުޅިގެން އަމްރު އިތުރަށް ވިދާޅުވީ ފެކްޓްރީގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށެވެ. އެކަމަކު އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެށި، ނިމޭނެ ތާރީހެއް ވިދާޅެއް ނުވެ އެވެ.
މި ފެކްޓްރީގައި އާދައިގެ ފުށުގެ އިތުރުން ކޭކު އަޅާ މީހުންނާއި ބޭކަރީތަކުގައި ބޭނުންކުރާ "ސްޕެޝާލިޓީ" ބާވަތްތަކުގެ ފުށް ތައްޔާރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.










